އެސްޓީއޯގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރަނީ. މިހާރު އެތަނަށް ކަރަންޓު ދެނީ އެ ޕެނަލްތަކުން (ފޮޓޯ/އެސްޓީއޯ)
އެސްޓީއޯގެ ކާޑު ގުދަނަށް މިހާރު ކަރަންޓު ދެނީ ފުރާޅުގައި ޖަހާފައިވާ ސޯލާ ޕެނަލުން
އެސްޓީއޯގެ ކާޑު ގުދަނުގެ މަތީގައި ސޯލާ ޕެނަލް ހަރުކުރުމާ އެކު، އެތަނަށް ބޭނުންވާ ކަރަންޓު އެ ޕެނަލްތަކުން އުފައްދަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯއިން މިއަދު ބުނީ، އެ ކުންފުނީގެ 'ގްރީން އިނީޝިއޭޓިވް'ގެ ދަށުން، ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ ކާޑު ގުދަނުގައި އިއްޔެ ޕެނަލް ހަރުކޮށް ނިމިފައިވާ ކަމަށެވެ. އެ ޕެނަލްތަކުން:
-
ކާޑު ގުދަނަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދާ
-
އަދި އެތަނުން އުފައްދާ ކަރަންޓު، ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނަށް ވެސް ކަރަންޓު ދޭ
އެސްޓީއޯއިން ބުނިގޮތުގައި އެތަނުގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށް، ގުދަނުގައި ބޭނުން ކުރަނީ ވެސް ތިމާވެއްޓާ ރައްޓެހި، ބެޓެރި ފޯކްލިފްޓެވެ. އަދި ކުންފުނީގެ އެކި އިމާރާތްތަކުގައި ބޭނުން ކުރާ ކަރަންޓު އުފެއްދުމަށް، އިއާދަކުރަނިވި ހަކަތައިގެ އިތުރު މަޝްރޫއުތައް ވެސް ރާވާފައިވާ ކަމަށް އެތަނުން ބުންޏެވެ.
"އެސްޓީއޯގެ އަމާޒަކީ، ކުރިއަށް އޮތްތަނުގައި ކާބަން އެމިޝަން [ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު] މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި، އެގޮތަށް މި ކުންފުނީގެ މަސައްކަތްތައް ބަދަލު ކުރުމެވެ،" އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.