މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޓެކްސް ބޮޑުކުރަން ކޮމިޓީން ވަނީ ނިންމާފައި (ފައިލް ފޮޓޯ/މަޖިލިސް)

ޓެކްސް

ސަރުކާރުން ބޭނުންވި ގޮތަށް ޓެކްސް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ޓެކްސް މިހާރު ނަގާ ރޭޓުތަކުގައި ނެގުމަށް އިދިކޮޅުން ހުށަހެޅި ހުށަހެޅުންތަކަށް ތާއީދެއް ނުލިބުނު

އިސްލާހުތައް ބޭރުކޮށްލައި ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެނގުން މުހިންމު - ސަރުކާރުން ހުށަހެޅި ގޮތަކީ، އަންނަ ޖެނުއަރީން ފެށިގެން:

  • ޖީއެސްޓީ %6 އިން %8އަށް ބޮޑުކުރަން

  • ޓީޖީއެސްޓީ %12 އިން %16އަށް ބޮޑު ކުރަން

ވީ ކިހިނެއް؟ - ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އެ ޓެކްސްތައް ބޮޑު ކުރުމަށް 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' ސަރުކާރުން ހުށަހެޅި ބިލު ދިރާސާކޮށް ނިންމައި ތަޅުމަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ތަފްސީލު - ބިލު އެ ގޮތަށް ފާސްކުރުމުގެ ކުރިން، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވީ މިހާރު ހުރި ރޭޓްތަކުގައި ޓެކްސްތައް ނެގުމަށެވެ. ނަމަވެސް، 56 މެންބަރުން އެ ހުށަހެޅުންތަކާ ދެކޮޅަށް ވޯޓު ދެއްވުމުން އެ ހުށަހެޅުންތައް ފާހެއް ނުވި އެވެ.

އޭގެ ފަހުން، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އާލީ އާޒިމް ވެސް ތިން ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. އޭނާ ހުށަހެޅުއްވީ:

  • ޖީއެސްޓީ %14އަށް ބޮޑު ކުރަން - ފާސްކުރުމަށް ވޯޓު ދެއްވީ 15 މެންބަރުން؛ ދެކޮޅަށް 46 އަދި ވަކި ކޮޅަކަށް އެއް މެންބަރަކު ވޯޓެއް ނުދެއްވާ

  • ގެސްޓް ހައުސްތަކުން ނަގާ ޓީޖީއެސްޓީ މިހާރު ނަގާ %12 ރޭޓުގައި ދަމަހައްޓަން - ފާސްކުރުމަށް ވޯޓު ދެއްވީ 19 މެންބަރުން؛ ދެކޮޅަށް 44 އަދި ވަކި ކޮޅަކަށް އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވާ

  • އަންނަ އޭޕްރީލް މަހުން ފެށިގެން ޓެކްސް ބޮޑު ކުރަން - ފާސްކުރުމަށް ވޯޓު ދެއްވީ 15 މެންބަރުން؛ ދެކޮޅަށް 45 އަދި އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވާ

  • އެ ވޯޓުތަކުގައި ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ، މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

އެ ހުށަހެޅުންތައް ބޭރުކޮށްލުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިލު އޮތް ގޮތަށް ވޯޓަށް އެހުމުން، އެ ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ 50 މެންބަރުންގެ ވޯޓާ އެކުު އެވެ. ބިލާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވި އިރު، އެމްޑީޕީއަށް ނިސްބަތްވާ އިބްރާހިމް ރަޝީދު ވަކި ކޮޅަކަށް ވޯޓެެއް ނުދެއްވަ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ބަޖެޓް ފާސްކުރުމުގެ ކުރިން ޓެކްސް ބޮޑުކުރުމާ މެދު ގޮތެއް ނުނިމިދާނެތީ ސަރުކާރުގެ މެންބަރުންގެ އޮތް ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި ޓެކްސް ބޮޑުކުރަން ކޮމިޓީން ފާސްކުރުމާ އެކު ނަޝީދު ވިދާޅުވީ، މިއަދު އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް މިދިޔަ ބުދަ ދުވަހު މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އަރިހުގައި ދެންނެވި ކަމަށެވެ. އަދި މިއަދު މިކަން ނިމުމަކީ އެ މަނިކުފާނުގެ "ހިތަށް ލިބޭ އުފާވެރި ކަމެއް" ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ މާދަމާ ކޮމިޓީ ރިޕޯޓު މެންބަރުންނަށް އެރުވުމަށް ފަހު މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ދޭން ޖެހޭ ވަގުތު ދިނުމަށް ފަހު، މަޖިލީހުގެ ޖަލްސާގައި ތާވަލުކޮށްދެއްވާނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރުންނަށް އެނިވަޑައިގަންނަވަންވީ އެއްޗަކީ، އަޅުގަނޑު މިތާ އިނދެ، އެހެން ގޮަތަކަށް ކަމެއް ކުރާން އުޅެނީ ނަމަ އަދި ކުރާނީ މާ އެހެން ގޮތަކަށްކަން. އެހެންވީމަ އެއްގޮތަކަށް ވެސް މިކަންކަމާ ކަންބޮޑުވެލައްވާނެ ކަމެއް ނެތް. މި މަޖިލީހުގެ ކަންތައް ގެންދަންވާނީ ގަވައިދުގައިވާ ގޮތުގެ މަތިން، ވަކި ސަރުކާރަކަށް، ވަކި ސިޔާސީ ޕާޓީއަކަށް ފަހިވާ ގޮތަކަށް ނޫން. އިއްޒަތްތެރި މެންބަރުން ރުހިވަޑައިނުގަތަސް އަދި ރުހިވަޑައިގަތަސް އިރާދަކުރެއްވިއްޔާ މި މަޖިލީހުގައި ކަންތައް ހިނގަމުންދާނީ އެ ގޮތަށް،" ވޯޓަށް ފަހު ކޮމިޓީ ނިންމާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު. (ފޮޓޯ/ މަޖިލިސް)

ޓެކްސް ބޮޑުކުުރުމުގެ ދިރާސާގެ ތެރެއިން އެމްޑީޕީގެ ބައެެއް މެންބަރުން މަސައްކަތް ކުރެއްވީ މާހިރުންގެ ބަހެއް ނެތި މިކަން ކުރުމަށެވެ. އަދި ކޮމިޓީން އެގޮތަށް ހުށަހަޅައިގެން ފާސްކޮށްފައި ނުވާ އިރު، ރިޔާސަތުގައި އިންނަވައިގެން ނަޝީދު އެގޮތަށް ކަންތައް ކުރެއްވުމުން ބައެއް މެންބަރުން ނުރުހުން ފާޅުކުރެއްވި އެވެ.

ފަސް މަންޒަރު - އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހުށަހެޅުއްވި ބަޖެޓްގައި ޓެކްސް ބޮޑުކޮށްގެން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ބޮޑުނުކޮށް، އަޅަން ޖެހޭ ފިޔަަވަޅުތައް ނާޅައިފި ނަމަ، ޑެފިސިޓް 14 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް