މިއަދު އޮތް ސްޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރެވޭކަށް ނެތް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން ބުނީ ހުކުމެއް ތަންފީޒުކުރަމުން އަންނަ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް
5 އޮކްޓޯބަރު 2021

މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށާއި އެ މަނިކުފާނުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އިރު ކަފާލާތުގެ ދަށުން ދޫކުރުމުގެ އަމުރަކާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދުނެވެ.

ތަފްސީލް - އެ މައްސަލައިގައި މިއަދު އޮތީ އެ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމެވެ. ކަފާލާތާ ގުޅޭގޮތުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، އެއީ ކުށުގެ ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކުރުމަށް ކޯޓުތަކަށް ލިބިގެންވާ އިހްތިޔާރެއް ކަމަށެވެ.

ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ ހުކުމެއް އިސްތިއުނާފު ކުރުމަކީ އޭގެ ޒާތުގައި އޭނާގެ މައްޗަށް އިއްވާފައި އޮތް ހުކުމުގެ ބާރު ދަށްވާނެ ކަމެއް ނޫންކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

"އަދި އެ ހުކުމަކީ ވުޖޫދުވެފައި ނުވާ ހުކުމެއް ކަމަށް ބަލާނެ ޖާގަ އޮތް ހުކުމެއް ވެސް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ މީހެއްގެ މައްޗަށް ހުކުމެއް އިއްވުމުގެ ނަތީޖާއަކީ ހުކުމް ތަންފީޒުކުރުމަށް އެމީހެއްގެ މައްޗަށް އިޖުރާއަތުތައް ހިންގުމަށް ބޭނުންވާ މިންވަރަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވާ މީހެއް ކަމަށެވެ.

ޔާމީންގެ ފަރާތުން އިއްޔެ ވިދާޅުވީ ކަފާލާތަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށެއް ސާބިތުވެފައިވާ މީހާއަށް ވެސް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ބުނީ ކަފާލާތަކީ ކުށެއް ސާބިތުވެފައިވާ މީހަކަށް ލިބިފައިވާ ހައްގެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނުތަކަށް ބަލާއިރު، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުން އަންނަ މީހަކު ކަފާލާތުގެ އުސޫލުން ކޯޓުތައް މެދުވެރިކޮށް ދޫވުމަކީ އެފަދަ މީހަކަށް ލިބިފައިވާ ހައްގެއް ކަމަށް ބަޔާންކޮށް، އެގޮތަށް މީހަކު ދޫކުރުމުގައި ކޯޓުތަކުގެ ދައުރެއް ވާކަމަށް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ ދިމިގްރާތީ ގައުމުތަކުގައި ކުށެއް ސާބިތުވެފައިވާ މީހުން ކަފާލާތުގެ ދަށުން ދޫކުރަނީ އެކަމަށް ގާނޫނު އެކަށައަޅައި އެ ގާނޫނުތަކުގައި ބަޔާންވެފައިވާ އުސޫލުތަކުގެ މަތިން ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކުގައި ކަފާލާތުގެ ވާހަކަ ބަޔާންކޮށްފައި ވަނީ ހައްޔަރުކުރާ މީހުންނާއި ބަންދުކުރާ މީހުންގެ ހައްގުތަކާ ގުޅޭގޮތުންނާއި ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނެ ހާލަތްތަކާއި، ބަންދުގައި ނުބަހައްޓާ ދޫކޮށްލާއިރު ކޯޓުތަކަށް ލިބިގެންވާ އިހުތިޔާރުތަކުގެ ތެރޭގައި ކަމަށެވެ.

ގާނޫނުއަސާސީގައި ވެސް އަދި ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގައި ވެސް ޝަރީއަތުން ހުކުމެއް ކުރުމުގެ ފަހުން، އެ ހުކުމް ތަންފީޒުކުރާ މީހަކު ކަފާލާތުން ދޫކުރުމާ ބެހޭ އުސޫލެއް ބަޔާންވެފައި ނުވޭ،" ފަނޑިޔާރު ވިދާޅުވި އެވެ.

ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަން ފާހަގަކުރައްވައި ފަނޑިޔާރު ވިދާޅުވީ، އެފަދަ ގާނޫނީ އިންތިޒާމެއް ނެތި ކޯޓުގެ އަމުރަކުން ނުވަތަ ނިންމުމަކުން އުސޫލުތައް ކަނޑައަޅައި ޖިނާއީ ހުކުމް ތަންފީޒުކުރަމުން އަންނަ މީހަކު ކަފާލާތުން ދޫކުރުމަކީ ގާނޫނުއަސާސީ އާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަމަލުކުރާ ގާނޫނުތަކުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކަން މިހެން އޮތް އިރު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު، ކަފާލާތުގެ ދަށުން ދޫވުމަކީ އެފަދަ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމުގައި ގާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތް،" ސުޕްރީމް ކޯޓުން ނިންމި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ، ދުރާލާ ލިޔެފައިވާ ތަފްސީލީ އިޖުރާއަތެއް ނެތި، ޖިނާއީ ހުކުމެއް ތަންފީޒުކުރަމުން އަންނަ މީހަކު ކަފާލާތުގެ ދަށުން ނުވަތަ އެނޫން ވެސް އުސޫލެއްގެ ދަށުން އިސްތިއުނާފީ މަރުހަލާގައި ދޫކުރުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަކަމާއި އިންސާފުން ޝަރީއަތް ކުރުމާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެނީ މިފަދަ މިފަދަ ދުރާލާ ލިޔެފައިވާ ތަފްސީލީ އުސޫލުތަކެއް ނެތި، އިސްތިއުނާފީ މަރުހަލާގައި ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުން ކޯޓުތަކުން ދޫކުރަން ފަށައިފި ނަމަ، އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކުރުމުގެ ދޮރު ހުޅުވިގެންދާނެ،" ހުކުމުގައިވެ އެވެ.

ހުކުމް - "ވުމާއެކު، މި މައްސަލައިގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިފައިވާ ފަދައިން، ކަފާލަތުން ދޫކުރެވިދާނެ ކަމުގައި އަހުރެން ނުދެކެން،" ފަނޑިޔާރު މަހާޒްގެ ރައުޔުގައިވެ އެވެ.

ފަނޑިޔާރު މަހާޒުގެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދުކުރައްވައިފަ އެވެ.

ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނިންމީ އެމަނިކުފާނުގެ ފަރާތުން އެދުނުގޮތަށް އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އޭގެ އިތުރުން، ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އާ ހެކީގެ ގޮތުގައި ހުށަހެޅު ދެ ޝަފަހީ ހެކި ވެސް ބަލައިނުގަންނަން ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމި އެވެ. މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ އެ ދެ ހެކި ބަލައިނުގަންނަން ނިންމީ، އެއީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔަ އިރު ވެސް ދިފާއުގައި ހުށަހެޅުމަށް ފުރުސަތު ލިބުނު ދެ ހެކިން ކަމަށް ވާތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް