އާރަށުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން
އާރަށް ނުއަގުގައި ދިނީ ޔާމީން އަންގަވައިގެން؛ ބަދަލުގައި 1 މިލިއަން ޑޮލަރު ދިން: އަދީބާއި ޒިޔަތު
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ކުޑަ އަގެއްގައި ދޫކުރީ ސީދާ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށާއި އެ މުއާމަލާތާ ގުޅިގެން އެމަނިކުފާނަށް 1 މިލިއަން ޑޮލަރު ދިން ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފި އެވެ.
ވީ ކިހިނެއް؟ - އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް މިއަދު ނެގީ އާރަށު މައްސަލައިގައި ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ޝަރީއަތުގަ އެވެ.
ދައުލަތުން ބުނަނީ އާރަށް ދޫކުރުމަށް ޔޫސުފް ނައީމްގެ އަތުން 1 މިިލިއަން ޑޮލަރުގެ ރިޝްވަތު ޔާމީން ނަންގަވައި އެ ފައިސާ، ރައީސް ކަމުގައި ހުންނަވައިގެން، އެ މަނިކުފާނު ލޯންޑާ ކުރެއްވި ކަމަށެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ޔޫސުފް ނައީމްގެ މައްޗަށް، ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފަ އެވެ.
އެނގުން މުހިއްމު - ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން ވަނީ އަދީބާއި ޒިޔަތުގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދައި، އެ ދެ ބޭފުޅުންނާ އެކު ދައުލަތުން ހަދާފައިވާ އިއުތިރާފު އެއްބަސްވުން ހާމަނުކުރާހާ ހިނދަކު، ހެކިބަސް ބަލައިގަތުމާ މެދު އިއުތިރާޒްކޮށްފަ އެވެ. ނަމަވެސް، މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން މިއަދު ކުރިއަށް ގެންދިއުމަށެވެ.
'އާރަށުގެ އަގު ކުޑަކުރީ ޔާމީން ވިދާޅުވެގެން؛ ބަދަލުގައި 1 މިލިއަން ޑޮލަރު'
މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ޔާމީންގެ ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި ޑީއާރްޕީ އެކުގައި މަސައްކަތް ކުރި އިރު އޭނާއަށް ޔޫސުފް ނައީމް ތައާރަފްކޮށްދެއްވީ ޔާމީން ކަމަށެވެ. އޭގެ ފަހުން އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް ޔޫސުފް ނައީމް އެކި ރަށްތަކާ ގުޅޭގޮތުންނާއި އެހެން ކަންކަމުގައި ވެސް މެސެޖުކޮށް ހައްދަވާ ކަމަށް އަދީބު ވިދާޅުވި އެވެ.
"ބައެއް ރަށްރަށް ދީފިއްޔާ 1 މިލިއަން ޑޮލަރު ނުވަތަ %25 ދޭ ގޮތަށް ވެސް އެބަހުރި މެސެޖު ކުރައްވާފައި،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އާރަށާ ގުޅޭގޮތުން ޔޫސުފް ނައީމް ވާހަކަދެއްކެވީ 2015 ވަނަ އަހަރު ކަމަށެވެ.
"ބައްދަލުކުރައްވައި ވިދާޅުވީ ވ. އާރަށަށް އެބަ ތިއްބޭ އިންވެސްޓަރުން. ކުއްޔަށް ދެވިއްޖެއްޔާ ވަރަށް ރަނގަޅު ގޮތްތަކެއް ހަމަޖެހިގެންދާނޭ. އޭގެ ތެރޭގައި 1 މިލިއަން ޑޮލަރާއި %5 ވެސް ޕްރޮކްސީއެއް މެދުވެރިކޮށް ލެވިގެންދާނޭ. އެކަހަލަ ވާހަކަތަކެއް ދެއްކެވި،" އަދީބު ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެއީ ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ ދަނޑުވެރިކަމަށް ކުއްޔަށް ނަންގަވައިގެން ގެންގުޅުއްވާ ރަށެއް ކަމަށާއި އެގްރިކަލްޗާ މިނިސްޓްރީގެ ދަށުގައި އޮތް ރަށެއް ޓޫރިޒަމްގެ ދަށަށް ބަދަލުކޮށް އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ އޭނާއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ޔޫސުފް ނައީމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
"އެކަން އަޅުގަނޑަކަށް ނުވާނެ ކަމަށާއި އެކަން ވާނީ ރައީސް ޔާމީނަށް ކަމަށް އަޅުގަނޑު ދެންނެވީ. ދެން އެހިސާބުން ޔޫސުފް ނައީމް ވިދާޅުވީ އެހެންވިއްޔާ އަޅުގަނޑު ރައީސް ޔާމީން އަރިހަށޭ ދާނީ މި ރަށުގެ ކަންތައްތަކުގައި،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އޭގެ ފަހުން ޔާމީން ގުޅުއްވާފައި "އާރަށުގެ ކަންތައް ނިންމަން އެބަ ޖެހެޔޭ" ވިދާޅުވި ކަމަށެވެ.
އެއަށްފަހު ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި އެ ރަށުގެ މައްސަލަ އެޖެންޑާ ކުރަން ފޮނުއްވީ ވެސް ޔާމީން ކަމަށާއި މާ ބޮޑު މަޝަވަރާއެއް ނެތި އެ ރަށް ޓޫރިޒަމަށް ބަދަލުކުރީ ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބުގެ ކުރިން ހެކިބަސް ދެއްވަމުން ޒިޔަތު ވިދާޅުވީ އާރަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން ޔޫސުފް ނައީމް ކިޔާ ބޭފުޅަކު މުއާމަލާތު ކުރައްވާނެ ކަމަށް އޭނާ ގާތު ވިދާޅުވީ އަދީބު ކަމަށެވެ. އަދި އެ ރަށުގެ މުއާމަލާތަކީ ޔާމީން ވިދާޅުވެގެން ހިންގާ ކަމެއް ކަމަށް ވެސް އަދީބު ވިދާޅުވި ކަމަށް ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ފަހުން އެ ރަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން ވައިބާ މެދުވެރިކޮށް ޔޫސުފް ނައީމާ މުއާމަލާތު ކުރެއްވި ކަމަށެވެ.
'ޔާމީން އަންގަވައިގެން ރަށުގެ އަގު 5 މިލިއަނުން 2 މިލިއަނަށް'
ޒިޔަތު ވިދާޅުވީ ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް އާރަށް ދޫކުރުމަށް އެގްރީމަންޓް ހެދުމަށް، ރަށުގެ އެކުއިޒިޝަން ކޯސްޓް ކަނޑައެޅުމަށް އަދީބާއެކު މަޝްވަރާކުރެއްވި ކަމަށާއި އެންމެ ފުރަތަމަ އަގަކަށް ނިންމީ 5 މިލިއަން ޑޮލަރު ކަމަށެވެ.
އެ އަގު ކަނޑައެޅި ސަބަބެއް ކަމަށް އަދީބާއި ޒިޔަތު ވިދާޅުވީ:
-
ކުރިން ލިބެން އޮތް ރަށަކަށް ނުވުން
-
އެއީ ރާއްޖޭގެ މެދުތެރޭގެ ހިސާބެއްގައި އޮތް ރީތި ރަށަކަށް ވުމުން
-
އެ ރަށް ބިޑަށް ލައިފި ނަމަ ގިނަ އިންވެސްޓަރުން ކުރިމަތިލާނެތީ
"އޭގެ ދުވަސްކޮޅެއް ފަހުން އަހްމަދު އަދީބު ދެންނެވީ އެ އަގު [5 މިލިއަން ޑޮލަރު] ކުޑަކުރަން ޖެހޭ ކަމަށް. އެއީ ރައީސް ޔާމީނު ގުޅާފައި އެންގެވީ ކަމަށް އަގު ކުޑަކުރަން،" ޒިޔަތު ވިދާޅުވި އެވެ.
ރަށުގެ އަގު ކުޑަކުރި ސަބަބު، ފަހުން ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވި އެވެ.
"ޔާމީން ވިދާޅުވީ 3 މިލިއަން ޑޮލަރަށް ރަނގަޅު ވާނޭ އެއީ ޔޫސުފް ނައީމަކީ ވެސް ވަރަށް ގާތް ބޭފުޅަކަށް ވެފައި އެ ބޭފުޅާ ވެސް ވަރަށް ކަންކަން ކޮށްދެއްވައޭ. އެހެންވެ ދެން އޭރު ޒިޔަތާ މަޝްވަރާކޮށްފައި އަޅުގަނޑުމެން 3 މިލިއަން ޑޮލަރަށް ކީ،" އަދީބު ވިދާޅުވި އެވެ.
ނަމަވެސް އެގްރީމަންޓުގައި ސޮއިކުރަން ދެ ދުވަހަށް ވެފައި ވަނިކޮށް އެކުއިޒިޝަން ކޯސްޓް 2 މިލިއަނަށް ހެދުމަށް ޔާމީން އެންގެވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި 2 މިލިއަންގެ ތެރެއިން 1 މިލިއަން ޑޮލަރު ސޮއި ކުރާ އިރު ދޭ ގޮތަށް ހަދައި، އަނެއް މިލިއަން އެއް އަހަރު ފަހުން ދައްކާ ގޮތަށް ހަމަޖައްސައިދޭން ވެސް ޔާމީން އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެގޮތަށް ނިމިގެން ދިޔައީ ވެސް،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށުން އެމްއެމްޕީއާރްސީއަށް އަދި އެއަށް ފަހު އެމްއެމްޕީއާރްސީން އެ ރަށް ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް ދިނީ އެއް ދުވަހެއްގައި، އެއް މޭޒެއް މަތިން ކަމަށެވެ. އަދި އެ ރަށް ކުއްޔަށް ދީ ނިމުނު އިރު "އެއްވެސް ކަހަލަ ފޯމަލް ކޮމިއުނިކޭޝަންތަކެއް ނެތް" ކަމަށް ވެސް ވިދާޅުވި އެވެ.
އިންވެސްޓަރުން ހޯދުމަށް ފަހު ޑިއު ޑިލިޖެންސް ވެސް ބަލަންޖެހޭނެ ކަމަށާއި ނަމަވެސް ޔޫސުފް ނައީމް ދެއްވި ކުންފުންޏަކީ އެ ދުވަސްވަރު އުފެއްދި ކަރުދާސް ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ އެއްވެސް ބެކްގްރައުންޑެއް ނެތް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވެގެން. ރައީސް ޔާމީން އާންމުކޮށް އަޅުގަނޑަށް އިރުޝާދު ދެއްވަނީ ފޯނުގެ ޒަރިއްޔާއިން. އެގޮތުގެ މަތިން އަމަލުކޮށްފައި އޮންނާނީ،" އަދީބު ވިދާޅުވި އެވެ.
'ރަށް ކުއްޔަށް ދިނުމުން ޔާމީނަށް ހިތްހަމަޖެހުން'
އަދީބާއި ޒިޔަތު ވެސް ވިދާޅުވީ، ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމުމުން، ޔޫސުފް ނާއިމްއާ ތިން ބޭފުޅުން އެކުގައި ވާހަކަދައްކަވަން ތިއްބެވި ކަމަށެވެ.
"ޔޫސުފް ނައީމް ދެންނެވީ އަދީބު ކައިރީގައި އެގްރީމަންޓް ކަންތައް ނިންމާލެވުނީމާ ރައީސް ޔާމީން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާނެ ކަމަށް. އެއީ 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފައިވާނެ ކަމަށް،" ޒިޔަތު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ޔޫސުފް ނައީމް އެދިވަޑައިގަތުމުން އެ ރަށް ކުއްޔަށް ދޫކުރުމަށް ޔާމީން ހަމަޖައްސަވައިދެއްވީ ވަރަށް ލުއި ގޮތެއް ކަމަށާއި އެއީ ވަރަށް އަގުހުރި ރަށެއް ކަމަށް ޔޫސުފް ނައީމް ގާތުގައި ވިދާޅުވި ކަމަށެވެ.
"ޔޫސުފް ނައީމް ވެސް ވިދާޅުވީ ހަމަ އެގޮތަށް ޔޫސުފް ނައީމް ވެސް ވާނީ ވަރަށް ބޮޑު ކަންތައްތަކެއް ރައީސް ޔާމީން އަށް ކޮށްދެއްވާފައިވާ ކަމަށް. އަދި އަދަދެއް ވެސް ވިދާޅުވި،" އަދީބު ވިދާޅުވި އެވެ.
"ފައިސާގެ މުއާމަލާތްތަކެއް ކުރެއްވީ އަދި ބޮޑު އަދަދަކުން ޑޮލަރު ދެއްވާފައިވާ ކަމަށް ވިދާޅުވި."
"އެއީ 1 މިލިއަން ޑޮލަރު،" އަދީބު ވިދާޅުވި އެވެ.
އަދީބާއި ޒިޔަތުގެ އަދުލުވެރިކަމާ މެދު ސުވާލު
އާރަށުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުންނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް ވަނީ ޒިޔަތާއި އަދީބުގެ ހެކިބަހާ ގުޅިގެން އިއުތިރާޒު ނަގައިފަ އެވެ.
ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވަނީ އަދީބާއި ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފު އެއްބަސްވުންތައް ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ވަކީލު ވިދާޅުވީ އެ އެއްބަސްވުންތައް ހާމަނުކުރާހާ ހިނދަކު، އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.
ހިޔާނާތުގެ ދައުވާ ސާބިތުވެފައިވާ އަދީބާއި ޒިޔަތަކީ ވެސް "އާދަޔާ ހިލާފު ގޮތަކަށް" ގޭގައި ޖަލު ހުކުމް ތަންފީޒުކުރައްވާ ދެ ބޭފުޅުންކަން ފާހަގަކުރައްވައި ހަމްޒާ ވަނީ އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ ދެ ބޭފުޅުންނަށް މަންފާއެއް ފޯރުކޮށްދީފައިވޭތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ކުށް ސާބިތުވެފައި ވީ ނަމަވެސް، އެ ދެ ބޭފުޅުންގެ އެއްވެސް މުދަލެއް ނަގަން ނޫޅޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މި އިއުތިރާފު އެއްބަސްވުންތަކުގެ ސަބަބުން، މި ފަރާތްތަކަކީ ޝަރީއަތުގައި ހުވައިގެ މަތީގައި ދޮގު ހަދާފާނެ ކަމުގެ ފުރުސަތު އޮތް ފަރާތްތަކަށް ވާތީ އެ ފަރާތްތަކުގެ އެއްބަސްވުންތައް ހާމަނުކުރާހާ ހިނދަކު އެ ފަރާތްތަކުގެ ހެކިބަސް ނަގަމުން ދިއުމަކީ ޝަރީއަތް ހުއްދަކުރާ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.
"އެފަރާތްތަކަށް މަންފާ ފޯރުކޮށްދޭ ދައުލަތް މިތަނުގައި އެބަ ތިއްބެވި. އެ ފަރާތްތަކުން ހެކިބަސް ދޭން މި އަންނަނީ އެ ދައުލަތުން ގޮވާލީމާ. [އެހެންކަމުން] ދައުލަތުން އެދިވަޑައިގަންނަވާ ގޮތަކަށް ހެކިބަސް ބައްޓަންކުރުމަކީ ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމެއް."
ހަމައެއާއެކު ޒިޔަތާއި އަދީބަކީ ވެސް ހަމަ މި ކުށުގައި ހިމެނޭ ދެ މީހުންކަން ވެސް ވަކީލު ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެފަދަ ބަޔަކު "އަނެއް މީހާގެ ބޮލަށް ކަނޑާލީމާ ތިމަންނަމެން ސަލާމަތްވީ" ކަމަށް ދެކިގެން ހެކިބަސް ދިނުމުގެ ފުރުސަތު ބޮޑުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހަމްޒާގެ ވާހަކަތަކަށް ޔާމީންގެ ދިފާއީ ވަކީލު ޑރ. މުހައްމަދު ޖަމީލް ވެސް ތާއީދުކުރެއްވި އެވެ. ޖަމީލް ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ނެގޭނެތޯ ނިންމައިދިނުމަށާއި އިއުތިރާފު އެއްބަސްވުންތައް ހާމަކުރުމަށް އެދިވަޑައިގެންފަ އެވެ.
ރައްދުގައި ދައުލަތުގެ ވަކީލު މަރްޔަމް ޝަހުމާ ވިދާޅުވީ ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމެއް "މިވަގުތު ނެތް" ކަމަށެވެ. އެހެންކަމުން ޒިޔަތު ޝަރީއަތަށް ހާޒިރުވެވަޑައިގަތީ އެއްބަސްވުމެއްގެ ދަށުން ވަކި ގޮތަކަށް ހެކިބަސް ދޭން ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ދައުލަތުން ބުނީ އަދީބާއި ޒިޔަތަށް ވެސް އިއުތިރާފު އެއްބަސްވުމުގެ ދަށުން "ގާނޫނު ނުދަންނަ މަންފާއެއް ހޯދައިދީފައި ނުވާނެ" ކަމަށާއި ގޭގައި ޖަލު ހުކުމް ތަންފީޒު ކުރުމަކީ އެ މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާގެ ނިންމުމެއް ކަމަށެވެ.