މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

އަޑުއެހުންތައް ނިންމާލައިފި، ޑިސެމްބަރުގެ ކުރިން ހުކުމް ކުރާނެ

ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލައިގައި ހުކުމެއް އިއްވަން މަސައްކަތްކުރައްވާނެކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވި
5 އޮކްޓޯބަރު 2021

އަންނަ ޑިސެމްބަރު މަހުގެ ކުރިން މައްސަލައިގައި ހުކުމް އިއްވާނެކަން އިއުލާނުކުރުމަށް ފަހު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 30 ގަޑިއިރުގެ އަޑުއެހުންތަކަށް ފަހު، މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް މުޅިން ނިންމާލައިފަ އެވެ.

ތަފްސީލް - އެ މައްސަލައިގައި މިއަދު އޮތީ ދެ ފަރާތުން ވެސް މައްސަލައާ ގުޅިގެން ހުލާސާކޮށް ވާހަކަދެއްކުމެވެ. މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ދިފާއީ ވަކީލުން ވަރަށް ދިގުކޮށް ހުލާސާ ވާހަކަތައް ދެއްކެވި އިރު، ޔާމީން އަމިއްލަފުޅަށް ވެސް ދިގުކޮށް ވާހަކަ ދެއްކެވި އެވެ. އަދި ދައުލަތުން ވެސް ވަނީ ދިގުކޮށް ހުލާސާ ބަޔާން އިއްވައިފަ އެވެ.

ދެ ފަރާތުން ހުލާސާ ބަޔާން އިއްވާ ނިމުމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ:

  • މައްސަލައިގައި ދެ ފަރާތުން ދައްކަން ހުރި ވާހަކަތައް މިހާރު މުޅިން ނިމިފައިވާ ކަމަށް 

  • އަޑުއެހުންތަކުގައި ދެއްކި ވާހަކަތަކާއި، ކޯޓަށް ހުށަހެޅި ލިޔެކިޔުންތައް ދިރާސާކޮށް މައްސަލައިގައި ގޮތެއް ނިންމުމުގައި އެއްވެއް ކަމެއް ދޫކޮށް ނުލާނެ

"އަޅުގަނޑުމެން ރިއާޔަތްނުކޮށް ދޫކޮށްލާނެ އެއްވެސް ކަމެއް ނޯންނާނެ. އެކަމުގެ ޔަގީންކަން ދެފަރާތަށް އަރުވަން،" ފަނޑިޔާރު ވިދާޅުވި އެވެ.

އަޑުއެހުންތައް ނިމުމުން ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވާ މަޖިލީހެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވީ މައްސަލައިގައި ވަރަށް ގިނަ ލިޔުންތަކާއި ވާހަކަތައް ދިރާސާ ކުރަން އެބަހުރި ކަމަށެވެ. އެހެންކަމުން ގޮތެއް ނިންމަން ގިނަ ވަގުތު ނަގާނެކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ. އެހެންކަމުން ރިސެސް އަށް ދިއުމުގެ ކުރިން މައްސަލައިގައި ގޮތް ކަނޑައަޅަން އޮތީ 56 ދުވަސްކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

"މި 56 ދުވަސް ނިމުމުގެ ކުރިން މި މައްސަލައިގައި ނިމުމަކަށް އާދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ފަނޑިޔާރު ވިދާޅުވި އެވެ.

އެނގުން މުހިންމު - މިއަދު ސުޕްރީމް ކޯޓުން ވަނީ ޔާމީން ކަފާލާތުން ދޫކުރެވެން ނެތް ކަމަށާއި، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް