ހދ. އަތޮޅުގައި ހަދަން ނިންމި ރިސޯޓުތައް ނުނިމި އެތަކެއް އަހަރުތަކެއް ވެފައިވާތީ، ނެއްލައިދޫ މީހުން އިހްތިޖާޖް ކުރުމުގެ ގޮތުން ހެދި 'ރިސޯޓު'ގައި އެ މީހުންގެ ހާލަތު ބުނެދެނީ

ޓޫރިޒަމް

މިނިސްޓަރަށް ތަފާތު މަރުހަބާއެއް؛ ގެންދިޔައީ ވައުދުވެ ވުޖޫދުނުވި 'ރިސޯޓަށް'

ހދ. އަތޮޅުގައި ރިސޯޓެއް ނެތް ކަމުގެ ޝަކުވާ، އެ އަތޮޅުގެ މީހުން އަބަދުވެސް ކުރޭ
21 އޮކްޓޯބަރު 2022
2

ހދ. އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އާއި ކޮންމެ ސަރުކާރެއްގައި ވެސް ވާ އެންމެ ބޮޑު ވައުދު ގުޅިފައި އޮންނަނީ، އާބާދީ ބޮޑު އެ އަތޮޅުގައި ހަގީގީ މާނައެއްގައި ރިސޯޓެއް ނެތުމާ އެވެ. އެހެންވެ، ސަރުކާރުގެ ކޮންމެ އިސް ވަފުދެއް އަތޮޅުގެ ރަށަކަށް ދާއިރު އެ ޝަކުވާ ހިފައިގެން ދެ އެވެ. 

އެކަމަކު ހދ. ނެއްލައިދޫއިން، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް މިރޭ ކީ މަރުހަބާ، އެހެން ފަހަރުތަކާ ވަރަށް ތަފާތެވެ. ރަށަށް ވަޑައިގަތުމާ އެކު، ނެއްލައިދޫގެ މީހުން މިނިސްޓަރު ގެންދިޔައީ، ހދ. އަތޮޅުގައި ނެތް 'ރިސޯޓަ'ށެވެ.

ލޯންޗުގައި މިނިސްޓަރު ނެއްލައިދޫ ބަނދަރަށް ފައިބާވަޑައިގަތް އިރު، އިހްތިޖާޖް ކުރުމުގެ ގޮތުން އެ ރަށުގެ މީހުން ވަނީ ބަނދަރުމަތީގައި 'ރިސޯޓެއް' ހަދާފަ އެވެ. ރިސޯޓު ހެދުމަށް ކުއްޔަށް ދިންތާ އެތައް އަހަރެއް ވެފައިވާ ކުޑަމުރާދު އާއި ނާގޯށި ފަދަ ރަށްތަކުގެ ނަން ޖަހައި، ރަމްޒީގޮތުން ރިސެޕްޝަން ހަދާފައި ހުއްޓެވެ. ކުޑަ ނަގައި، ބީޗުގެ ގޮނޑި އެތަނުގައި ޖަހާފައި ހުއްޓެވެ.

ފަތްޖެހި އެނދެއްގައި ގޮދަޑިއެއް އަޅައި، އޭގެ މަތީގައި ތެޔޮ ފުޅިއެއް ބަހައްޓާފައި ލިޔެފައި ހުރީ އެއީ ސްޕާއެއް ކަމަށެވެ. ބިލިގާއަކަށް ފެނާ އެކު މާ އަޅައި، ކައިރީގައި ފެންވަޅެއް ހަދާފައި ހުއްޓެވެ. 

މިއިން ރަށެއްގައި ރިސޯޓު ނުހެދޭ ކަމަށް ވަންޏާ އެންމެ ރަނގަޅު ދެއްތޯ ރައްޔިތުންނަށް ދޫކޮށްލާފައި ބާއްވަން ވެސް. އެކަމަކު އޮންނަނީ ކޮންމެވެސް ބަޔަކަށް ކުއްޔަށް ދީ، އެ މީހުންގެ އަތްދަށުލާފައި.

އަހުމަދު ޒުބައިރު / ނެއްލައިދޫ މީހެއް
ހދ. އަތޮޅުގައި ހަދަން ނިންމި ރިސޯޓުތައް ނުނިމި އެތަކެއް އަހަރުތަކެއް ވުމުން، ނެއްލައިދޫ މީހުން އިހްތިޖާޖް ކުރުމުގެ ގޮތުން އަމިއްލައަށް 'ރިސޯޓު' ހަދާފައި

ހދ. އަތޮޅުގައި ރިސޯޓެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އެ އަތޮޅަށް މިހާރު ކުރައްވާ ދަތުރުގައި، ޑރ. މައުސޫމް ނެއްލައިދުއަށް ވަޑައިގެން، އެ ރަށު މީހުން ތައްޔާރުކުރި މި 'ރިސޯޓަށް' ވަދެވަޑައިގެންނެވީ ހިނިތުންވެ ހުންނަވައިގެންނެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެން ޒިޔާދު (ފިއްޓޭ) ހުންނެވި އިރު، ދެ ބޭފުޅުން ގޮސް، ބީޗު ގޮނޑީގައި އިށީނދެ ވަޑައިގެން، އިހްތިޖާޖް ކުރަމުން ދިޔަ މީހުންނާ ވާހަކަ ދެއްކެވި އެވެ.

ނެއްލައިދޫއިން 'ދައުރު'އާ ވާހަކަ ދެއްކި އަހުމަދު ޒުބައިރު ބުނިގޮތުގައި، އެ ރަށު މީހުން ބޭނުންވީ، އަތޮޅު މީހުންގެ ހާލަތާއި ބޭނުން، އަޑުގަދަނުކޮށް، މަޑުމައިތިިރިކޮށް މިނިސްޓަރަށް ދައްކާލުމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ، މި ޕިކްޗާ ދައްކާލަން. މިއީ އަޅުގަނޑުމެންގެ ކިހާބޮޑު އުއްމީދެއްކަމާއި މިކަމަށް ރައްޔިތުން އެދޭ ވަރު އަންގައިދޭން،" ޒުބައިރު ކިޔައިދިނެވެ. 

ހދ. އަތޮޅުގައި ހަދާނެ ކަމަށް ސަރުކާރުތަކުން ބުނެފައިވާ ރިސޯޓުތައް ނުނިމި އެތަކެއް އަހަރުތަކެއް ވުމުން، ނެއްލައިދޫ މީހުން އިހްތިޖާޖް ކުރުމުގެ ގޮތުން އަމިއްލައަށް 'ރިސޯޓު' ހަދާފައި

އޭނާ ބުނިގޮތުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނު އިރު، އެންމެ އާބާދީ ބޮޑު އެއް އަތޮޅުގައި ފެންވަރު ރަނގަޅު ރިސޯޓެއް ނެތުމަކީ ވަރަށް ބޮޑު ދެރައެކެވެ. އެއީ ހުރިހާ ސަރުކާރެއްގެ ވެސް އިހުމާލު ކަމަށް ދެކޭ ކަމަށް ބުންޏެވެ. 

އެނގުން މުހިއްމު - މީގެ ހަތަރު އަހަރު ކުރިން، ހދ. ހޮނޑާފުށީގައި ވަނީ ރިސޯޓެއް ހުޅުވާފަ އެވެ. އެކަމަކު ރިސޯޓު ތަރައްގީ ކުރަން ދިންތާ އެތައް އަހަރެއް ފަހުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވިޔަފާރި ކުންފުނި ތްރީއޭ އިން ހުޅުވި އެ ތަން، އަތޮޅުގެ މީހުން ބަލައެއް ނުގަނެ އެވެ.

އެ މީހުން ބުނާގޮތުގައި އެއީ، ދިވެހި މުވައްޒަފަކާ ނުލައި، ގެސްޓްހައުސްއެއް ފެންވަރަށް ހަދާފައި ހުރި އާދައިގެ ތަނެކެވެ. އެ ރިސޯޓު ކުއްޔަށް ދިނީ 400 ކޮޓަރި އެޅުމަށް ނަމަވެސް، އެތަނުގައި ހުންނަނީ 59 ކޮޓަރި އެވެ.

ނެއްލައިދޫ މީހުން ހެދި 'ރިސޯޓު'ގެ ގޮނޑިއެއްގައި މިނިސްޓަރު އަބްދުﷲ މައުސޫމް (ވ) އާއި މެމްބަރު ޒިޔާދު އިށީނދެވަޑައިގެން

ހދ. އަތޮޅުގައި ރިސޯޓު ހެދުމަށް އެ އަތޮޅު ނާގޯށި ކުއްޔަށް ދޫކުރަން ނިންމިތާ މިހާރު 15 އަހަރުވެއްޖެ އެވެ. އެންމެ ފުރަތަމަ ރިސޯޓު ހަދަން ހަވާލު ކުރި މީހުންނަށް އެކަން ނުވުމުން، ނުވަ އަހަރު ފަހުން އެއްބަސްވުން ބާތިލް ކުރި އެވެ. އެކަމަކު ދެން އެ ރަށުގައި ރިސޯޓު ހަދާނެ ބަޔަކު ނުވެ އޮތުމަށް ފަހު، އެމްޓީޑީސީން ވަނީ އެ ރިސޯޓު ތަރައްގީ ކުރަން އެއްބަސްވެފަ އެވެ. 

ކުޑަ މުރާދޫގައި ވެސް ރިސޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދޫކުރިތާ އެތައް އަހަރެއްވީ އިރު، އެއްވެސް މަސައްކަތެއް ނުފެށެ އެވެ. 

"ހޮނޑާފުށި އެއީ ރިސޯޓެއް ކަމަކަށް ހދ. އަތޮޅުގެ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. މިއިން ރަށެއްގައި ރިސޯޓު ނުހެދޭ ކަމަށް ވަންޏާ އެންމެ ރަނގަޅު ދެއްތޯ ރައްޔިތުންނަށް ދޫކޮށްލާފައި ބާއްވަން ވެސް،" ޒުބައިރު ޝަކުވާ ކުރި އެވެ. 

"އެކަމަކު އޮންނަނީ ކޮންމެވެސް ބަޔަކަށް ކުއްޔަށް ދީ، އެ މީހުންގެ އަތްދަށުލާފައި."

ނެއްލައިދޫ މީހުންގެ އިހުތިޖާޖު

ޒުބައިރު ބުނިގޮތުގައި ހދ. އަތޮޅުގައި ރިސޯޓެއް ހުޅުވާނެ ކަމަށް ކޮންމެ ސަރުކާރަކުން ވައުދުވި ނަމަވެސް، ދައުރު ނިމޭއިރު ވެސް އެއްވެސް ސަރުކާރަކަށް އެކަމެއް ނުވެ އެވެ. އެހެންވެ، ނެއްލައިދޫ މީހުން މިރޭ މިނިސްޓަރު ގެންދިޔައީ، ސަރުކާރުން ވައުދުވެ ވުޖޫދުނުވި އެ 'ރިސޯޓަށް' ކަމަށް ޒުބޭރު ބުންޏެވެ. 

ހދ. އަތޮޅަށް ކުރައްވާ ދަތުރުގައި މައުސޫމް މިރޭ ނެއްލައިދޫ މީހުންނާ ބައްދަލުކުރައްވައި، އެ މީހުންގެ ޝަކުވާތައް އަޑުއެހުމަށް ހަމަޖެހިފައި ވެ އެވެ.

ކޮމެންޓް (2)

މުހައްމަދު

23 އޮކްޓޯބަރު 2022
ތިޔައީ އެއްވެސް މޮޅުކަމެއް ނޫން ތިޔަކުރެވުނީ! ރެސްޕެކްޓް ނުކުރުމުގެ ލާމަސީލު މިސާލެއް ތިޔަ ދެއްކުނީ.....ދިވެއްސަކަށް ވީތީ ލަދުގަންނަވަރުގެ ކަންކަން ތިޔައީ.... މައުސޫމު އަދި އެތާ އިށީދެ އިނަކަސް ދައުލަތުގެ ވުޒާރާ ހިންގަވަން ހުންނެވި ވަޒީރަށް ދޭން ގަދަރާއި އިއްޒަތް ނުދޭކަން ފެނިގެން މިދަނީ..... މިކަންކަން މިހެން ވާން ދޫކޮށްލުމަކީ މުސްތަގުބަލައް އޮތް ނުރައްކަލެއް. މައުސޫމާއި ފިއްޓޭ އެގޮޑީގަ އެތިބީ ތިބޭ ހިތަކުން ނޫންކަން ޔަގީން. ހައިޖެކް ކޮށްގެން ގެންގޮސް އެތާ ބޭތިއްބި ބަޔަކުގެ މައްސަލަ ބެލެންޖެހޭ
0 0

އާދަމް

22 އޮކްޓޯބަރު 2022
"ނުފުއްދޭ ގޮތް މަތީން ވައުދެއް ކުރާ ކުޑަ އެންމެ ހިނދުކޮޅަކުން ދެފުށް ހަދިޔާވި ނަމަވެެސް ނެތިދެޔޭ އެކުވެރިކަމުން ކެނޑި ބާރު"
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް