އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުޅުއްވި އިޝްތިހާރެއްގެ ތެރެއިން: އޭނާ މަގާމުން ދުރުކުރީ ރޭވުމެއްގެ ތެރެއިން ކަމަށް ވިދާޅުވި އެކި ފަރާތްތަކަށް ބޮޑެތި ތުހުމަތުތައް ކުރައްވާ (ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)
އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ޕީޖީއަށް ފޮނުވާލައިފި
މުހިންމު ނުކުތާތައް
ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވި އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރީ ޖުލައި 2020ގައި
ކޯޓުގައި ޝަރީއަތް ފެށި ފަހުން އޭނާ ރާއްޖޭން ބޭރަށް ވަޑައިގަތީ ކޯޓުގެ ހުއްދަ ލިބިގެން ބޭސްފަރުވާއަށް
ކޯޓުން ދިން 4 މަހުގެ މުއްދަތު ހަމަވެ އެތައް ދުވަހެއް ވީ އިރުވެސް އަލީ ވަހީދު އަނބުރާ ރާއްޖެ ވަޑައެއްނުގަންނަވާ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފި އެވެ.
ތަފްސީލް - މަގާމުގައި ހުންނަވައިގެން ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރިކަމުގެ ތުހުމަތުކުރެވޭ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ފޮނުވާލީ، ކްރިމިނަލް ކޯޓުން މިރޭ 'ދައުރު' އަށް ބުނިގޮތުގައި، ހުސްވި ހަފުތާގެ ތެރޭގަ އެވެ. ދައުވާތައް އަނބުރާ ފޮނުވާލީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
-
ޖިންސީ އަނިޔާކުރުމުގެ ދައުވާ
-
ޖިންސީ ގޯނާކުރުމުގެ ދައުވާ
-
ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ
-
ރޭޕް ކުރަން އުޅުމުގެ ދައުވާ
-
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދު ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ތުހުމަތުތަކުގެ ފަހަތުގައި ވަނީ ސިޔާސީ ބަޔަކު ކަމަށާއި އޭނާ "ފްރޭމް" ކޮށްފައިވާ ކަމަށެވެ.
އެނގުން މުހިންމު - ދައުވާތައް އަނބުރާ ފޮނުވާލިކަން ކޯޓުން ކަށަވަރުކޮށްދިން އިރު، އަލީ ވަހީދުގެ ވަކީލު އަބްދުﷲ ހަސީން މިރޭ ވިދާޅުވީ މިހާތަނަށް އެފަދަ އިޝާރާތެއް ލިބިފައި ނުވާ ކަމަށެވެ.
މައްސަަލައިގެ ފެށުން - ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވި އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި ޖުލައި 2020ގައި ފުރުން މަނާކުރި އެވެ.
ނަމަވެސް އޭނާގެ މައްޗަށް ނޮވެމްބަރު 2020ގައި ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށި ފަހުން، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީ، އެކުވެރިޔާ އަސްހަދު އަލީ ޖާމިނުކުރުމަށް ފަހު، ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައިފަ އެވެ. އަދި ކޯޓުން ދިން ހަތަރު މަހުގެ މުއްދަތު ހަމަވެ އެތައް ދުވަހެއް ވީ އިރުވެސް އަލީ ވަހީދު އަނބުރާ ރާއްޖެ ވަޑައެއްނުގެންނެވި އެވެ.
އެފަހުން ކޯޓުން އޭނާގެ މައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެކަން ހުއްޓުވަން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެފަ އެވެ.
މިހާރު ފުލުހުން ވަނީ އޭނާ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސްއެއް ނެރެފަ އެވެ.