މެމްބަރު ސައީދު (ކަނައަތުން ފަހަތުގައި) މިއަދުގެ ޝަރީއަތް ދޫކުރައްވައި ވަޑައިގަންނަވަނީ

ދިފާއީ ހެއްކަކަށް ވާތީ މެމްބަރު ސައީދު މިއަދުގެ ޝަރީއަތުން ނެރެފި

މިއީ ލައިވް ކުރާ ޝަރީއަތަކަށް ވާތީ ޝަރީއަތުގެ މަޖިލީހުގައި އިނަސް ނުވަތަ ގޭގައި އިނަސް ތަފާތެއް ނެތްކަން ގާޒީ ފާހަގަކުރެއްވި
6 ސެޕްޓެމްބަރު 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ވ. އާރަށުގެ މައްސަލައިގައި އެ މަނިކުފާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ބައިވެރިވަޑައިގެންނެވުމުން، ދައުލަތުން އެދިގެން ސައީދު މިއަދުގެ ޝަރީއަތުގެ މަޖިލީހުން ނެރެފި އެވެ.

ވީ ކިހިނެއް؟ - މިހާރު ކުރިއަށްދާ އަޑުއެހުމުގައި އޮތީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ. ޒިޔަތުގެ ހެކިބަސް ނެގި އިރު ސައީދު ޝަރީއަތުގެ މަޖިލީހުގެއި އިންނެވި އެވެ.

ނަމަވެސް، ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށް ފަހު، އަދީބުގެ ހެކިބަސް ނެގުމަށް އަލުން ޝަރީއަތް ފެށުމުން ދައުލަތުން ވަނީ ސައީދު އެ މާލަމުގައި އިންނެވުމުން އެކަން ފާހަގަކޮށްފަ އެވެ.

ތަފްސީލް - ދައުލަތުން ބުނީ ޝަރީއަތުގެ މަޖިލީހުގައި ސައީދު އިންނެވި ކަމާއި މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ހެކިން ދައްކާ ވާހަކަތައް ދިރާސާކޮށް، ފާޅުކަން ބޮޑު ގޮތެއްގައި ޝަރީއަތުގައި ހިނގާ ކަންކަން ދިރާސާކުރުމަށް ފަހު ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުކުރަމުން ދާ ކަމަށް ދައުލަތަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން، ސައީދު އާއި އަދިވެސް ޔާމީންގެ ދިފާއީ އިތުރު ހެއްކަކު ޝަރީއަތުގައި އިންނެވި ނަމަ މަޖިލިސް ދޫކޮށް ވަޑައިގަތުމަށް އަމުރުކޮށްދިނުމަށް ދައުލަތުން އެދުނެވެ. އަދި ދިފާއީ ހުރިހާ ހެކިންގެ ހެކިބަސް މާދަމާ ނެގުމަށް ވެސް ދައުލަތުން އެދުނެވެ.

ބުނީ ކީކޭ؟ - ނަމަވެސް، ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ސައީދު ޝަރީއަތުގެ މަޖިލީހުން ބޭރުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އޭގެން ހާސިލްވާނެ ނަތީޖާއެއް ވެސް ނެތް ކަމަށެވެ.

"މިއީ ލައިވް ކުރެވޭ ޝަރީއަތެއް. ހެކިވެރިޔާ މި ތަނުގައި ހުއްޓަސް އަދި ގޭގައި ހުއްޓަސް ޝަރީއަތް ބަލަން ބޭނުންވާ ކަމަށް ވަންޏާ އެ ފުރުސަތު އެބަ އޮތް. މިތާ ދައްކާ ވާހަކަ ބެލުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ހެއްކެއްގެ ގޮތުގައި ސައީދު ހުށަހަޅާފައި ވަނީ މިއަދުގެ މަޖިލީހުގައި ވާހަކަދެކެވުނު ކަމަކާ ގުޅިގެން ނޫން ކަމަށާއި، ސައީދާ ގުޅޭ އެއްވެސް ކަމެއް މިއަދުގެ އަޑުއެހުމުގައި ނުހިނގާ ކަމަށެވެ.

އޭގެ އިތުރުން، ދިފާއީ ހުރިހާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ދައުލަތުން އެދުމުން ޔާމީންގެ ވަކީލުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ. ދިފާއީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެއީ ދިފާއު "ކުރުގަޅުވާލައި ދައުލަތުން ބޭނުންވާ ގޮތަކަށް" ޝަރީއަތް ކުރިއަށް ގެންދަން މަސައްކަތް ކުރުން ކަމަށެވެ. އަދި ޔާމީންގެ ހައްގުތައް ހަނިވާ ގޮތަށް އަމަލުނުކުރެވޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ގާޒީގެ ބަސް - ދެ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، މައްސަލައަކާ ގުޅޭ ހެއްކަކު އެހެން ހެކިން ހެކިބަސް ދޭއިރު ޝަރީއަތުގެ މަޖިލީހުގައި ނީނދެވޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ނުވަތަ އުސޫލެއްގައި ވެސް ލިޔެފައި ނެތް ކަމަށެވެ.

ނަމަވެސް، ކޯޓުތަކުންނާއި މައްސަލަތައް ބައްލަވާ ގާޒީން އަމަލުކުރައްވާ އާންމު އުސޫލަކީ އެއީ ކަމަށް ވާތީ، މި ޝަރީއަތް ވެސް ކުރިއަށް ގެންދަވާނީ އެގޮތަށް ކަމަށް ގާޒީ ނިންމެވި އެވެ.

ނަމަވެސް، ސައީދު ޝަރީއަތުން ބޭރުކޮށްގެން ހާސިލްވާނެ ނަތީޖާއެއް ނެތް ކަމަށް ގާޒީ ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ.

"މި ޝަރީއަތުގައި ޝަރީއަތުގެ މަޖިލީހުގައި އިނުމެކޭ ނުވަތަ ގޭގެ ސިޓިންރޫމްގައި އިނުމެކޭ ތަފާތެއް އޮތް ކަމަކަށް ޝަރީއަތުން ނުދެކެން،" ގާޒީ ޝަކީލް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް