މާފަންނު ސަހަރާ. (ފޮޓޯ/ނާޖިހް ދީދީ)
މާފަންނު ސަހަރާ ޕާކިން ޒޯނަކަށް ބަދަލުކުރާތީ ފާޑުކިޔުން
ޕާކިން ޒޯނެއް ހެދުމަށް މާފަންނު ސަހަރާ ހަމަޖައްސައި އެ ތަން ހުސްކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ނިޒާމުގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް މިއަދު ފަށާފައި ވާއިރު، މާލޭގެ ބައެއް ޕާކިން ޒޯންތައް ނަގައި އޭގެ ބަދަލުގައި ޕާކިން ޒޯންތަކެއް ހަދަން ސަރުކާރުން ވަނީ ބިން ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި މާފަންނު ސަހަރާގެ ބައެއް ވެސް ހިމެނެ އެވެ.
އެނގުން މުހިންމު - މާފަންނު ސަހަރާގައި މީހުން ވަޅުނުލާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެ ތަނުން ބައެއްގައި މިހާރު ވެސް ޕާކިން ޒޯނެއް ހަދާފައި ހުރެ އެވެ.
ތަފްސީލް - މާފަންނު ސަހަރާ ހުސްކޮށް، އެ ތަނުގައި ޕާކިން ޒޯނެއް ހަދަން ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން ވެސް ވަނީ އެ ނޫން ގޮތެއް ނެތްތޯ ސުވާލު އުފައްދަވައިފަ އެވެ.
ބުނީ ކީކޭ؟ - "މަރުވެ ގޮސްފައިވާ މީހުންނަށް އަދި އެ މީހުންގެ އާއިލާތަކަށް ވެސް އެއްވެސް ކަހަލަ އިހުތިރާމެއް ކުރުމެއް ވެސް ނެތް ދަރަޖައަށް ކަންކަން ދިޔައީ ކޮންއިރަކުބާ؟،" އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެތައް އަހަރު ވެފައި ހުރި ސަހަރާތައް އުވާލައި ގަބުރުތައް ކޮނެ ނަގައި، ހަމައެކަނި ފެހިކަމެއް ހުރި ހުސް ކޮށިތައް ވެސް ޕާކިންއަށް ހެދުން ބަލައެއް ނުގަނެވޭ. މާލޭ އަވަށު ގަބުރުސްތާނުތަކަކީ މުހިންމު މައުނަވީ ތަރިކައެއް،" އޭނާ ވިދާޅުވި އެވެ.
އެއީ ގޯސް ނިންމުމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ މާލޭގައި ހިތްފަސޭހަ ފެހި މާހައުލެއް އޮންނަން ޖެހޭނެ ކަމަށެވެ.
"އެހެން ނޫނަސް، ކާބަފައިންނަށް 2 ފޫޓު 6 ފޫޓު ވަރުގެ ތަންކޮޅެއް މި ބިމުން ލިބެންވާނެ،" އޭނާ ބުންޏެވެ.
އިތުރު މީހަކު ބުނީ "މާލޭގައި މަރުވެފައި ވެސް މީހަކަށް އޮވެވެން ނެތް" ކަމަށެވެ.
ދެން ހިޔާލު ފާޅުކުރި މީހުން ބުނީ މާލޭގައި ޕާކު ކުރާނެ ޖާގަ އިތުރު ކުރުމުގެ ބަދަލުގައި، އުޅަނދު މަދުކުރަން އުޅުން މާ ބުއްދިވެރި ކަމަށެވެ. ކޮންމެ ފަހަރަކު ޕާކިން ޖާގަ ހަދަން ސަހަރާ ހުސްކުރުމަކީ ހައްލެއް ނޫން ކަމަށް އެ މީހުން ބުންޏެވެ.
"މި ވަރުގެ ކުޑަ ރަށެއްގައި ކީއްކުރާހާ ދުއްވާ އެއްޗެއްތަ؟ ފައި މަގުގަ އާއި ބައިސްކަލުގައި އުޅެން ތަރުހީބު ނުދެނީ ކީއްވެތަ؟،" އިތުރު މީހަކު ބުންޏެވެ.
އެހެން މީހަކު ބުނީ ޒަމާންވީ ގަބުރުސްތާނުތަކަކީ ވެސް އާސާރީ ތަރިކަތަކެއް ކަމަށާއި އެއީ ދިިވެހި ދިރިއުޅުމާއި އާދަކާދައިގެ އެތަކެއް ވާހަކަތަކެއް ކަމަށެވެ.
"އެ ތަންތަން ނައްތާނުލައި ތަރައްގީ ގެނެވޭނެ ގޮތްތަކެއް ހޯދަން ވެއްޖެ. ނޫނީ ފަހުން ދެރަވާނެ،" އޭނާ ބުންޏެވެ.
އެނގުން މުހިންމު - ކުރީ ސަރުކާރުގައި، މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި މާފަންނު ސަހަރާގެ ބައެއްގައި ޕާކިން ސިސްޓަމެއް ހަދަން އުޅުމުން، ރާއްޖޭގެ ތާރީހު ދިރާސާކުރާ ނާޖިހް ދީދީ ވަނީ ސަހަރާއަށް ވަދެ ފޮޓޯ ނަގައި ގާތަކުގައިވާ ލިޔުންތައް ރައްކާކޮށްފަ އެވެ.
މާލެއަކީ ތޮއްޖެހި، މީހުން ފުރިބާރުވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި އޭނާ ވެސް ވިދާޅުވީ މާލޭގައި ކުރިން ބޭނުންކުރި އަވަށު ސަހަރާތަކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން "ނޭވާލުމަށްޓަކައި" ފެހިކޮށް ހުރި މަދު ބިންތަކުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށެވެ.