އިބްރާހިމް ޝަހުމް އާދަމް (ކ) އަދި ހަސަން ޝިމާޒް މުހައްމަދު ސުވާދު (ވ)، (ފޮޓޯ/ ޕޮލިސް)
މަރުވަމުން އަހުސަން ބުނި ބަހުން ޝަހުމް އާއި ޝިމާޒުގެ މައްޗަށް ކުށް ސާބިތުވެއްޖެ
"ޝަ..ޝަ..ޝަހުމް، ޖަރުމަން"
ލެއިން ފޯވެފައިވާ ހާލު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި އޮވެ، މޫނުގައި އަޅުވާފައި އޮތް އޮކްސިޖަން މާސްކް ހިއްލާލުމަށްފަހު އަހުސަން ބަޝީރު އެތަނުގައި ހުރި ފުލުސް މީހާ ގާތުގައި ބުނީ އެހެންނެވެ. މަރުގެ ތުންފަތް މަތީގައި އޮވެ، މީގެ 10 އަހަރު ކުރިން އަހުސަން ބުނި ބަހަށް ހެކީގެ ބުރަދަން ދީ، އެ މައްސަލައިގައި ދައުވާ ކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައި ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
ވީ ކިހިނެއް؟ - ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރުވީ، 2011 ވަނަ އަހަރު އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށެވެ.
-
ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ
-
ޝިމާޒްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
ނަމަވެސް 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދެ މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރީ އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅާފައި ނުވާކަމަށް ބުނެ އެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ތަފްސީލް - އެ މައްސަލައިގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް މިއަދު ވަނީ ހައި ކޯޓުގައި އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ޝަހުމް ބައިވެރިވީ މާފުށީ ޖަލުންނެވެ. އޭނާ އަކީ މިހާރު ވެސް މަރުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އަޑުއެހުމުގައި ޝިމާޒް ބައިވެރިވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން އޭނާ ހުރީ މިނިވަންވެފަ އެވެ.
އިސްތިއުނާފީ ނުކުތާގެ ގޮތުގައި ދައުލަތުން ހުށަހެޅި ކަންކަން:
-
އަހުސަން ބަޝީރު ހޮސްޕިޓަލުގައި އޮވެ، އޭނާ ގަޔަށް ވަޅި ޖެހީ ޝަހުމް އާއި ޖަރުމަނު ކަމަށް ބުނެފައިވާކަން
-
އެއީ މަރުގެ ތުންފަތް މަތީގައި އޮވެ ބުނި ބުނުމެއް ނުވަތަ 'ޑައިން ޑިކްލަރޭޝަން'އެއް ކަމަށް ވާތީ އެ ބުނުމަށް ހެކީގެ ދަރަޖަ ދޭން ޖެހޭކަން
-
ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ މީހަކު މަރުވެފައިވާ ނަމަ އެއީ ގަސްތު މަރެއް ކަމަށް ގަބޫލުކުރަން ޖެހޭކަން
-
އަހުސަން ބަޝީރަށް ދިން ހަމަލާއަށް ފަހު ދައުވާ ލިބޭ މީހުން ފިލާފައި ވާތީ އެއީ ގަރީނާއެއް ކަމަށް ބަލަން ޖެހޭކަން
-
މަރުގެ މައްސަލަތައް ޝަރީއަތަށް ސާބިތުކުރުމުގައި، ހަމައެކަނި ލޮލަށް ފެނުނު ހެކިން ލާޒިމު ނޫން ކަމަށާއި ހަރުދަނާ ގަރީނާތަކުން މަރު ސާބިތު ކުރެވޭނެކަން.
ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ގަރީނާތަކަށް ފުރިހަމަ ބުރަދަން ދީ ޝަހުމް އާއި ޝިމާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އަދަބު ދިނުމަށެވެ. ދިފާއުގައި އެމީހުން ބުނީ މަރަށް ހާޒިރުވެފައިވާ މީހަކު ބުނާ ބުނުމަކީ ރާއްޖޭގައި ބަލައިގަނެވޭނެ ހަމައެއް ނޫން ކަމަށެވެ.
'މަރުގެ ތުންފަތް މަތީގައިވާ މީހާ ދޮގު ނުހަދާނެ ކަމަށް ބަލަންޖެހޭ'
އެ މައްސަލައިގައި ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހެކި ވަޒަން ކުރަންޖެހޭނީ އަސްލު ހާދިސާއާ ގުޅިފައިވާ އެހެން ހުރިހާ މުއާމަލާތެއް ޝާމިލުވާނޭ ގޮތަށް އެކަންކަމަށް ބުރަދަން ދީގެން ކަމަށެވެ. އޭގެ އިތުރުން، ހާއްސަ ހާލަތްތަކުގައި، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަމެއްގެ ހަގީގަތް ސާބިތުވެއްޖެ ކަމަށް ޝަރީއަތުގެ މަޖިލީހުން ނިންމިދާނެ ކަމަށް ރާއްޖޭގެ ހެއްކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާއިން ހުޅުވިފައިވާކަން ފަނޑިޔާރު މުހައްމަދު ނިޔާޒް ފާހަގަ ކުރެއްވި އެވެ. އެފަދަ ހާއްސަ ހާލަތަކީ ކޮބައިހެއްޔެވެ؟
"މަރުގެ ތުންފަތްމަތީގައި އޮތް މީހަކު ދޮގެއް ނުހަދާނޭ ބުނާ ހާލަތަކީ މިފަދަ ހާއްސަ ހާލަތްތަކުގެ ތެރެއިން އެއް ހާލަތް،" ފަނޑިޔާރު ވިދާޅުވި އެވެ.
މަރުގެ ތުންފަތް މަތީގައިވާ މީހާގެ ބަޔާން ހެކީގެ ގޮތުގައި ބެލިގެން އައި ގޮތް ވެސް ފަނޑިޔާރު ނިޔާޒް ތަފްސީލްކޮށްދެއްވި އެވެ. އެއީ ދޮގެއްގެ މަތީގައި އިންސާނަކު އޭނާ ހެއްދެވި ފަރާތާ ބައްދަލުނުކުރާނެ ކަމަށް ބުނާ ބުނުމެވެ. ފަނޑިޔާރު ވިދާޅުވީ އެއްވެސް މީހަކު މަރުގެ ތުންފަތް މަތީގައި އޮވެ ދޮގު ހަދާނޭ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ، މަރުގެ ތުންފަތް މަތީގައި އޮވެ، އޭނާ މަރުވި ސަބަބު ނުވަތަ މަރުވި ހާދިސާއާ ގުޅޭ ވާހަކައެއް ދައްކައިފި ނަމަ، އެއީ އޭނާ މަރުވެދިޔަ ސަބަބާ ގުޅޭގޮތުން އޭނާ ދޭ ބަޔާނެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި އެއީ "ހިއަ ސޭ" އެވިޑެންސް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެ އުސޫލު ގަބޫލުކުރާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ހެއްކާބެހޭ ގަނޫނުގައި ވެސް އެ އުސޫލު ބަލައިގެންފައިވާ ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.
"ހެއްކާ ބެހޭ މި އުސޫލު ބަލައިގަތުމުގެ ތަރަހައަކީ، މަރުގެ ތުންފަތް މަތީގައިވާ މީހަކީ، ދެން ވާ މަރުވެދާނޭ ކަމުގެ އިންތިހާއީ ހާލަތުގައި މި ދުނިޔޭގެ ހަޔާތާ މެދު އެއްވެސް ވަރެއްގެ އުންމީދެއް ނެތި ދޮގު ހެދުމުގެ ހިތްވަރު މުޅިން ކެނޑި، ތެދު ބަހުން ވާހަކަދެއްކުމުގެ ބާރު އޭނާގެ ސިކުނޑީގައި ހިނގައިގެންފައިވާ ވަގުތެއްގައި ބުނާ ބަހަކަށް ވާތީ،" ފަނޑިޔާރު ވިދާޅުވި އެވެ.
މިއީ މީހަކު މަރުމަތީގައި ބުނި ބަހަކަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.
ހައި ކޯޓުން މިއަދު ނިންމީ، އަހުސަން ބަޝީރަށް ހަމަލާ ދިނީ ޝަހުމް ކަމަށާއި، އަދި ޝަހުމް ގޮވައިގެން ސައިކަލުގައި އައީ ޝިމާޒް ކަމަށާއި އަދި އެ ހަމަލާދިން އިރު ވެސް ޝިމާޒް ސައިކަލުގައި އެތަނުގައި އިންކަން ހެކިންގެ ހެކިބަހުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ހެކީންގެ ހެކިބަހުގައި ކުދި ފުށުއެރުންތަކެއް ހުރީ އެވަގުތު ހެކިން އެތަނުގައި ހަރަކާތްތެރިވި ގޮތް ތަފާތުވާތީ، އެކަމުގައި އާދަޔާ ހިލާފުކަމެއް ނެތް ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.
ހައި ކޯޓުގެ ނިންމުން - ހައި ކޯޓުން މިއަދު ނިންމީ ޝަހުމް އާއި ޝިމާޒްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށެވެ. ނަމަވެސް މީ މަރުގެ މައްސަލައަކަށް ވާތީ، އަދަބު ކަނޑައެޅުމުގެ ކުރިން ވާރިސުންގެ ބަސް ހޯދަން ޖެހޭނެ އެވެ. އަދަބު ކަނޑައަޅާނީ ވާރިސުންގެ ބަސް ހޯދުމަށްފަހު އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމާއެކު ބަންދުން ދޫވި ޝިމާޒްގެ ބަންދާމެދު ގޮތެއް ނިންމަންދެން އޭނާ 10 ދުވަހަށް ބަންދުކުރަން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އަދި ޝިމާޒް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އަހުސަން ކަރަށް ވަޅި ޖެހި ދުވަހު ކަން ހިނގި ގޮތް
ތަހުގީގުން ހާމަވި ގޮތުގައި، އަހުސަން ބަޝީރާ މާރާމާރީ ހިންގައި އޭނާގެ ކަރަށް ވަޅި ޖެހީ، ޝަހުމްގެ ރައްޓެއްސެއް ކަމަށް ވާ އިބްރާހީމް (އަސްލު ނަމެއް ނޫން) ލޯބީގެ ގޮތުން އުޅުނު އަންހެން ކުއްޖަކާ އަހުސަން ބަޝީރު ފޮށުނު މައްސަލައިގަ އެވެ.
"ދެން އިބްރާހީމް އާއި ޝަހުމް އަންނާނެ ނޫންހޭ އަހަރެން ގަޔަށް ވަޅި ޖަހަން. އެމީހުން ވަޅި ޖަހާފައި އަހަރެން ސަލާމަތް ވިއްޔާ އެމީހުންގެ ފައެއް ބުރިކޮށްލާނަމޭ،" އަހުސަން ބަޝީރު ބުނިކަމަށް ވެ އެވެ.
އެ މައްސަލައިގައި އިބްރާހީމް އާއި އަހުސަން ބަޝީރުއާ ދެމެދު މާރާމާރީ ހިންގައިގެން އުޅެނިކޮށް ވެހިކަލެއްގައި ދިޔަ ދެ މީހަކަށް ވަނީ ފެނިފަ އެވެ. އަދި އަހުސަން ބަޝީރު ވަނީ ވެހިކަލް މަޑުކުރުމަށް އަތުގެ އިޝާރާތުން އެދިފަ އެވެ. އެއާއެކު ވެހިކަލް މަޑުކޮށް އޭގައި އިން އެކަކު ފައިބައިގެން އެ ދިމާލަށް ދިޔަ އެވެ.
އިރުކޮޅެއް ނުވެ، ޝަހުމް އާއި ޝިމާޒް ސައިކަލެއްގައި އެތަނަށް ދިޔަ އެވެ. އަދި ސައިކަލުގެ ފަހަތުގައި އިން ޝަހުމް ފައިބައިގެން ގޮސް، އަހުސަން ބަޝީރުގެ ކަރަށް ދެ ފަހަރު ވަޅި ހަރާލި މަންޒަރު ވެހިކަލުން ފޭބި މީހާއަށް ފެނުނެވެ. އަދި އޭގެ ފަހުން ވެސް އަހުސަން ބަޝީރުގެ ކަރަށް ދެތިން ހަތަރު ފަހަރު ޝަހުމް ހަމަލާ ދިންތަން ފެނުނު ކަމަށް އޭނާ ހެކިބަސް ދިނެވެ.
ސައިކަލުން ފުންމާލައިގެން ގޮސް އަހުސަން ބަޝީރަށް ހަމަލާ ދިނީ ޝަހުމް ކަމަށް ހެކިވެރިޔާ ތަހުގީގުގައި ބުންޏެވެ. އަދި ސައިކަލު ދުއްވަން އިނީ ޝިމާޒު ކަމަށާއި ހަމަލާ ދިނުމަށް ފަހު ޝަހުމް އާއި ޝިމާޒް އާއި އިބްރާހިމް އެ ސައިކަލަށް އަރައި އެތަނުން ފިލައިގެން ދިޔަ އެވެ.
އެ ދެ މީހުން އައި ވެހިކަލްގެ ފަހަތަށް އަހުސަން ބަޝީރު އަރައި "އަހަރެން މިއޮތް މަރުވަނީއޭ، އަހަރެން ގަޔަށް ވަޅި ޖެހީ ޝަހުމްއޭ، އަހަރެން ހޮސްޕިޓަލަށް ގެންގޮސްދޭށޭ" ބުނި ކަމަށް ހެކިވެރިން ވަނީ ބުނެފަ އެވެ.
އަހުސަން ބަޝީރު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ ވަގުތު، އޭނާގެ ޒަހަމްތަކުން ލޭ އަންނަމުން ނުދިޔަ ނަމަވެސް، މީހާ އޮތީ ލެއިން ފޯވެފަ އެވެ. ކަރުގެ ވާތް ފަރާތުގެ ލޭ ހޮޅިތަކަށް ލިބުނު ޒަހަމްގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ހިތަށް ނޭދެވޭ އަސަރުކޮށް އޭނާގެ ހިތް ދެ ފަހަރު ހުއްޓުނުކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެ އެވެ. އޭނާ މަރުވީ އެ ޒަހަމްތަކުގެ ސަބަބުންނެވެ.
ނަމަވެސް މަރުވުމުގެ ކުރިން އަހުސަން ވަނީ އޭނާ ގަޔަށް ވަޅި ޖެހީ ޝަހުމް އާއި "ޖަރުމަން" ކަމަށް ބުނެފަ އެވެ.
އައިޖީއެމްއެޗަށް ދިޔަ ތިން ފުލުހުންގެ ތެރެއިން އެއް އޮފިސަރު އަހުސަންގެ ގާތަށް ގޮސް އެނބުރި ދާން އުޅުމުން އަހުސަން ވަނީ އަތުގެ އިޝާރާތުން އޭނާއާ ގާތް ވެލުމަށް ފުލުސް މީހާ ގާތު އެދިފަ އެވެ. އަދި ފުލުސް މީހާ ގާތްވެލައި ވަޅި ޖެހީ ކާކުތޯ ސުވާލު ކުރުމުން އަހުސަން ބަޝީރު ކުރު ނޭވާއެއް ލާފައި ބުނީ، "ޝަ..ޝަ.. ޝަ.. ޝަހުމް، ޖަރުމަނު، އެންސީ ޕާކް" ކަމަށެވެ.
އަހުސަން އެކި ކުށްތަކުގައި ވަރަށް ގިނައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހަކަށް ވުމުން، ޒަހަމްވެފައި އޮތީ އޭނާކަން އެތަނަށް ދިޔަ ފުލުހުން ދެނެގަތެވެ. އަހުސަން އިމަޖެންސީކޮށް އޮޕަރޭޝަން ކުރަން ޖެހޭތީ، އެވަގުތު އާއިލާ މީހަކު ހާޒިރުވެ ނެތުމުން ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފޯމުގައި ސޮއިކުރަން އުޅުނީ އެތަނުގައި އެވަގުތު ހުރި އެންމެ އިސް ފުލުސް މީހާ އެވެ. އެވަގުތު އަހުސަން މޫނު އަނބުރާލާފައި އަތުގެ އިޝާރާތުން އޭނާ ކައިރިއަށް އަންނަން އެދުނު ކަމަށް ޕޮލިސް މީހާ ހެކިބަސް ދީފައިވެ އެވެ.
އަހުސަން ބަޝީރާ ގާތްވުމުން، އޭނާގެ މޫނުގައި އަޅުވާފައި އޮތް އޮކްސިޖަން މާސްކް އޭނާގެ އަތުން އަރިއަކަށް ކުޑަކޮށް ހިއްލާލާފައި "ޝަ..ޝަ..ޝަހުމް، ޖަރުމަން" މިހެން ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަހުސަން ބަޝީރަށް ހަމަލާދިން ފަހުން، ޝަހުމް އާއި އިބްރާހީމް އަދި ޝިމާޒް ވަނީ މާލެއިން ފުރައިގެން މ. އަތޮޅުގެ ރަށަކަށް ގޮސްފަ އެވެ. އެމީހުން ހައްޔަރުކުރީ އެ ރަށުގައި ތިއްބަ އެވެ.
ހައި ކޯޓުން މިއަދު ބުނީ މި މައްސަލައިގައި ދައުލަތުން ޝަހުމާ ދެކޮޅަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީ، އެކަން ކުރީ އޭނާ ނޫން ކަމަށް ސާބިތުކުރުމުގެ ޒިންމާ ޝަހުމްގެ މައްޗަށް ފުރޮޅިގެން ދިޔަ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ޝަހުމް ހުރީ ހަނު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޝަހުމް އާއި ޝިމާޒް ފިލައިގެން އުޅުމަކީ ވެސް ތުހުމަތަށް އިތުރަށް ބާރު ދޭ ކަމެއް ކަމަށް ހައި ކޯޓުން ބުންޏެވެ.
"ބަޔާންވެ ދިޔަ ސަބަބުތައް އެހެން ހުރުމުން، ޝަހުމުގެ މައްޗަށް ކުޅަ ގަސްތުގައި މީހަކު މެރުމުގެ ކުށް ޝަރީއަތަށް ސާބިތުވޭ،" ފަނޑިޔާރު ވިދާޅުވި އެވެ.
ހައި ކޯޓުން ބުނީ އަހުސަން ބަޝީރަށް ހަމަލާ ދިނުމުގައި ޝިމާޒް ސީދާ ބައިވެރިވެފައިވާކަން ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށެވެ. ނަމަވެސް އަހުސަން ބަޝީރަށް ޝަހުމް ހަމަލާ ދިން އިރު، އެތަނުގައި ޝިމާޒް ހާޒިރުވެ އިން ކަމާއި ހަމަލާއަށް ފަހު ޝަހުމް ސައިކަލުގައި ފިލުވުމަށް ފަސޭހަކޮށްދިނުމަށް ޝަހުމް ގޮވައިގެން ދިޔައީ ޝިމާޒްކަން އެނގޭ ކަމަށެވެ.
"އެހެންކަމުން ޝިމާޒުގެ މައްޗަށް އުފުލާފައިވާ ކުށް ސާބިތުވަނީ ކުރީގެ ގާނޫނުލްއުގޫބާތުގެ 12 އަދި 13 ވަނަ މާއްދާގެ ދަށުން،" ފަނޑިޔާރު ވިދާޅުވި އެވެ.