ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު.

އަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފި

އަބްދުﷲ ރަޝީދުގެ ކަށުނަމާދު އޮތީ މިރޭގެ މަގުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި
5 ނޮވެމްބަރު 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ މަހުގެ 25 ވަަނަ ދުވަހު މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމްއަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް، މިރޭ ވަޅުލައިފި އެވެ.

ވީ ކިހިނެއް؟ - އަބްދުﷲ ރަޝީދު 42، ސްވެން/ގދ. ހޯނޑެއްދޫ މަރުވެފައިވަނީ ފުލުހުންގެ އިހުމާލުންތޯ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ފުލުހުން ގުޅިގެން ފެށި ތަހުގީގުގެ ބޭނުމަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން:

  • ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވީ އާއިލާ އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް

  • އެކަން ހުއްޓުވައިދިނުމަށް އެދި އާއިލާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި؛ ކޯޓުން ނިންމީ އެއީ ފުލުހުންނަށް ލިބިގެންވާ ބާރަކަށްވާތީވެ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް

ތަފްސީލު - އަބްދުﷲ ރަޝީދުގެ ކަށުނަމާދު އޮތީ މިރޭގެ މަގުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. އޭނާގެ ކަށުނަމާދާއި ޖަނާޒާގައި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހު ފަހުކޮޅު، ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ން ގދ. އަތޮޅުގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހިމެނޭ ގޮތަށް ތިން މީހަކު  ގދ. ހޯނޑެއްދޫން ހައްޔަރުކުރި އެވެ. އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ އެ ރަށު ބަނދަރުގައި ލޯންޗު އޮއްވައި ލޯންޗުމަތީގައި ކަމަށްވެ އެވެ. އެގޮތުން:

  • އޭނާ މަރުވުމުގެ ކުރިން މެއަށް ތަދެއް އަރާ ކަމަށް ބުނެ އާދޭސް ކުރުމުން ވެސް ފުލުހުން ފަރުވާއަށް ހުރަސް އެޅި ކަމަށް މަންޒަރު ދުށް މީހުން ބުނޭ  

  • އާއިލާ އިން އޭރު ތުހުމަތުކުރީ، އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް 

އެނގުން މުހިންމު - ފުލުހުން ހިންގި ޑްރަަގު އޮޕަރޭޝަންގައި ހޯނޑެއްދޫ ވަލު ތެރެއިންނާއި އެ ރަށާ ކައިރި ފަޅުރަށެއްގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދާފަ އެެވެ. އޭގެ ތެރޭ ހިމެނެނީ ހެރޮއިން އަދި މެތު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް