ޔުޓިލިޓިޓީ ރެގިއުލޭޓަރީ ގާނޫނަށް ގެނައި އިސްލާހު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކޮށްދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކުއްޔަށް އުޅޭ މީހުންނަށް ކަރަންޓް/ފެނަށް ބިލުކުރެވޭގޮތް ހަދައިފި

ކުރިން އޮންނަ ގޮތުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނަށް ވެސް ބިލު ފޮނުވަނީ އެ ތަނެއްގެ ވެރިފަރާތަށް. މިހާރު އެއަށް ޒިންމާވާން ޖެހޭނީ ކުއްޔަށް އުޅޭ މީހުން
31 އޮކްޓޯބަރު 2022

ކުއްޔަށް ދޫކުރާ އިމާރާތް ނުވަތަ އެޕާޓްމަންޓަށް ކަރަންޓާއި ފެނަށް ބިލުކުރާއިރު ތަނުގެ ވެރިފަރާތަށް ބިލުކުރުމުގެ ބަދަލުގައި އެ ތަން ކުއްޔަށް ނަގައިގެން އުޅޭ ފަރާތަށް ސީދާ ބިލުކުރެވޭ ގޮތަށް ހެދުމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

އެނގުން މުހިންމު - ކުރިން އޮންނަ ގޮތުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނަށް ވެސް ބިލު ފޮނުވަނީ އެ ތަނެއްގެ ވެރިފަރާތަށެވެ. އެހެން އޮންނާތީ ބައެއް ފަހަރު ކުއްޔަށް އުޅޭ މީހުން ތަން ދޫކޮށްލާފައި ދާއިރު ބިލަށް ފައިސާ ނުދައްކާތީ އޭގެ ޒިންމާ ވެރިފަރާތުން ނަގަން ޖެހެ އެވެ.

އެހެންވެ، ލިބިގަންނަ ހިދުމަތަށް، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބިލު ކުރަންވީ ގޮތުގެ ގަވައިދާއެކު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އޮކްޓޫބަރު 17ގައި ވަނީ ފާސްކޮށްފަ އެވެ.

ވީ ކިހިނެއް؟-  މި ގާނޫނަށް ގެނައި އިސްލާހަކީ، ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް، އާއްމު ބޭނުންތަކުގެ ހިދުމަތްތަކުން ބިލްކުރުމާ ގުޅޭ ގަވައިދު ހެދުމާ ގުޅޭ މާއްދާއެއް އިތުރުކުރުމެވެ. އެގޮތުން:

  • އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ހިދުމަތްތަކާ ގުޅޭގޮތުން ބިލްކުރުމުގައި އަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވައިދެއް، އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއެކު އޮތޯރިޓީތަކުން އެކުލަވާލުން

  • ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި ބިލް ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަން ޖެހޭ ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހާލަތުގައި ކޮންމެހެން އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ކަނޑައެޅުން

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހު އެވެ. އެ ބިލުގެ ދިރާސާ މަރުހަލާގައި ކޮމިޓީން ވަނީ ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ލަފާ ހޯދާފަ އެވެ. އެ މަޝްވަރާތަކުން ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި:

  • ގިނަ ގޭބިސީތަކަކީ ކުއްޔަށް ދޫކޮށްފައިވާ ތަން ތަނަށް ވާއިރު އަދި އެ ތަންތަނުގެ މީޓަރުތައް ރަޖިސްޓްރީކޮށްފައިވަނީ އެ ތަން ތަނުގެ ވެރިފަރާތުގެ ނަންމަތީގައި ކަމަށް ވުމުން ބިލު ކުރެވެނީ އެ މީޓަރު މެދުވެރިކޮށް ހިދުމަތް ހޯދާ ފަރާތުގެ ބަދަލުގައި އެ މީޓަރުގެ ވެރި ފަރާތަށް

  • އެހެންވެ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ވެސް އެކަމުގެ ސަބަބުން މައްސަލަތައް ކުރިމަތިވޭ

  • ހިދުމަތް ހޯދާ ފަރާތުން ތަން ދޫކޮށް ދާއިރު އާއްމު ބޭނުންތަކުގެ ހިދުމަތްތައް ބޭނުންކުރުމަށް ފަހު ނުދައްކާ ހުންނަ ބިލުތަކަށްވާ ފައިސާއަށް އެ ހިދުމަތް ލިބިގަތް ފަރާތުން ބައެއް ފަހަރު ޒިންމާއެއް ނުވޭ

  • އެފަދަ ބިލްތަކުގެ ޒިންމާ މީޓަރުގެ ވެރިފަރާތުން ނަގަން ޖެހޭ ގޮތަށް އޮތުމުން އެފަދަ ބިލުތަކަށްވާ ފައިސާ ހޯދުމަށް އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދަތިވޭ

  • ތަނުގެ ވެރިފަރާތުގެ ނަމުގައި މީޓަރު ހުރުމުން އެ މީޓަރުން ހިދުމަތް ލިބިގަންނަ ފަރާތުން ސަރުކާރުގެ ސަބްސިޑީ ހޯދަން ދަތިވޭ

އެ މައްސަލައަށް ގާނޫނުން ހައްލު ހޯދައިދިނުމަށް ކޮމިޓީން ވަނީ ބިލަށް މުހިއްމު އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ބުނެފައިވަނީ:

  • އާއްމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށްދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށް

  • އެކަމަކު، އެ ހިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫން ނަމަ، އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް