ސުޕްރީމް ކޯޓުގެ ބޭރު.
މުނީރުލް އިސްލާމް މަރާލި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފި
މުހިންމު ނުކުތާތައް
މިއީ މީގެ ގާތްގަނޑަކަށް 10 އަހަރު ކުރިން މާލޭގައި ހިންގި އަނިޔާވެރި މަރެއް
މުނީރުގެ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓް ތެރެއިން
އޭނާ މަރާލަން ބޭނުންކުރި ވަޅި މޫދަށް އެއްލާލިކަން ކަމްރު ކިޔައިދިނުމުން އެ ތަނުން އެ ވަޅި ވަނީ ހޯދާފައި
ރާއްޖޭގައި ވަޒީފާ އަދާކުރަމުން ގެންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް 2012 ވަނަ އަހަރު މާލޭގައި މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައިވާ އެ ގައުމުގެ ކަމްރުލް އިސްލާމްގެ އިސްތިއުނާފުގެ ފަހު މަރުހަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އިއްޔެ ނިންމާލައިފި އެވެ.
ފެށުން - ރިސޯޓު ބޯއީއެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މުނީރުލް އިސްލާމަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވައި ފެނުނީ 26 ނޮވެމްބަރު 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. ޗާންދަނީމަގު 24 ނަންބަރު ގޭގެ 6 ވަނަ ފަންގިފިލާގައި ހުންނަ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ތެރެއިންނެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. އަދި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށް ލައި، މަރުގެ ދިޔަ ދިނުމަށް އެންގި އެވެ.
ހައި ކޯޓުގެ ނިންމުން ކަމްރުލް އިސްލާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިއްޔެ އެ މައްސަލައިގައި އޭނާގެ ފަރާތުންނާއި ދައުލަތުން ވެސް ވަނީ ވާހަކަދައްކައި ނިންމާލައިފަ އެވެ.
ތަފްސީލް - ކަމްރުލް އިސްލާމްގެ ފަރާތުން ބުނީ، މުނީރުލް އިސްލާމް މަރާލި ކަމަށް ކަމްރުލް އިސްލާމް ފަނޑިޔާރެއްގެ ކުރިމަތީގައި އިއުތިރާފުވެފައި ނުވާނެ ކަމަށެވެ. އަދި އޭނާ ތަހުގީގު މަރުހަލާގައި ވެފައިވާ އިއުތިރާފު ކަމަށް ބުނާ ބަޔާނަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ އިއުތިރާފެއް ކަމަށާއި އެ ބަޔާނަށް އެއްވެސް ބުރަދަނެއް ނުދެވޭނެ ކަމަށް އޭނާގެ ފަރާތުން ބުންޏެވެ.
އެ ބަޔާނުގެ އިތުރުން ދެން ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ވެސް ބުރަދަން ދެވޭނެ ކަމަށް ނުދެކޭ ކަމަށް އޭނާގެ ފަރާތުން ބުންޏެވެ.
ކަމްރުލް އިސްލާމްގެ ފަރާތުން ބުނީ އޭނާއާ ދެކޮޅަށް ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ހައްޔަރުކުރުމަށް ފަހު ކަމަށާއި އަދި އޭނާއަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދީފައިވާކަން ކަށަވަރު ކުރެވެން ނެތް ކަމަށެވެ.
ދައުލަތުން ރައްދުގައި ބުނީ:
-
މުނީރުލް އިސްލާމް މަރާލަން ބޭނުންކުރި ރީނދޫ މުއްގަނޑުލީ ވަޅި އާއި އެ ދުވަހު ލައިގެން ހުރި ގަމީސް ޓީ-ޖެޓީ ސަރަހައްދުގެ މޫދަށް އެއްލާލާފައިވާ ކަމަށް ކަމްރުލް އިސްލާމް ތަހުގީގުގައި ބުނެފައިވާ ކަމަށާއި އެ ތަކެތި އެ ތަނުން ފެނިފައިވާ ކަމަށް
-
އެ ދުވަހު ކަމްރުލް އިސްލާމް ލައިގެން ހުރި ކަމަށް ބުނާ ޖިންސްބުރީގައި ހުރި ލަކަކުން ކަމްރުލް އިސްލާމް އާއި މުނީރުލް އިސްލާމްގެ ޑީއެންއޭ ލިބިފައިވާ ކަމަށް
-
މުނީރުލް އިސްލާމް ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ ކަމްރުލް އިސްލާމް އާއެކު ކަމަށް
-
ބިންމަތީގައި ހުރި މުނީރުލް އިސްލާމްގެ ލޭ މަތިން ކަމްރުލް އިސްލާމް ހިނގާފައިވާކަން އެނގޭ ފުޓްޕްރިންޓެއް ފެނިފައިވާ ކަމަށް
ދިފާއުން ބުނީ، ސޯޓުބުރިން ފެނުނު ލަކަކީ ސީދާ ލޭ ކަމެއް އެނގެން ނެތް ކަމަށާއި އެ ދެ މީހުންނަކީ ވަރަށް ގާތް ގުޅުމެއް އޮތް، ބައްދަލުވެ ހަދާ ދެ މީހުން ކަމަށް ވާތީ އެ ސޯޓުބުރީގައި މުނީރުލް އިސްލާމްގެ ޑީއެންއޭ ހުރުން އެކަށީގެންވާ ކަމަށެވެ.
ހަމައެއާ އެކު، ކަމްރުލް އިސްލާމްގެ ފިންގަޕްރިންޓް ފެނިފައި ވަނީ ހަމައެކަނި ކޮޓަރިތެރޭގައި އޮތް ފޮތަކުން ކަމަށާއި އެއީ ކުށުގެ އަމަލާ ކަމްރުލްއިސްލާމް އާ ގުޅުވައިދޭ ވަރުގެ ހަރުދަނާ ގަރީނާއެއް ނޫން ކަމަށް ވެސް ދިފާއުން ބުންޏެވެ.
އިއްޔެގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް މިހާ ހިސާބުން ނިމުނީކަން އިއުލާނުކޮށްފަ އެވެ. އަދި އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވެސް ބެންޗުން ބުންޏެވެ.