ހިޔާ ފްލެޓްތަކުން މިދިޔަ ޖެނުއަރީ މަހު ކަރަންޓު ކެނޑުނު ދުވަހު ބަޔަކު ބެލްކަނީގައި މަޑުކޮށްލައިގެން. (ދައުރު ފޮޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ހިޔާ ފްލެޓްތައް

ކަރަންޓާއި ފެނާ ނުލާ 4 ގަޑިއިރު: އެތައް ހާސް ބަޔަކު ހިޔާގައި ތާށިވެފައި

ހިޔާ ސަރަހައްދުން ފެނާއި ކަރަންޓު ކެނޑުމުގެ މައްސަލަ އާންމު ކަމަކަށް ވެފައިވާ ކަމަށް އެ ތަނުގައި ދިރިއުޅޭ ބައެއް މީހުން ބުނޭ
15 ނޮވެމްބަރު 2022

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުން މިއަދު ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑި އެތައް ހާސް ބަޔަކު އެ ޓަވަރުތަކުގައި ގިނައިރުތަކެއް ވަންދެން ތާށިވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ހިޔާ ޓަވަރުތަކުގައި ދިރިއުޅެމުން އަންނަ ފަރާތަތްކުން ބުނާ ގޮތުގައި، ފެނާއި ކަރަންޓު ވެސް ކެނޑުނީ މިއަދު 11:05 ހާއިރެވެ. އެ ޓަވަރުތަކަށް ކަރަންޓް އަލުން ދެވޭ ވަރުވީ އެ ހިދުމަތް މެދުކެނޑުނުތާ ހަތަރު ގަޑިއިރު ފަހުންނެވެ.

ތަފްސީލް - 30،000 އެއްހާ މީހުން ދިރިއުޅޭ ހިޔާ ޓަވަރުތަކުން ފެނާ ކަރަންޓާއި ކެނޑޭ މައްސަލައަކީ އެ ތަނުގައި ދިރިއުޅޭ އެތައް ބަޔަކު ކުރާ ޝަކުވާއެކެވެ. ހިޔާގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި އެ ތަނުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމަކީ އާއްމު ކަމެކެވެ. ހިޔާގައި ދިރިއުޅޭ މީހަކު 'ދައުރު'އަށް ބުނީ މިއީ މި މަހު އެ ސަރަހައްދުން އެ ހިދުމަތްތައް ކެނޑުނު ހަތަރު ވަނަ ފަހަރު ކަމަށެވެ.

ހިދުމަތް ކެނޑޭ ކޮންމެ ފަހަރަކު ވެސް އެންމެ ދަތިވަނީ، އޭނާ ބުނި ގޮތުގައި، ޓަވަރުތަކުގެ އެންމެ މަތީ ފަންގިފިލާތަކުގައި އުޅޭ މީހުންނަށެވެ. ބައެއް މީހުން ލިފްޓުތަކުގައި ވެސް ތާށިވާއިރު، ލިފްޓަށް މައްސަލައެއް ޖެއްހިއްޖެ ނަމަ މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ އެތައް ބަޔަކު ފްލެޓުތަކުގައި ތާށިވެ އެވެ.

"ކިހިނެއް ތިރިއަށް ފައިބަނީ މިހާ މަތިން؟ ކަރަންޓު ކެނޑުނީ ބޭރުގައި ހުއްޓާ ވެއްޖިއްޔާ އެތައް ގަޑިއިރެއް މަޑުކުރަން އެބަ ޖެހޭ. ކިހިނެއް އެހާ މައްޗަށް އަރަނީ؟،" ހިޔާ ޓަވަރެއްގެ 24 ވަނަ ފަންގިފިލާގައި އުޅޭ މީހަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން، ބުންޏެވެ.

ހިޔާ ފްލެޓްތަކުން މިދިޔަ ޖެނުއަރީ މަހު ކަރަންޓު ކެނޑުނު ދުވަހު ކުއްޖަކު ބެލްކަނީގައި މަޑުކޮށްލައިގެން. (ދައުރު ފޮޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މިއަދު ކަރަންޓާއި ފެން ކެނޑުނީ ދަރިވަރުން ސްކޫލަށް ދާން ޖެހޭ ގަޑިއާ ދިމާކޮށް ކަމަށްވާތީ، ގިނަ އަދަދެއްގެ ކުދިންނަށް ސްކޫލަށް ނުދެވި، ފިލާވަޅުތައް ގެއްލުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން، ހިޔާގައި ދިރިއުޅޭ އެތައް ދަރިވަރުންނެއް ކިޔަވަމުންދާ ރެހެންދި ސްކޫލްގެ ކްލާސްތައް މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް، ކަރަންޓު ކެނޑުމުގެ ސަބަބުން އެ ކުދިންނަށް ވެސް ކްލާސްތަކުގައި ބައިވެރިނުވެވުނު ކަމަށް އޭނާ ބުންޏެވެ.

އެނގުން މުހިންމު - ރެހެންދި ސްކޫލްގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެ ސްކޫލުގެ ކިޔެވުން މިއަދު ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. 

ހިޔާގައި ދިރިއުޅޭ އެހެން މީހަކު 'ދައުރު'އާ ވާހަކަދައްކަމުން ބުނީ މިގޮތަށް ހިދުމަތްތައް ކެނޑޭ ކޮންމެ ފަހަރަކު އެތައް ބައެއްގެ އާއްމު ދިިރިއުޅުމަށް ބުރުއަރާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް އެ މައްސަލަ ކުރިމަތިވަނީ މަސައްކަތް ކުރާ ފަރާތްތަކުން ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށް ބުނެ، އޭނާ ނުރުހުން ފާޅުކުރި އެވެ.

"ކޮންމެ ފަހަރަކު ވެސް ކޭބަލަކަށް ނޫނީ ހޮޅިއަކަށް ގެއްލުން ވެގެން މިހެން ވަނީ. ފަރުވާކުޑަކޮށް މަސައްކަތް ކުރެވޭތީ ދޯ އަސްލު މިހާ ގިނައިން މި މައްސަލަތައް ދިމާވަނީ؟،" އޭނާ ބުންޏެވެ.

"މިއަދު ފެންވަރަން ހުއްޓާ ފެން ކެނޑުނީ. ދެން މިއަދު ކުރަން ހުރި ހުރިހާ ކަމެއް އެ ދިޔައީ."

އޭނާ ބުނީ ހިޔާގައި ދިރިއުޅޭ ގިނަ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެ ހިދުމަތްތައް ކެނޑުމުން ކަމާ ބެހޭ އިދާރާތަކުގެ ފަރާތުން ޖަވާބު ލިބުން ލަސްވުމެވެ.

"އެއްވެސް ބަޔަކު ފޯނެއް ނުނަގާ ގުޅިޔަސް. އެތައް އިރަކު ހުންނަން އެބަ ޖެހޭ ވާނުވާ ނޭނގިގެން. ކަރަންޓާއި ފެން ކެނޑިއްޖިއްޔާ ދެން ލިބޭނެ އިރެއް ވެސް ތަންކޮޅެއް އަވަހަށް ބުނެވޭ ނަމަ ފަސޭހަވާނެ،" އޭނާ ބުންޏެވެ.

ސްޓެލްކޯގެ ބަސް - ސްޓެލްކޯ އިން ބުނީ މިއަދު ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑުނީ، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އައި ބަޔަކު އެ ސަރަހައްދު ކޮނުމުގެ ތެރޭގައި، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.

"މައްސަލަ ހައްލުކޮށް މިހާރު ވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން،" އޭގެ ހަތަރު ގަޑިއިރު ފަހުން މައްސަލަ ހައްލުކޮށް، ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް