އިހަވަންދޫ ސްކޫލްގެ ޔަންގް ފިޝާޒް ކްލަބް އިފްތިތާހް ކުރުމުގެ ޖަލްސާގައި (ފޮޓޯ/އިހަވަންދޫ ސްކޫލް ފޭސްބުކް)

މަސްވެރިކަން

އިހަވަންދޫ ސްކޫލްގައި ޔަންގް ފިޝާޒް ކްލަބް އިފްތިތާހުކޮށްފި

މިއީ މަސްވެރިކަމުގެ އާޖީލެއް ބިނާކުރަން ފިޝަމަން އެސޯސިއޭޝަން އާއި ދިރާގު ގުޅިގެން ފެށި މަސައްކަތެއް
2 އޮކްޓޯބަރު 2022

މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަން އާއި ދިރާގު ގުޅިގެން މަސްވެރިކަމުގެ އާ ޖީލެއް ބިނާކުރަން ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް އަމާޒްކޮށްގެން ޔަންގް ފިޝާޒް ކްލަބެއް އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔަންގް ފިޝާޒް ކްލަބް އިފްތިތާހްކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އެ ޖަލްސާގައި ފިޝަމެންސް އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަހުމަދު މަނިކާއި ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ތަފްސީލް - މަސްވެރިކަމާ ގުޅޭ ފަންނީ ލަފާ ދޭން 1993 ގައި އުފެއްދި ފިޝަމެންސް އެސޯސިއޭޝަނާއި ދިރާގުން އިހަވަންދޫ ސްކޫލްގެ ޔަންގް ފިޝާޒް ކްލަބަށް އެކި ގޮތްގޮތުން އެހީތެރިވާނެ އެވެ.

އަހުމަދު މަނިކު ވިދާޅުވީ މިފަދަ ކްލަބެއް އިފްތިތާހު ކުރުމުގެ ހިޔާލު އުފެދުނީ ތަމްރީންތަކުގައި މަސްވެރިން ބައިވެރިކުރަން ހުރި ގޮންޖެހުންތަކާއި، ތައުލީމީ ޒުވާނުން މި ސިނާއަތަށް ޝައުގުވެރިކަން ނެތުމުން އޭގެ ހައްލެއް ހޯދުމުގެ ވިސްނުމުގައި ކަމަށެވެ. 

"އިންޓަނޭޝަނަލް މެރިޓައިމް ރެގިއުލޭޝަން ހިނގާ މަސް ކަނޑުތަކަށް މަސްވެރިން ނުކުންނަން ޖެހިފައިވާ އިރު ކަނޑުމަތީ ތަފާތު ގަވާއިދުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް އަދި މަސްވެރިން ހޭލުންތެރިވާން ޖެހޭ ކަނޑުމަތީގެ ސަލާމަތީ ރައްކާތެރިކަމަށް ސަމާލުވުމާއި ނެވިގޭޝަން ބޭނުންކުރާ ޒަމާނީ ވަސީލަތްތައް އޮޕަރޭޓް ކުރާ މާސްޓާ ފިޝަމަނުން ވަނީ ބެނުންވެފައި،" މިއަދުގެ މަސްވެރިކަމަށް އައިސްފައިވާ ބަދަލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަހުމަދު މަނިކު ވިދާޅުވި އެވެ.

ފިޝާޒް ކްލަބް އިފްތިތާހު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން

ޑރ. އިބްރާހިމް ވިދާޅުވީ ޔަންގް ފިޝާޒް ކްލަބް ފަދަ ކްލަބަކުން ދަރިވަރުންނަށް ތައުލީމީ ހަޔާތުގެ ކުރީކޮޅު މިފަދަ ފުރުސަތެއް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މީހުން ބިނާ ކުރުމުގެ މަސައްކަތުގައި އެއްވެސް ސިނާއަތެއް ދޫނުކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ކްލަބްގައި އިހަވަންދޫ ސްކޫލްގެ ގްރޭޑް 7-8 ގެ 50 ދަރިވަރަކު ބައިވެރިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންނެވެ.

މި ދަރިވަރުންނަށް މެރިން ބައޮލޮޖީ، ކޯސްޓަލް ނެވިގޭޝަން، އިންޖިނިއަރިން، ކޮމިއުނިކޭޝަން، ޕޯސްޓް ހާވެސްޓިން އަދި  މަހުން އުފައްދާ ތަފާތު ބާވަތްތައް މާކެޓްކުރާނެ ގޮތް ކިޔައިދޭނެ އެވެ. 

ޔަންގް ފިޝާޒް ކްލަބް އުފައްދަން ދިރާދާ އެކު ފިޝަމެންސް އެސޯސިއޭޝަނުން އެއްބަސްވުން ބަދަލުކުރަނީ (ފޮޓޯ/ދިރާގު)

ޑރ. އިބްރާހިމް ވިދާޅުވި ގޮތުގައި މަސްވެރިކަމާ ބެހޭ ދާއިރާއިން ޑިގްރީ ހާސިލްކޮށްގެން އަންނާނެ ދަރިވަރަކު ކުރިއަށް އޮތް ދެ އަހަރު ފެންނާކަށް ނެތެވެ. އޭގެ ސަބަބު ދައްކަވަމުން ވިދާޅުވީ "މީގެ ކުރިން ލޯން ފުރުސަތު ހުޅުވާލީމާ އެއްވެސް ދަރިވަރަކު މި ދާއިރާގެ ކޯހަށް ކުރިމަތި ނުލާ" ކަމަށެވެ.

އެކަމަކު އޭގެ މާނައަކީ ފުރުސަތު ނެތުމެއް ނޫނެވެ.

"ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ އޮފީސްތަކުގެ ޓްރެއިނިން ނީޑްސް ކުރިއަށް އޮތް ތިން އަހަރަށް ހޯދައި، އެއަށް ބިނާކޮށް ފަންނީ ސްކީމްތައް [ރާވަމުން]. އަޅުގަނޑުމެން ލޯނު ސްކީމްގައި ހުޅުވާލާ އިރު މަސްވެރިކަމުގެ ދާއިރާއަށް މަތީ ތައުލީމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފަސްމަންޒަރު - އިހަވަންދޫ ސްކޫލްގައި ޔަންގް ފިޝާޒް ކްލަބް މި އުފެއްދީ މަސްވެރި އެ ރަށަށް އެހެން ގޮންޖެހުމެއް ކުރިމަތިވެފައި އޮއްވަ އެވެ. ކުރިން އިހަވަންދޫގައި ސްކޫލް ނިންމާފައި ގިނަ ޒުވާނުންތަކެއް މަސްވެރިކަމަށް ނުކުތަސް އެ މަންޒަރު ވަނީ ބަދަލުވެފަ އެވެ. އެންމެ ކުޑަ މުސާރަ ސަރުކާރުން ކަނޑައެޅުމުން ގިނަ ޒުވާނުން މަސްވެރިކަން ދޫކޮށް، ރިސޯޓްތަކުގެ ވަޒީފާއަށް ވަނީ ނުކުންނަން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް