ހިޔާ ފްލެޓް ސަރަހައްދު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހިޔާ ފްލެޓްތައް

ކަރަންޓު ކެނޑުނު މައްސަލައިގައި މަގު ކޮނުނު މީހުންނަށް ފިޔަވަޅު އަޅަނީ

އިއްޔެ ހިޔާ ފްލެޓު ސަރަހައްދުން ހަތަރު ގަޑިއިރަށް ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ މަގު ކޮނުމުގެ މަސައްކަތް ކުރަނިކޮށް؛ އެޗުޑީސީން ބުނީ އެ މަސައްކަތް ކުރަމުންދިޔައީ ހުއްދަ ނުނަގައި ކަމަށް
16 ނޮވެމްބަރު 2022

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުން އިއްޔެ ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނީ ގަވާއިދާ ހިލާފަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެޗުޑީސީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ހިޔާ ޓަވަރުތަކުން ފެނާއި ކަރަންޓު ކެނޑުނީ މެންދުރު 11:05 ހާއިރެވެ. އެ ޓަވަރުތަކަށް ކަރަންޓު އަލުން ދެވޭ ވަރުވީ އެ ހިދުމަތް މެދުކެނޑުނުތާ ހަތަރު ގަޑިއިރު ފަހުންނެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން މިއަދު އެޗުޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ އެ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފަރާތުން އިމާރާތް ކުރަމުން އަންނަ މަޝްރޫއެއްގެ ކޮންޓްރެކްޓަރު، މަގު ކޮނުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

"މި ކޯޕަރޭޝަނުން ބެލިބެލުމުން މި މަސައްކަތް ކޮށްފައިވަނީ ނަގަން ޖެހޭ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށްކަން ވަނީ ފާހަގަކުރެވިފައި،" އެ ބަޔާނުގައިވެ އެވެ.

"އަދި މިކަމާ ގުޅިގެން މި ކޯޕަރޭޝަންގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ."

ތަފްސީލު - ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މަގު ކޮނެގެން ކުރަން ޖެހޭ މަސައްކަތައް ކުރުމުގައި އެޗުޑީސީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ނަގަން ޖެހެ އެވެ.

އެޗުޑީސީން ބުނީ ހުއްދަ ދިނުމުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ފަރާތްތަކަށް އެ ކޯޕަރޭޝަނުން އެކަން އަންގައި އިންސްޕެކްޓަރުންގެ ޓީމަކުން ސައިޓަށް ގޮސް މަސައްކަތް ކުރާ ގޮތް ގަވާއިދުން ބަލަމުންދާނެ ކަމަށެވެ.

އެނގުން މުހިންމު - ގާތްގަނޑަކަށް 30،000 އެއްހާ މީހުން ދިރިއުޅޭ ހިޔާ ޓަވަރުތަކުން ފެނާ ކަރަންޓު ކެނޑޭ މައްސަލަ އަކީ އެ ތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި އާންމު ކަމެކެވެ. އެގޮތުން، އިއްޔެ ކަރަންޓާއި ފެން ކެނޑުމާ އެކު އެއީ މި މަހު އެ ސަރަހައްދުން އެ ހިދުމަތްތައް ކެނޑުނު ހަތަރު ވަނަ ފަހަރު ކަމަށް ހިޔާގައި ދިރިއުޅޭ ބައެއް މީހުން 'ދައުރު'އަށް ވަނީ ބުނެފަ އެވެ.

މިގޮތަށް ހިދުމަތްތައް ކެނޑޭ ކޮންމެ ފަހަރަކު އާންމު ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާކަމުގެ ޝަކުވާ ހިޔާގައި ދިރިއުޅޭ މީހުން ކުރަމުން އަންނައިރު، އެކަމުގެ ސަބަބުން ދިމާވި ދަތިތަކަށް އެޗުޑީސީން ވަނީ މައާފަށް އެދިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް