އިސްލާމީ މަރުކަޒު: އެ ތަނުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ މީހާ ކޯޓުން އިއްޔެ ވަނީ ދޫކޮށްލާފައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
މިސްކިތަށް ބޮޑުކަމުދިޔަ މީހާ ކޯޓުން ދޫކޮށްލީ ގާނޫނީ އިންޒާރު ނުދޭތީ
މިދިޔަ ހުކުރު ދުވަހު އިސްލާމީ މަޒުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ މައްސަލައިގައި ހައްޔަރު ކުރި އިންޑިއާއަށް ނިސްބަތްވާ މީހާއަށް ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ދޭން ޖެހޭ ގާނޫނީ އިންޒާރު ދިން ކަމަށް ނުބެލެވޭތީ ކްރިމިނަލް ކޯޓުން އިއްޔެ އޭނާ ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް، ކޯޓު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ލިޖޯ ޖޯން އެވެ. އެގޮތުން:
-
ހުކުރު ދުވަހު އޭނާ ހައްޔަރު ކުރުމުން، ކޯޓުން ފުރަތަމަ މުއްދަތު ޖެހީ އެއް ދުވަހަށް؛ އެއީ ތަރުޖަމާނަކު ނެތުމުން
-
އެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި
ތަފްސީލު - ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީރު އިއްޔެ ނެރުއްވި އަމުރުގައި، އެ މީހާ ދުކޮށްލި ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވެފައި ވަނީ، ލިޖޯ ޖޯންއަށް ގާނޫނީ އިންޒާރު ދިންކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ. އެގޮތުން:
-
ގާނޫނީ އިންޒާރު ދޭ ފޯމު އޮންނަނީ ދިވެހި ބަހުން ކަމަށް ވާއިރު ހައްޔަރުކުރި މީހާ އަކީ ދިވެހި ބަސް ދަންނަ މީހެއް ނޫން
-
އޭނާއަށް ތަރުޖަމާކޮށްދީފައި އޮތް ނަމަ، ފޯމުގައި އޭނާއަށް ތަރުޖަމާކޮށްދިން މީހެއްގެ ނަމާއި ސޮއި އޮންނަން ވާނެ
"އެހެން ނަމަވެސް، މި ފަރާތަށް ގާނޫނީ އިންޒާރު ދިންކަން އަންގައިދިނުމުގެ ގޮތުން މިކަން ފުރިހަމަކޮށްފައި ނުވާކަން ފާހަގަކުރެވޭތީ، ގާނޫނީ އިންޒާރު ދީފައިވާ ކަމަށް ޝަރީއަތަށް ބުރަ ނުވެވޭތީ" ބަންދުން ދޫކޮށްލުމަށް ނިންމި ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ގުޅުން ހުރި ކަމެއް - ފުރަތަމަ ބަންދު އަޑުއެހުމުގައި ލިޖޯ ޖޯން ބުނެފައިވަނީ، އޭނާ އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި މާލެ އައިސްފައި ވަނީ، މާލޭގައި އޮތް ރޭގަނޑުގެ ކެއުމަކަށް ކަމަށެވެ. އޭނާއަކީ ސައްހަ ވިސާއެއްގައި ރިސޯޓުގައި މަސައްކަތް ކުރާ މީހެއްކަން އެ އަޑުއެހުމުގައި ފުލުހުންގެ ފަރާތުން ކަށަވަރުކޮށްދީފައިވެ އެވެ.
ފުލުހުންގެ ފަރާތުން އޭނާއަށް ތަރުޖަމާނަކު ހަމެޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ހަމަނުޖެހޭކަން އެ އަޑުއެހުމުގައި ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
-
އިތުރަށް ކިޔާލަން - އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިއާ މީހަކު ހައްޔަރުކޮށްފި