ނަޝީދާއި އަސްލަމް. (ފައިލް ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

އަދިވެސް މި ބަލަނީ ނަޝީދާ އެކު ސިޔާސީ މަސައްކަތްކުރެވޭތޯ: ޕިޖީ ލީޑަރު

ނަޝީދު މަޖިލިސް ހިންގަވާ ގޮތް ކަމުނުގޮސްގެން އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވާފައި

ގަވައިދާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ބުނާ މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އެ މަގާމުން ވަކިނުކޮށް، އަދިވެސް ގުޅިގެން އެކުގައި މަސައްކަތް ކުރެވޭތޯ ބަަލަމުން އަންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން ބޭނުންވަނީ، ޖީއެސްޓީ އާއި ޓީޖީއެސްޓި އަންނަ އަހަރުން ފެށިގެން ބޮޑު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ވީހާ ވެސް އަވަހަކަށް ފާސްކުރުމަށެވެ. ނަމަވެސް، ކޮމިޓީ މަސައްކަތް ނިމިފައިވާ އެ ބިލަށް ވޯޓަށް ނާހާ އިއްޔެ އާއި މިއަދުގެ މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ސަރުކާރަށް ތާއިދުކުރައްވާ މެންބަރުން ވަނީ މުލިއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިއަދު މެންދުރުފަހު ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ.

މުލިއާގޭގައި އޮތް ބައްދަލުވުމަށް ފަހު، މެންބަރުން މުލިއާގެއިން ނުކުންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)

ތަފްސީލު - އެ ބައްދަލުވުމުން ނުކުމެވަޑައިގެން، އެ ސަރަހައްދުގައި ތިބި 'ދައުރު'ގެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މި މައްސަލައިގައި ނަޝީދު މަގާމުން ވަކިކުރަން މެންބަރުން ހުށަހަޅުއްވަމުން ގެންދަވާ ކަމަށާއި މިއަދުގެ ބައްދަލުވުމުގައި ރައީސަށް ވެސް އެކަން ދެންނެވި ކަމަށެވެ. ނަމަވެސް، އަދި މިވަގުތު އެކަން ކުރުމުގެ ވިސްނުމެއް ރައީސް ސޯލިހްގެ ވެސް އަދި ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭނާގެ ވެސް ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަސައްކަތް މި ކުރަނީ އެ ފިޔަވަޅު ނާޅައި، ރައީސް ނަޝީދަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސަށް ވެފައި، ދެވެން އޮތް މަގާމަކާއި އިހްތިރާމެއް އަދި ހައިސިއްޔަތަކާއި ދެވެން އޮތް އެއްޗެއް ދީގެން އެ މަނިކުފާނާ އެކު ސިޔާސީ މަސައްކަތް ކުރަން،" ނަޝީދާ އެކު ވަރަށް އަރިސްކޮށް މީގެ ކުރިން މަސައްކަތް ކުރެއްވި އަސްލަމް ވިދާޅުވި އެވެ.

މިހާރު ރައީސް ސޯލިހްގެ ފެކްޝަންގައި ހުންނެވި އަސްލަމް ވިދާޅުވީ، އޭނާ ބޭނުންވަނީ މިހާރު މި އޮތް ބައިބައިވުމާއި ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕުގެ މަސައްކަތްތައް އެގޮތަށް ބައްޓަންކުރަން ކުރެވެން ހުރި މަސައްކަތެއް ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - އަންނަ ޖެނުއަރީން ފެށިގެން ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހަޅާފައި ވަނީ:

  • ޖީއެސްޓީ %6 އިން %8އަށް ބޮޑުކުރަން    

  • ޓީޖީއެސްޓީ %12 އިން %16އަށް ބޮޑު ކުރަން

ޓެކްސް ބޮޑުކުރަން ތާވަލްކޮށްފައިވުމުން އިދިކޮޅު ޕީޕީއެމް އިން ވަނީ އިއްޔެ އާއި މިއަދު މަޖިލީހުގެ އިދާރާ ކައިިރިއަށް އެއްވެ، އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ.

އިތުރަށް ކިޔާލަން: 

ކޮމެންޓް (2)

ރިޔާޒް

15 ނޮވެމްބަރު 2022
މީދެން ކާކުތަ ނަޝީދަށް ފާޑުިޔާ އެއްޗިސް ކިޔަން. މަގާމަށް އައީ ނަޝީދުގެ ފޮޓޯ ވިއްކާގެ، ނަޝީދު އިސްވެ ކުރި މަސައްކަތުން. މިހާރު މި ފާޑަށް އްެއްޗިސް ކިޔުމުގެ ކުރިން ލަދު ގަންނަން ޖެހޭނެ. އިބޫ އުޅުނީ މަޖްލިސްގެ ގޮނޑިތަށް ކޯލިޝަން އަށް ބަހާލަން. އަންނި ކުރި މަސައްކަތުން ތިމީހުން ތިޔަތާ ތިޔަ ތިބެވެނީވެސް
0 0

އަޒުރާ

15 ނޮވެމްބަރު 2022
ތީ ޕީ.ޕީ އެމް ގުއިރޯނުގައި ޖައްސަން ޖަހާމަޅިއެއް، އަދި ބޭނުންވަނީ އިދިކޮޅު މިހުން ކަލޭމެންގެ މަޅީގައި ޖައްސައި އެންގޭޖް ކުރުވުން. އަނެއްކާ އެމީހުން ކަލޭމެންގެ މަޅީގައި އެބަ ޖެހޭ، ބޭނުންވަނީ އިދިކޮޅަށް އެމް.ޑީ.ޕީ ބައިބައިވެފާކަން ދެއްކުން. އެކަމަކު ކިތަންމެ ގޭމެއް ޖެއްސިއަސް އެމް.ޑީ.ޕީ އިންޝާﷲ ނުހޮވޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް