ހައްމާދަށް ހަމަލާދިން އާސިފް (ފޮޓޯ/މިހާރު)

ކްރިމިނަލް ކޯޓު

ހައްމާދަށް ދޯނީގައި ހަމަލާދިން އާސިފް 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ޖަލުގައި ގާތްގަނޑަކަށް 3 އަހަރު ހޭދަކޮށްފައިވާތީ ދެން ތަންފީޒު ކުރަން ޖެހޭނީ 7 އަހަރު
13 ސެޕްޓެމްބަރު 2022

ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ވަނަ އަހަރު އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އިސްމާއިލް އާސިފްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ދައުލަތުން އާސިފްގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލައިގެ ފެށުން - މާރާމާރީ ހިންގީ އއ. މާޅޮހު ބޭރުގައި އޮތް 'ޖަރީ' ދޯނީގެ ތެރޭގަ އެވެ. އެ ދޯންޏަކީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރާ، ހަރުކަށި ފިކުރުގެ މީހުން ލަނޑާ ނަގަން ނުކުމެ އުޅޭ ދޯންޏެއް ކަމަށްވެ އެވެ. އަދި ދޯނި ތެރޭގައި 22 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ރޭ މާރާމާރީ ހިންގައި ހައްމާދަށް ހަމަލާ ދިނީ، ދީނީ ގޮތުން އުފެދުނު ދެބަސްވުމެއްގައި ކަމަށް ހައްމާދު ބުނެފައިވެ އެވެ.

ހައްމާދު ބުނީ އޭނާއަށް ހަމަލާ ދިނީ އާސިފް ކަމަށާއި، ހަމަލާ ދިނުމަށް ފަހު އޭނާ މޫދަށް އެއްލައިލީ ކަމަށެވެ.

ހައްމާދު ވަނީ ފަތާފައި ގޮސް މާޅޮހަށް އަރައިފަ އެވެ. އަދި އާސިފް އާއި ދޯނީގައި ހުރި އިތުރު މީހަކު ވެސް މާޅޮހަށް އެރި އެވެ.

ތަފްސީލް - އާސިފް ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސިއްރު ހެކިން ވެސް ހިމެނެ އެވެ.

ހައްމާދަށް ހަމަލާ ދިނުމަށް ބޭނުންކުރި ކިވީ ބްރޭންޑުގެ ވަޅި ވެސް ފުލުހުން ވަނީ ދޯނި އޮތް ސަރަހައްދުގެ ކަނޑު އަޑިން ހޯދައިފަ އެވެ.

ހައްމާދުގެ ބޮލަށާއި ވައަތު ކޮލަށާއި ވައަތު ކަންފަތަށާއި، ވައަތުގެ އަތްތިލައަށާއި އިނގިލިތަކަށާއި، ތުންފަތަށާއި ބުރަކައްޓަށް ވެސް ވަޅިން ހަމަލާދީފައި ހުއްޓެވެ. 

ޝަރީއަތުގައި އާސިފް ބުނީ ހައްމާދު މޫދަށް ފުންމާލީ އަމިއްލައަށް ކަމަށެވެ. އަދި ދޯންޏަށް އަރަން ބުނުމުން ވެސް ފަތާފައި މާޅޮހަށް އެރީ ކަމަށާއި އެހެންކަމުން، ހައްމާދުގެ ހަށިގަނޑުގައި ހުރީ އާނުގަނޑެއް ފަދަ ތަނެއްގެ މައްޗަށް ވެއްޓުމުން ލިބިފައި ހުރި ޒަހަމްތަކެއް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އާސިފް ބުނެފައިވެ އެވެ.

ނަމަވެސް ހެކިންގެ ބަހުން އެނގޭ ގޮތުގައި:

  • އެ ދޯނީގައި ހުރި ލަކުޑިތަކެއްގައި ލޭ ހުރި

  • އިންޖީނުގެ މަތީގައި އަޅާފައި އޮތް ސަތަރިގަނޑެއްގައި ލޭ ހުރި

  • އިންޖީނު ތެރެއަށް ވާގޮތަށް އިން ގުންބާއެއްގައި ލޭ ހުރި

  • މެދު ވަތުގެ މަތީގައި ހުރި ހަމެއްގައި ވެސް ލޭ ހުރި

ހައްމާދަށް ފަރުވާ ދިނުމަށް މާލެ ގެންނަނީ (ފޮޓޯ/އެމްއެންޑީއެފް)
އިސްމާއިލް ހައްމާދު (ފޮޓޯ/މިހާރު)

ދޯނި ތެރެއިން ފެނުނު ލެޔާއި ހައްމާދުގެ ޑީއެންއޭ ވަނީ ދިމާވެފަ އެވެ. އަދި އާސިފްގެ އަތްތިލައިން ނެގި ސްވަބް އިން ހައްމާދުގެ ޑީއެންއޭ ފެނިފައިވެ އެވެ. އަދިވެސް ދޯނި ތެރެއިން ނެގި ސާމްޕަލްތަކުން ހައްމާދާއި އާސިފްގެ ޑީއެންއޭއާ ވަނީ ދިމާވެފަ އެވެ. އޭގެ އިތުރުން، އާސިފްގެ ކަނާތާއި ފައިގައި ވެސް ޒަހަމްތަކެއް ހުއްޓެވެ.

ދައުވާއަށް އިންކާރު ކުރި ނަމަވެސް، އާސިފް ވަނީ އޭނާއަކީ ރުޅިއައުމުގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އެ މާރާމާރީ ހިނގީ ދީނާއި ފައިސާއާ ގުޅިގެން ޖެހުނު މައްސަލައެއްގެ ތެރެއިން ކަމަށާއި އެހެން އަމަލު ނުކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށާއި އަދި އެއީ އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށް ތަހުގީގުގައި ބުނެފަ އެވެ.

ހުކުމް - މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި ޝަރީއަތުން މިއަދު ނިންމީ:

  • ހައްމާދުގެ ބުރަކަށީގައި ހުރި ޒަހަމުން، އެއީ ހައްމާދު އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް ކުރި ކަމެއް ނޫންކަން ދަލާލާތު ކޮށްދޭ ކަމަށް

  • ދޯނި ތެރޭގައި ހުރި ލެއިން ހައްމާދުގެ ޑީއެންއޭ ފެނިފައިވާތީ، އޭނާއަށް އަނިޔާލިބިފައި ވަނީ ދޯނި ތެރޭގައިކަން އެނގޭ ކަމަށް

  • ހަށިގަނޑުގެ އެތަންމިތަން ޒަހަމްވެފައިވާ މީހަކު އަމިއްލަ އިހްތިޔާރުގައި، މީހެއްގެ އެހީތެރިކަން ލިބެން އޮތް ހާލަތުގައި، ރޭގަނޑު ފަތާފައި ދާނީ އަމިއްލަ ނަފްސަށް ބިރުވެރިކަމެއް އޮތުމުން ކަމަށް

  • ހާދިސާ ހިނގި ގޮތް އޮޅުވާލުމަށް އާސިފް ދެ ފަހަރު ދެ ގޮތަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް

އެހެންކަމުން، ދައުލަތުން އާސިފްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލާން ކޯޓުން ހުކުމް ކުރި އެވެ.

އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިޔައިރު އާސިފް ވަނީ ދެ އަހަރާއި އަށް މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ. އޭނާއަށް އިއްވި ޖަލު ހުކުމުން އެ މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަސް ދުވަހުގެ ޖަލު އަދަބެކެވެ.

ގުޅުންހުރި ކަމެއް - މި މާރާމާރީގައި އަނިޔާ ލިބުނު ހައްމާދު، 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅި، އޭނާގެ ދަރިއަކަށް އެކުއްޖާ ބަލިވެ އިނދެ ވިހެއި މައްސަލައިގައި ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް