ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މޫސާ މެންކް 28 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ ރޭ މާލޭ ކާނިވާ ސަރަހައްދުގައި ދެއްވި ދީނީ ތަގުރީރުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ވަރި އެއީ އެންމެ ފަހު ކަންތައް، އެކަމަކު އަނިޔާއަށް ކެތްނުކުރާތި: މުފްތީ މެންކު

މުފްތީ ވިދާޅުވި ގޮތުގައި ކޮންމެ ހާލަތެއްގައި ވެސް، ދޫތަކާއި ގުރުބާންތަކެއް ވެގެން ނަމަވެސް ކައިވެނީގެ ގުޅުން ދަމަހައްޓަން ޖެހޭ. އެކަމަކު އަނިޔާ ކުރާނަމަ، ވަރިވުން ހުއްދަ ކަމަށް ވިދާޅުވި
31 އޮކްޓޯބަރު 2022

'އާއިލީ މައްސަލަތަކާ ކުރިމަތިލާނެ ގޮތު'ގެ ނަމުގައި މިރޭ، ހުޅުމާލޭގައި ބޭއްވި ދަރުސް ފެށިގެން، އެތައް އިރެއްވި އިރު ވެސް، ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މޫސާ މެންކު ވާހަކަ ދެއްކެވީ ކައިވެނީގެ މުގައްދަސް ގުޅުމާ ގުޅޭގޮތުންނެވެ. ކެތްތެރިކަމާއި ގޮތްދޫކުރުމާއި ގުރުބާންތަކާ އެކު އެ ގުޅުން ދެމެހެއްޓުމުގެ މުހިއްމު ކަމާ ގުޅޭގޮތުންނެވެ. 

މުފްތީގެ ނަޒަރުގައި ވަރި ވާން ޖެހޭނީ އެންމެ ފަހު ކަމަށެވެ. ދެން އެ ނޫން ގޮތެއް ނެތިގެން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެކަމަކު ކޮންމެ ހާލެއްގައި ވެސް ކައިވެނީގެ ގުޅުން ދެމެހެއްޓުމާ ގުޅޭގޮތުން ދެއްވި އެ ދަރުސްގެ ވަކި ހިސާބަކުން، މުފްތީ އެހެން ވާހަކައެއް ވެސް ވިދާޅުވި އެވެ. 

"ކައިވެންޏެއް ރޫޅާލަން ޖެހޭ އެންމެ ބޮޑު ސަބަބަކަށް ވާން ޖެހޭނީ އަނިޔާކުރުން. އެ ހާލަތުގައި ހުއްދަ. އެ ވެދާނެ ﷲ އޭނާއަށް ދެއްވި ނިއުމަތަކަށް ވެސް،" އެތައް ހާސް ބަޔަކު އެއްވި އެ ދަރުސްގައި، ޒިމްބާބުވޭގެ އިލްމުވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަނިޔާ ކުރާނަމަ، އެ ގުޅުން ކުރިއަށް ގެންދިޔުމަށް ހިތްވަރު ދީގެން ވެސް ނުވާނެ އެވެ. ހުރިހާ މައްސަލަތަކެއް ކައިވެނީގެ ތެރެއިން ހައްލުވާނެ ކަމަށް ބުނުމަކީ، އެ ހާލަތުގައި ގޯހެއް ކަމަށް މުފްތީ ވިދާޅުވި އެވެ.

އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ކައިވެނީގެ މާތް ގުޅުން ނިންމާލަން ޖެހޭނީ އެ ފަދަ ހާލަތަކަށް ދިރިއުޅުން ދިޔުމުންނެވެ. ދެން ހުރި އެހެން ގިނަ ކަންތައްތަކަކީ ދެމަފިރިން ވާހަކަ ދައްކައިގެން، ހައްލު ކުރެވޭނެ ކަންކަން ކަމަށް މެންކު ވިދާޅުވި އެވެ.

މުފްތީ ވިދާޅުވި ގޮތުގައި ލޯތްބަކީ ތަކުލީފެކެވެ. ވޭން ދެނިވި، އިމްތިހާނެއް ވެސް މެ އެވެ. އެކަމަކު ދެމަފިރިން،  ލޯބި، އޭގެ ގޮތުގައި ދޭން ތައްޔާރުތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"އަހަރުމެން ބުނޭ ލޯބިވެއޭ. އެކަމަކު އެ ކަމަށް ގުރުބާންވާން ތައްޔާރުތަ؟ [މައްސަލަތަކާ މެދު] ވާހަކަ ދައްކަން ތައްޔާރުތަ؟ ކެތްތެރިވާން ތައްޔާރުތަ؟،" މުފްތީ އެއްސެވި އެވެ. 

މެންކުގެ ވާހަކަ އެހާހަމައަށް ދިޔަތަނުން ބޯކޮށް ވާރޭ އޮއްސާލި އެވެ. އެކަމަކު ކުޑައެއް ނަންގަވައިގެން، ތަގުރީރު ކުރިއަށް ގެންދަވަމުން ވިދާޅުވީ މާތްﷲ ދެއްވާ ނިއުމަތްތަކާ މެދު، ނުރަނގަޅު ގޮތަކަށް ވިސްނައިގެން އެއްވެސް މައްސަލައަކަށް ހައްލު ނާންނާނެ ކަމަށެވެ. އެކަމަކު އެއީ ﷲ ދެއްވި ނިއުމަތްތަކެއް ކަމުގައި ދެކިގެން، ދިރިއުޅުން ކުރިއަށް ގެންދާނަމަ، ރިވެތި ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާނެއްގެ ހައިސިއްޔަތުން އެކަކު އަނެކަކާ ތަފާތުތައް ހުންނާނެ އެވެ. އެކަމަކު ދިރިއުޅުން ކުރިއަށް ގެންދެވޭނީ، އެ ތަފާތުތަކާ އެކު ކުރިއަށް ގޮސް، ނިއުމަތްތަކާ މެދު ޝުކުރު އަދާކޮށްގެން ކަމަށް ވިދާޅުވި އެވެ.

ދެން މުފްތީ ދެއްކެވީ، ބައެއް މީހުން ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ މިސާލެކެވެ؛ ބޭރުން ގެއަށް ވަންނަ ފިރިމީހާ، ގޭގައި އިންނަ އަނބިމީހާއަށް ބޭނުން އެއްޗެއް ކިޔުމުގެ ހައްގު ލިބިދޭ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ކުރިން އޭނާ ﷲއަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި އަނބިމީހާއަށް ނޫނީ ދަރިންގެ ކުރިމަތީގައި އެ ކުދިންގެ މަންމައަށް އެއްޗެހި ކިޔަން ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. 

"އަބަދު އެހެން މީހުންނަށް އިނގިލި ދިއްނުކުރާތި. އަމިއްލަ މީހާ ވެސް ގޯސްވެދާނެކަން ގަބޫލުކުރަން ޖެހޭނެ. އަދި އެ މީހަކާ މެދު ނުވަތަ ހާލަތާ މެދު ކަންބޮޑުވެގެން ވާހަކައެއް ދައްކާނަމަ، އެ ވާހަކަތައް ވެސް އަޑުއަހަން ޖެހޭނެ،" މެންކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލު ކުރަން ނޫޅެ، އެކަކު އަނެކެއްގެ ކުށް ދައްކާނަމަ، ދުވަހަކު ވެސް މައްސަލައެއް ހައްލެއް ނުވާނެ އެވެ. 

މުފްތީ ވިދާޅުވި ގޮތުގައި:

  • ކައިވެންޏެއް ކުރުމުގެ ކުރިން، ﷲ އެންގެވި، އަދި ރަސޫލާ ދެއްކެވި ގައިޑްލައިންއަށް އަމަލު ކުރަން ޖެހޭ

  • މީހަކާ ކައިވެނި ކުރުމުގެ ކުރިން، އެ މީހެއްގެ މިޒާޖާއި އަހުލާގާއި ﷲއާ ދެމެދު އޮންނަ ގުޅުމަށް ބަލަން ޖެހޭ

  • އެކަމަކު އެކަމަށް އަހައްމިއްޔަތުކަން ނުދީ ކައިވެނިކޮށް، އެ ގުޅުން އަވަހަށް ނިމުމުން މާޔޫސްވޭ

އޭނާ ވިދާޅުވި ގޮތުގައި  ދެމަފިރިން ވެސް، ދިރިއުޅުމުގެ މަގްސަދަކީ ﷲގެ ރުހުން ހޯދުން ނަމަ، ކައިވެނީގައި މައްސަލަ ޖެހޭ މިންވަރު މަދުވާނެ އެވެ. އަދި މައްސަލަ ޖެހުނު ނަމަވެސް ހައްލު ކުރަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ދަރުސްގައި ތަކުރާރުކޮށް، ކައިވެނީގައި ގޮތް ހުސްނުވުމަށް މެންކު އެދިވަޑައިގެންނެވި އެވެ. އަދި ޖެހޭ މައްސަލަތައް ރަހުމަތްތެރިންނަށާއި އާއިލާގެ މީހުންނަށް އެނގެން ނުޖެހޭ ކަމަށާއި އޭރުން އެ މީހުންގެ ރައުޔު ވެސް އެކަމުގެ ތެރެއަށް ވަދެ، އިތުރަށް ހާލަތު ގޯސްވާނެ ކަމަށް ވިދާޅުވި އެވެ.

މުފްތީ ވިދާޅުވީ ގޮތުގައި:

  • ކައިވެނި ރޫޅުމަށް ފަހު ވެސް ދެމަފިރިން ދަރިން ހަތިޔާރަކަށް ބޭނުން ކުރޭ

  • ބައެއް ފަހަރު، ދަރިން ބައްޕަ ނޫނީ މަންމައާ ވާހަކަ ދެއްކުމަށް ބެލެނިވެރިޔާ ދެކޮޅު ހަދާ 

  • މީގެ އަސަރު އަވަހަށް ނޫނީ ފަހުން ވިޔަސް ދަރިންގެ ފަރާތުން ފެންންނާނެ

"ދަރިން ތަސައްރަފު ފުދެންދެން، އެކަކު އަނެކަކާ، މައިންބަފައިންގެ ހައިސިއްޔަތުން ގުޅުން ބާއްވަން ޖެހޭނެ،" ވަރިވިޔަސް، ދަރިން ތިބޭހާ ހިނދަކު، ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ކެނޑިގެން ނުދާނެކަން ފާހަގަ ކުރައްވައި މެންކު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް