ވަޅިން ހަމަލާދީ މަރާލި އަހްމަދު އުދައްޔު.
އުދައްޔުގެ މަރު: ކުޑަކުއްޖާއަށް ކުރި ދައުވާތައް ސާބިތުވެއްޖެ
މިދިޔަ އަހަރުގެ ކުރީކޮޅު ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކޯޓުން ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ އަހަރު ފެބްރުއަރީ 8 ވަނަ ދުވަހު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށެވެ. އެކަން ހިނގި އިރު އެ ކުއްޖާއަށް 18 އަހަރު ނުވި ނަމަވެސް، އޭނާއަށް މިހާރު 18 އަހަރު ފުރިއްޖެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ:
-
ގަސްތުގައި މީހަކު މެރުމުގެ ދައުވާ
-
ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ
ތަފްސީލު - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ޖުވެނައިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
"ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއް ގޮތަަށް ކުރިއަށް ގެންދާނެ،" ކުށް ކުރި އިރު ކުޑަކުއްޖަކަށް ވާތީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ދިނުމެއް ނެތި ޕީޖީން ބުންޏެވެ.
އެނގުން މުހިންމު - މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ މީހުންނަކީ:
-
1-
އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ
-
2-
ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ
-
3-
މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ
އެ ތިން މީހުންގެ މައްޗަށް އުފުލީ:
-
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ
-
މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
އެ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. މިހާރު އެ މައްސަލަތައް އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ.