މަޖިލީހުގެ ޖަލްސާއެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ގޯތި ދިނުމުގައި މާލޭ މީހުންގެ ގޮތުގައި ބަލާ މިންގަނޑަށް ބަދަލު ގެނެސް ލުއި ދީފި

ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުން ކޮންމެވެސް އިރެއްގައި އެހެން ރަށެއްގައި ރަޖިސްޓްރީވެފައި އޮތް ނަމަވެސް މާލޭ މީހުންގެ ގޮތުގައި މިހާރު ބަލާނެ
15 ސެޕްޓެމްބަރު 2022
3

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ 'ބިންވެރިޔާ ސްކީމް'ގައި މާލޭ މީހުން މާނަކޮށްފައިވާ ގޮތް މިއަދު އިސްލާހުކޮށް، ލުއި ދީފި އެވެ.

ވީ ކިހިނެއް؟ - މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް ސަރުކާރުން ވަނީ ދެ ސްކީމެއް ފަށައިފަ އެވެ.

'ބިންވެރިޔާ' ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގައި ކުރިން ބުނާ ގޮތުން، 'މާލޭގެ ރައްޔިތުން' ކަމުގައި ބަލާނީ މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި އެއްވެސް އިރެއްގައި ޖެހިފައި ނުވާ މީހުންނެވެ.

ތަފްސީލް - ނަމަވެސް، ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ އުސޫލުގައި މާލޭ މީހުން ތަފްސީލުކޮށްފައިވާ ގޮތަށް އިސްލާހެއް ގެނެސްފަ އެވެ.

އާ އުސޫލުގައި ބުނާ ގޮތުން:

  • މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ މީހުން

  • ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތަކަށް ވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން، ކަނޑައަޅާފައިވާ ގަވައިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށް ފަހު މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުންނަކީ ވެސް މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލާނެ

މާލޭ މީހުން މާނަކުރާ ގޮތަށް ބަދަލެއް ގެނެސްފައި ވާއިރު، އެ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26ގައި ބަންދުވާނެ އެވެ.

ބިންވެރިޔާ ސްކީމް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3,750,000 އަކަފޫޓެވެ. މިނިސްޓްރީން ބުނެފައި ވަނީ، ދޫކުރާ ގޯތީގެ އަދަދު ކަނޑައަޅާނީ ގޯތި ދިނުމަށް ހޮވާ ވަކި ވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށް ފަހު ކަމަށެވެ.

  • އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު  

  • ޖޮއިންޓް އެޕްލިކޭޝަނެއް ނުވަތަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަންތަކަށް، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ  

  • ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރި ވާނަމަ، އެ އެޕްލިކޭޝަނަކަށް ލިބޭނީ ޖުމުލަ 4،000 އަކަފޫޓު

އެނގުން މުހިންމު - މާލޭ ސަރަހައްދުން ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޫކުރާތީ އަދި ހިލޭ ގޯތި ދޫކުރާތީ ބައެއް މީހުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެމީހުން ބުނީ މާލެ ސަރަހައްދުން އެއްވެސް ބަޔަކަށް މިހާރު ހިލޭ ގޯތި ލިބިގެން ނުވާނެ ކަމަށާއި، އަދި ގޯތި ދޭއިރު ހަމައެކަނި މާލޭ މީހުންނަށް ގޯތި ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

ގޯތި ދިނުމާ ގުޅޭގޮތުން މާލޭ މީހުންނާއި އަތޮޅުތެރޭގެ މީހުންގެ މެދުގައި ބޮޑު ބަހުސެއް ވެސް ވަނީ އުފެދިފަ އެވެ.

ކޮމެންޓް (3)

މާލެ ރެފިއުޖީ

17 ސެޕްޓެމްބަރު 2022
@އާދަމް އިބްރާހިމް ކަލޭތީ ރާއްޖެތެރޭމީހެއް. މާލޭ މީހުންނާ ދޭތެރޭ އެހެންމީހުންގެ ނަފްރަތު އުފައްދަން ހުރިހާ ތަނެއްގަ މި ކޮމެންޓް ކޮޕީޕޭސްޓް ކުރަމުން ދުވަނީ.
0 0

އާދަމް އިބްރާހިމް

15 ސެޕްޓެމްބަރު 2022
ސަޅި. އަހަރެމެންގެ 1600 އަކަފޫޓުގެ ބިމެއް މާލޭގައި އެބައޮތް، 6 ކުދިން ތިބޭ. އެހެންވީމާ ދެން އަންނަ ބުރަކުން ހުރިހާ ކުދިންނަށް ފްލެޓް ލިބޭނެހެން ހީވޭ. އަހަރެެމެން ބޭނުމިއްޔާ މިހާރުވެސް ގެ 10 ބުރިއަށް ހިއްލާލާނަން. އެކަމު މި މަޑުކުރަނީ ފްލެޓް ލިބެންދެން. ފެލްޓް ލިބުނީމާ ގެ 10 ބުރިއަށް ހިއްލާލާފައި، ކޮންމެ ކުއްޖަކަށް 3 ރޫމްގެ ދެ އެޕާޓްމަން ރަޖިސްޓްރީ ކުރާނީ، އެއީ 6 ފްލޯ، އަނެއް 4 ފްލޯ ކުއްޔަށްދީގެން ކުއްޖަކަށް މަހަކު 33،000 ރުފިޔާ ލިބޭނެ
1 7

ޙަސަން ބަސީރު

16 ސެޕްޓެމްބަރު 2022
@އާދަމް އިބްރާހިމް ތިޔައްކިޔަނީ ދެއްކުންތެރިކަން، މިއަދު އަމިއްލަ ނަންމަތީ ކިތަންމެ ގެދޮރަކާ މުދަލެއް އޮތަސް ލޯމަރާފަ ދާން ޖެހޭނީ ފަސްގަނޑު ދަށަށް ގެންދެވޭނެ އޮތީ ހަމައެކަނި ތިމާކުތި ހެޔޮ އަމަލެއް. މީހުން ރުޅިއެރުވުމުގެ ނިޔަތުގަ ތިޔަޒާތް ޒާތުގެ ކޮމެންޓް ނުކޮށް ހެޔޮ އަމަލެއް ކުރެވޭތޯ ބަލާ. މާތްﷲ ތިބާއަށް ހެޔޮ ވިސްނުން ދެއްވާށިއެވެ...
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް