ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމުގެ ހާލަތު ދައްކައިދޭ ފޮޓޯތަކެއް. (ފޮޓޯ/ރާއްޖެ.އެމްވީ)

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓް އިމާރާތް ރައްކާތެރި ނޫނަސް އެހެން ގޮތެއް ނުފެނުނު: ޑީޖޭއޭ

އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ހެދި އެސެސްމަންޓުން އެ އިމާރާތް ރައްކާތެރި ނޫން ކަމަށާއި އެ ތަން ބޭނުން ކުރަން ހުއްޓާލަން ލަފާދީފައިވޭ
6 ސެޕްޓެމްބަރު 2022
1

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް މިހާތަނަށް ހަދާފައިވާ އެސެސްމަންޓްތަކުން ހާމަވެފައިވީ ނަމަވެސް، އެ ކޯޓް ހިންގަން އިމާރާތެއް ހޯދުމަށް ކުރި މަސައްކަތުން އަލިމަގެއް ފެނިފައި ނެތް ކަމަށް، ކޯޓްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް އިއްޔެ ކެންސަލް ކުރަން ޖެހުނީ ބޯކޮށް ވާރޭވެހި ފެނުގެ އަސަރު ކޯޓްގެ ޝަރީއަތް ކުރާ މާލަންތަކަށް ކޮށް، ކޯޓްގެ ސީލިންގުން ވަރަށް ބޮޑަށް ފެންފައިބަމުން ދިޔުމާ ގުޅިގެންނެވެ.

ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓްގެ ހާލަތާ ގުޅޭ ގޮތުން ޑީޖޭއޭގެ ވެރިޔާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ މިއަދު ވިދާޅުވީ ވާރޭ ވެހޭ ނަމަ ކްރިމިނަލް ކޯޓުގެ ފުރާޅުން ކޯޓްގެ އެތެރެއަށް ފެން ފައިބައި ގެއްލުން ވުމަކީ އާންމު ކަމެއް ކަމަށެވެ.

ކްރިމިނަލް ކޯޓް އިމާރާތް ބާވުމާ ގުޅިގެން 2021 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ހެދި އެސެސްމަންޓުން އެ އިމާރާތް ރައްކާތެރި ނޫން ކަމަށާއި އެ ތަން ބޭނުން ކުރަން ހުއްޓާލަން ރިޕޯޓްގައި ލަފާދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގުތުން އެ އިމާރާތް ބޭނުންކުރުން ހުއްޓާލަން އޮތީ ރިޕޯޓްގައި. އެހެންވެ، އެ ރިޕޯޓް ޖޫން މަހު ލިބުމާ އެކު އަޅުގަނޑުމެން އާ އިމާރާތެއް ހޯދުމުގެ މަސައްކަތް ފެށިން،" ކްރިމިނަލް ކޯޓަށް އާ އިމާރާތަށް ހޯދުމަށް މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން ފާހަގަކުރައްވައި ރިޒްނާ ވިދާޅުވި އެވެ.

"ކޯޓްގެ ފަނޑިޔާރުންނާއި ކޯޓަށް ވަޑައިގަންނަވާ ބޭފުޅުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރަން ޖެހޭއިރު އެ އިމާރާތުގެ ހާލަތު ހުރީ އެކަން ކަށަވަރުވާ ގޮތަކަށް ނޫން. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެންމެ ކަންބޮޑުވާ ކަންތައްތައް އެއީ."

ތަފްސީލް - ކްރިމިނަލް ކޯޓަށް އާ އިމާރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވެސް ފައިސާ ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ރިޒްނާ ވިދާޅުވީ އާ އިމާރާތެއް ހޯދުމަށް ޓެންޑާ ބޯޑް މެދުވެރިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުން މަހުން ފެށިގެން އާންމުކޮށް އިއުލާންކޮށްގެން މަސައްކަތް ކުރި ނަމަވެސް އެފަދަ އިމާރާތެއް ލިބޭ ގޮތެއް ނުވި ކަމަށެވެ.

އެނގުން މުހިންމު - ކްރިމިނަލް ކޯޓަށް 19،000 އަކަފޫޓުގެ ޖާގައިގެ އިމާރާތެއް ބޭނުންވެ އެވެ.

ކޯޓް ހުޅުމާލެއަށް ބަދަލުކުރަން މަޝްވަރާ

ދެން މަސައްކަތް ކުރީ އެޗްޑީސީއާ ވާހަކަ ދައްކައިގެން ހުޅުމާލެއިން ކްރިމިނަލް ކޯޓަށް އިމާރާތެއް ހަމަޖެއްސުމަށް ކަމަށް ރިޒްނާ ވިދާޅުވި އެވެ. އެގޮތުން، އެންމެ ފުރަތަމަ މަޝްވަރާ ކުރީ ދެ ވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގެ ކޮމާޝަލް ބައިން ކްރިމިނަލް ކޯޓަށް ތަނެއް ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ތަނުން ތަނެއް ހަމަނުޖެއްސޭނެކަން އެޗްޑީސީއިން އެންގުމުން ދެން ކުރި މަޝްވަރާތަކަށް ފަހު ސެޕްޓެމްބަރުު 2021ގެ ތެރޭގައި އެއްބަސްވީ:

  • ހަ މަސްދުވަހުގެ ތެރޭގައި އެޗްޑީސީން ހުޅުމާލޭގައި ވަގުތީ އިމާރާތެއް ކްރިމިނަލް ކޯޓަށް ހަދައި ޑީޖޭއޭއާ ހަވާލުކުރާ ގޮތަށް 

  • މިދިޔަ މަހުގެ ފަހުކޮޅު އެޗްޑީސީއިން އެންގީ ވަގުތީ އިމާރާތެއް ހަދާނެ ބިމެއް ހަވާލުކުރުމުން ޑީޖޭއޭ އިން އިމާރާތް ހެދުމުގެ މަސައްކަތް ކުރުމަށް

"އަޅުގަނޑުމެން އިމާރާތެއް ހަދަންޏާ ޓެންޑާ ޕްރޮސެސްއަށް ގޮސްގެން ވަރަށް ވަގުތު ނަގާނެ. އެހެންވީމާ އަޅުގަނޑުމެންނަށް އަވަހަށް އެ ކަމެއް ނުވާނެ. ދެން އެހެންވެ އަޅުގަނޑުމެން ޕޮލިސީ ލެވަލްގައި އެކަމާ މަޝްވަރާކޮށްފައި ދެން ގޮތެއް ނިންމޭނީ. އަދި އޮތީ ވަކި ގޮތެއް އެ ހުށަހެޅުމަށް ނުނިމި،" ރިޒްނާ ވިދާޅުވި އެވެ.

"މިކަން ދިގުލައިގެން މި ދަނީ. މިވަރު ސީރިއަސް ކަމެއް ދިގުލައިގެން ދާތީ މިއީ ބޮޑު ކަންބޮޑުވުމެއް. ކްރިމިނަލް ކޯޓުގެ އިމާރާތުގައި ނެތް ރައްކާތެރިިކަމެއް،" ރިޒްނާ ވިދާޅުވި އެވެ.

އެޗްޑީސީއިން ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތް ހެދުމަށް 6275 އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް 5ރ.ގެ ރޭޓުން ކުއްޔަށް ދިނުމަށެވެ. އަދި އެ ބިމުގައި އަޅަން ހުއްދަ ދީފައި ވަނީ ހަތަރު ބުރީގެ އިމާރާތެކެވެ.

ކޮމެންޓް (1)

ބަލްޖީ

6 ސެޕްޓެމްބަރު 2022
ރިޒްނާއަކަށް ތިކަމެއް ނުވާނެ. ޖޭއެސްސީ ދަށުވެފަ ހުންނަ ޕަޕެޓެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް