މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

މައްސަލަ ބޮޑުވި ޓެކްސް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ރައީސް މި ބިލު ތަސްދީގުކުރެއްވުމާ އެކު، އަންނަ އަހަރުން ފެށިގެން ޖީއެސްޓީ %6 އިން %8އަށް އަދި ޓީޖީއެސްޓީ %12 އިން %16އަށް ބޮޑުވާނެ
16 ނޮވެމްބަރު 2022
1

ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެނގުން މުހިންމު - ސަރުކާރުން ހުށަހެޅި ގޮތަކީ، އަންނަ ޖެނުއަރީން ފެށިގެން:

  • ޖީއެސްޓީ %6 އިން %8އަށް ބޮޑުކުރަން

  • ޓީޖީއެސްޓީ %12 އިން %16އަށް ބޮޑުކުރަން

ވީ ކިހިނެއް؟ - ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އެ ޓެކްސްތައް ބޮޑު ކުރުމަށް 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' ސަރުކާރުން ހުށަހެޅި ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ވެސް އޮތީ އެގޮތަށް ފާސްކުރަން ނިންމާފަ އެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި މުޅި މަޖިލީހުގެ ކޮމިޓީގެ ރިޕޯޓަށް ވަނީ ވޯޓަށް އަހާފަ އެވެ.

ތަފްސީލް - އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ ތެެއިން:

  • ބިލާ އެއްކޮޅަށް - 55 ވޯޓު

  • ފާސްކުރަން ނުފެންނަ ކަމަށް - 26 ވޯޓު

  • ވަކި ގޮތަކަށް ނުފެންނަ ކަމަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވާ

ފަސްމަންޒަރު - ޓެކްސް ބޮޑުކުރާ ބިލަށް މަޖިލީހުގައި މިއަދު ވޯޓަށް އަހާފައި މި ވަނީ، ކޮމިޓީ ރިޕޯޓު ތާވަލުކޮށްފައި އޮންނަތާ ދެ ދުވަސް ފަހުންނެވެ.

ޓެކްސް ބޮޑުކުރާ ބިލަށް މިދިޔަ ހޯމަ ދުވަހު ވޯޓަށް ނޭހުމުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ރިޔާސަތުގެ ކުރިމަތީގައި އިހުތިޖާޖުކުރައްވަނީ.
ޓެކްސް ބޮޑުކުރާ ބިލަށް މިދިޔަ ހޯމަ ދުވަހު ވޯޓަށް ނޭހުމުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ރިޔާސަތުގެ ކުރިމަތީގައި އިހުތިޖާޖުކުރައްވަނީ.

އެ ބިލު ދިރާސާކޮށް، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ރިޕޯޓް ފުރަތަމަ ތާވަލުކުރީ ހޯމަ ދުވަހުގެ ޖަލްސާއަށެވެ. ނަމަވެސް، ހޯމަ ދުވަހުގެ ޖަލްސާ އާއި އިއްޔެގެ ޖަލްސާ ވެސް ރިޔާސަތުން ނިންމާލީ އެ ބިލަށް ވޯޓަށް ނާހަ އެވެ. އެގޮތުން:

  • ހޯމަ ދުވަހުގެ ޖަލްސާގައި އޭރު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލެއްވީ ވޯޓަށް އަހަން ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ

  • ގަވައިދާ ހިލާފަށް ޖަލްސާ ނިންމާލި ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުން ހޯމަ ދުވަހާއި އިއްޔެ ވެސް ތަޅުމުގައި އިހުތިޖާޖު ވެސް ކުރެއްވި

  • މައްސަލަ ހޫނުވެ، އެ ބިލަށް އިއްޔެ ވޯޓަށް އަހާނެ ކަމަށް މަޖިލީހުން މެމްބަރުންނަށް އެންގި

  • އެކަމަކު އިއްޔެގެ ޖަލްސާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާލެއްވީ އެ ބިލަށް ވޯޓަށް ނާއްސަވާ؛ އެހެންވެ އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ މުލިއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުއްލި ބައްދަލުވުމެއް ބާއްވައި ނަޝީދު މަޖިލީހުގެ ކަންކަން ހިންގަވާ ގޮތުގެ ޝަކުވާ ރައީސަށް ހުށަހަޅުއްވާފައި

  • އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި، އެ ބިލާ މެދު ވޯޓަށް ނާހައި ލަސްކުރައްވަނީ ނަޝީދު އިސްވެ ހުންނަވައިގެން؛ ބަހުސްގައި ވެސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން މި ބިލާ ދެކޮޅު ހެއްދެވި

  • ރައީސް ސޯލިހް ބޭނުންފުޅުވީ ނަޝީދަށް ވެސް ކުރަން ޖެހޭ އިހްތިރާމްކޮށްގެން ޓެކްސް ބޮޑުކުރާ ބިލު ވީހާ ވެސް އަވަހަކަށް ފާސްކުރުމަށް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި

ކޮމެންޓް (1)

މޫސަ

16 ނޮވެމްބަރު 2022
ޔާނު ހޮވުނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް