ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަމީނީމަގުން ގަސްކަނޑާ މައްސަލަ ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅައިފި

މިހާރު އެ މަސައްކަތް ކުރަމުންދަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، މަސައްކަތް ހުއްޓުވައިދޭން އަމުރަކަށް ވަނީ އެދިފައި
30 ސެޕްޓެމްބަރު 2022

މާލޭގެ އަމީނީމަގު ތަރައްގީކުރުމަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ނަގަމުންދާތީ، އެކަން ހުއްޓުވަން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕްލޭނިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - އަމީނީމަގު ތަރައްގީކުރާ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނެފައިވާ ގޮތުގައި ތާރު އަޅައިގެން އަމީނީމަގު ހެދުމަށް އެ މަގުން ގަސްތައް ނަގައި ސަރުކާރުން ބިން ހިއްކައިގެން ހަދަމުން އަންނަ ޕިކްނިކް އައިލެންޑް، ކުޑަގިރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އާރުޑީސީން ބުނަނީ މަގުގައި ވަޅުލާފައި ހުރި ހޮޅިތަކާއި ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ ގަސްތައް ނުނަގާ މަގު ހެދެން ނެތް ކަމަށެވެ.

އަމީނީމަގުގައި ހުރި ބައެއް ގަސްތައް ކޮށާލާފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އަމީނީމަގުގައި ހުރި ބައެއް ގަސްތައް ކޮށަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލް - ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ 'ޝުނާނާ އެންޑް ކޯ އެލްއެލްޕީ' އިންނެވެ. އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމަންދެން، އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

މައްސަލައިގެ ދައުވާ ފޯމުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ތާރު އެޅުމުގެ ބަދަލުގައި ގާ އަޅައިގެން މަސައްކަތް ކުރަން ވަނީ ލަފާދީފައި

  • ގާ އަޅައިގެން އެ މަސައްކަތް ކުރާ ނަމަ، ގަސް ނުނަގައި އެ މަސައްކަތް ކުރިއަށްގެންދެވޭނެ

  • އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ފުރިހަމައެއް ނޫން؛ ގަސް ނެގުމުގެ ސަބަބުން ވައި ނުސާފުވާނެ މިންވަރު، މޫސުމަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ މިންވަރު، ގެއްލުން ކުޑަކުރެވޭނެ ނިސްބަތް، މީހުންގެ ސިއްހަތަށް ގެއްލުން ވާނެ ގޮތްތައް ދިރާސާކޮށްފައެއް ނެތް

  • ނަމަވެސް، ގަސް ނެގުމުން މޫސުމަށް ނޭދެވޭ އަސަރު ކުރާނެ ކަމާއި އެއްވެސް ގޮތެއް ނެތިގެން ނޫން ގޮތަކަށް އެކަން ނުކުރަން އީއައިއޭގައި ލަފާދީފައިވޭ

އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތަކުގެ ސަބަބުން ލިބޭ ފައިދާތަކާއި އީއައިއޭ ރިޕޯޓުގައި ހިމަނާފައިނުވާ ކަމަށް ބުނާ، އެ ގަސްތައް ނެގުމުން ތިމާވެއްޓަށް ލިބޭނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވެސް ދައުވާ ފޯމުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން އެއީ ރާއްޖޭގެ ގާނޫނުތަކާއި އެކި ގަވާއިދުތަކުގެ އިތުރުން ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފުވާ އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެހެންކަމުން، ގަސްތައް އުފުރުން ވަގުތުން ހުއްޓުވުމުގެ އިތުރަށް، ގަސް ނަގައިގެން ނޫން ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެތޯ ކަށަވަރު ކުރަން، ލައިސެންސް ލިބިފައިވާ ފަންނީ މާހިރުން މެދުވެރިކޮށް ދިރާސާތައް ކޮށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެ ނޫން ގޮތެއް ނެތިގެން މެނުވީ އަމީނީމަގުގައި ހުރި އެއްވެސް ގަހެއް އުފުރައިގެން ނުވާނެ ކަމަށް އަމުރުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އެނގުން މުހިންމު - މަގު ހެދުމުގެ މަޝްރޫއުގައި، އަމީނީމަގުގެ އިރުން ދަރުބާރުގެ ސަރަހައްދުގައި ހުރި ގަސްތައް ކޮށާލުމަށް ފަހު މިހާރު ވަނީ ނަގައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް