މިދިޔަ މަހުގެ 12 ގައި ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ގެއަށް ވަޑައިގަންނަވަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޔާމީންގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި
ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ނިމެންދެން، އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން މިއަދު ނެރެދީފި އެވެ.
ވީ ކިހިނެއް؟ - ޔާމީނަށް ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގަ އެވެ. އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރަން އެންގި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ދައްކަވާފައެއް ނުވެ އެވެ.
ތަފްސީލް - ހުކުމުގެ ޖޫރިމަނާ ބައި ފަސްކުރުމުގެ އަމުރަކަށް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ. އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ނިންމީ، ޔާމީން އެދިވަޑައިގެން ގޮތަށް ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފު މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން، ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ:
-
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ހައި ކޯޓުގެ ނިންމުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ހުކުމްގައިވާ ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއްގެ ޝަރީއަތް ހިންގައި ގޮތެއް ކަނޑައަޅައިފި ނަމަ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައިގައި އިންސާފު ގާއިމުކުރަން ހުރަސްއެޅިދާނެ ކަމަށް
-
ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ޖޫރިމަނާ ފައިސާ ހޯދަން އެއްވެސް ކޯޓަކަށް ހުށަހަޅާފައިވާ ނަމަ، އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިއުމަށް
-
ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި މީރާ އިން ނުވަތަ އެހެން ވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް ކޯޓުތަކާއި މީރާ އަށާއި ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށް
އެނގުން މުހިންމު - ސުޕްރީމް ކޯޓުން މި އަމުރު ނެރުނު އިރު، އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަން އޮތީ ތާވަލުކޮށްފަ އެވެ.
އިތުރަށް ކިޔާލަން -