މިރޭ އަލަށް ބޭއްވި 'ޝެފްސް އެވޯޑް' ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ޝެފަކަށް އެވޯޑު ހަވާލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ރައީސްގެ އިލްތިމާސް: 'ވިލާތުގެ އަރުތަކަށް' ދިވެހި ރަހަތައް ތައާރަފްކޮށްދީ
ދިވެހި ކެއުންތައް ޓޫރިސްޓުންނަށް ފޯރުކޮށްދީގެން، ކަލިނަރީގެ ވަކި ބްރޭންޑެއް އުފެއްދިދާނެ ކަމަށް ވިދާޅުވެ، ދިވެހި ރަހަތައް "ވިލާތުގެ އަރުތަކަށް" ތައާރަފްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސްކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި، 'ޝެފް އެވޯޑްސް' ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ، ކެއްކުމުގެ ދާއިރާ އާއި ދިވެހިންނާ ހުރި ގުޅުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި ކައްކާ މީހުން އެކަށީގެންވާ މިންވަރަށް ނެތުމާއި ހާއްސަކޮށް، ބޭރުގެ ރަހަތައް ކައްކަން ދަންނަ މީހުން ނެތުމަކީ އެންމެ ކުރީގައި ވެސް ޓޫރިޒަމް ދާއިރާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފުޅާވެ، ގިނަ އަތޮޅުތަކެއްގައި ގެސްޓްހައުސްތަކާއި ރިސޯޓުތައް ހުޅުވަމުން އަންނައިރު، ކަލިނަރީ ހުނަރުވެރިން ބޭނުންވާ މިންވަރު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިއީ ދިވެހި ޒުވާނުން ކުރިމަތިލުމަށް މުހިއްމު ފަންނެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
ދިވެހި ޝެފުން ނުކުމެ ދިވެހި ރަހަތައް ބޭރު މީހުންނަށް ފޯރުކޮށްދީފި ނަމަ، ކަލިނަރީ ދާއިރާގެ މުޅިން އާ ބްރޭންޑެއް އުފެދިގެންދާނެ
-
ދިވެހިންގެ ރަހަތަކާއި ވިލާތުގެ ރަހަތައް ގުޅުވައިގެން މުޅިން އާ ރަހަތަކެއް އީޖާދުކުރެވިދާނެ
-
ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހިން ހޯދާ ކާމިޔާބީއަށް ބަލާއިރު އެއީ ކުރެވިދާނެ ކަމެއް، އަދި އެއީ ކުރެވިދާނެ ކަމެއް ކަމަށް ޓޫރިޒަމްގެ ތާރީހު ވެސް ބުނޭ
"އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާ އާއި ހައިދަރުއާބާދީ ބިރިޔާނީއެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީ އާއި ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއް ވެސް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިކަން ކުރުމަށް ބޭނުންވަނީ އިސްނަގާނެ ބައެކެވެ. ރާއްޖޭގެ ޓޫރިޒަމުގައި ހިދުމަތްދޭ ހުރިހާ ޝެފުން އެކަމަށް ވިސްނަން އެދިވަޑައިގަންނަވާ ކަމަށާއި އެފަދަ އީޖާދީ މަސައްކަތެއް ކުރެވިއްޖެ ނަމަ އެއީ ގައުމަށް ލިބޭނެ ވަރަށް ރީތި ނަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ޝެފުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ދިވެހި ކައްކާއިން މިހާރު އެބަތިބި ކަމަށާއި އެކަމަކު ރާއްޖޭގައި ޓޫރިޒަމް ފުޅާވެފައި އޮތް މިންވަރަށް ބަލާއިރު އެކަށީގެންވާ އަދަދަކަށް ދިވެހި ޝެފުން ނެތް ކަމަށެވެ.
އެހެންވެ، ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، އެ ފަންނު އިތުރަށް ތަރައްގީވެ، ފުޅާވެގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި އޮންނަނީ ކެއްކުމަކީ ގޭގައި އުޅޭ މީހުންނަށް ކާބޯތަކެތި ރޯފިލުވާލުމޭ. އެކަމަކު އެއީ އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ކެއްކުންތެރިކަމަކީ ވިޔަފާރިއެއް، ހިދުމަތެއް އަދި ހިތްހަމަޖައްސާލުމެއް ކަމަށް ވެސް ބެލެވިދާނެ. އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މީ އެކަށީގެންވާ ދާއިރާއެއް."