އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ރައްޓެހިންނަށް ވީއައިޕީ ހިދުމަތަށް ހަރަދު ކުރުން މުރާޖާ ކުުރުމުގެ މަސައްކަތް ވަނީ ފަށާފައި (ފައިލް ފޮޓޯ/މަޖިލިސް

މެންބަރުންގެ ރައްޓެހިންނަށް ވީއައިޕީ ބޭނުން ކުރެވޭ ނިންމުން މުރާޖައާ ކުރަނީ

ކޮމިޓީން ވަނީ 18 އަދި 19 ވަނަ މަޖިލީހުގައި ވީއައިޕީ ލައުންޖުން ހިދުމަތް ހޯދި މެންބަރުންނާއި ހަރަދުތަކުގެ ތަފްސީލު ހޯދުމަށް އެދިފައި

މެންބަރުންގެ ރައްޓެހިންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ ވީއައިޕީ ލައުންޖު މަޖިލިސް ހަރަދުގައި ބޭނުން ކުރަން އާންމު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި އެ ނިންމުން މުރާޖައާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފަށައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހުގެ 23 ވަނަ ދުވަހު މަޖިލީހުގެ އާންމު ކޮމިޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭނެ ގޮތަަށެވެ.

ކުރިން އަމަލު ކުރަމުން  އަންނަ ގޮތަކީ:

  • މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށް

ނަމަވެސް މީޑިއާއިން އެކަން ރިޕޯޓުކުރުމުން އާންމުންގެ ފާޑުކިޔުންވެސް އަމާޒުވެފައި ވަނިކޮށް މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ ނިންމުން ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ވީ ކިހިނެއް - މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހަސަން ލަތީފު ވަނީ އެ ނިންމުމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ފޮނުއްވި ސިޓީ މެންބަރުންނަށް އަޑު އިއްވާފަ އެވެ.

ސިޓީގައި ނިޔުޝާ ފާހަގަ ކުރެއްވި ކަންތައްތައް؛

  • އާއިލާގެ އިތުރުން އެހެން މީހުންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް މަޖިލީހުގެ ބަޖެޓުން ކުރާނަމަ، އިދާރާގެ ބަޖެޓަށް ކުރާނެ އަސަރު ވަރަށް ބޮޑަށް ބޮޑުވާނެ

  • ނިންމުން ތަންފީޒު ކުރާނަމަ، އެކަމަށް ހިނގާނެ ހަރަދު އަންދާޒާ ކުރަންވެސް ދަތިވާނެ

  • ހަރަދު ބޮޑުވެއްޖެނަމަ، މެންބަރުންގެ ރަސްމީ ދަތުރުތަކާއި ތަމްރީންތަކަށް އޭގެ އަސަރު ކުރާނެ

  • މެންބަރުން އެދިއްޖެނަމަ، އޭނާއާއެކު ދަތުރުކުރާ މީހަކަށް ބޮލަކަށް 60 ޑޮލަރުގެ ރޭޓުން އަމިއްލައަށް ހަރަދު ކުރާ ގޮތަށް ވީއައިޕީ ބޭނުންކުރުމުގެ އިންތިޒާމް މަޖިލިސް އިދާރާއިން މިހާރުވެސް ދަނީ ކުރަމުން

އީވާގެ ފަރާތުން ނިޔުޝާ އެދިފައި ވަނީ ކޮމިޓީގެ ނިންމުން މުރާޖައާކޮށްދިނުމަށެވެ. އެއާއެކު ކޮމިޓީގެ މުގައްރިރު ހަސަން ވަނީ ކޮމިޓީގެ މެންބަރުންގެ ހިޔާލަށް އެ މައްސަލަ ހުޅުވާލައިފަ އެވެ.

ކުރިން ވިއައިޕީއަށް މަޖިލިހުން ކުރި ހަރަދުތައްވެސް ހޯދަނީ

ކޮމިޓީގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އޭނާއަކީ އަމިއްލަ ދަތުރުތަކަށް ވީއައިޕީ ލައުންޖު ބޭނުން ކުރާ މެންބަރެއް ނޫން ކަމަށެވެ. އޭނާ ހުށަހެޅީ، މިހާތަނަށް މަޖިލީހުގެ މެންބަރުން ވީއައިޕީ ލައުންޖުން ހިދުމަތް ހޯދަައިގެން ހިނގާފައިވާ ހަރަދުތަކުގެ ތަފްސީލް ކޮމިޓީއަށް ހޯދައި އެއަށް ފަހު އެ މައްސަލަ މުރާޖައާ ކުރުމަށެވެ.

"އަޅުގަނޑު ހުށަހަޅަން 18 އަދި 19 ވަނަ މަޖިލިސް ފެށުނީއްސުރެ މިއަދާ ހަމައަށް މެންބަރުން ވީއައިޕީ ލައުންޖު ބޭނުންކޮށްގެން މަޖިލީީހުން ކުރި ހަރަދުތައްވެސް ވަކި ވަކިން އެއީ ކޮން މެބަރުންކަމާއި އެމީހުންނާ އެކު ދަތުރުކުރި މީހުންގެ އަދަދުވެސް އެނގޭ ގޮތަށް ސާފުކުރަން،" ޝާހިދު ވިދާޅުވި އެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމެއްގައި ޝާހިދު(ކ) ބައިވެރިވެވަޑައިގަންނަވީ

އެ ހުށަހެޅުމަށް ތާއީދު ލިބި ދެން އަންނަ ކޮމިޓީގައި މައްސަލަ މުރާޖާ ކުރާނީ އެ ތަފްސީލުތަކާ އެކު ކަމަށް މުގައްރިރު ހަސަން ލަތީފް އިއުލާން ކުރެއްވި އެވެ.

ކޮމިޓީގެ ނިންމުމާ މުގައްރިރު ހަސަންވެސް ދެކޮޅު

ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ވިދާޅުވީ، އެ މައްސަލަ އާންމު ކޮމިޓީން ބަލަން ފެށީ މެންބަރުން ދަތުރު ކުރާއިރު ހަމައެކަނި އާއިލާގެ މެންބަރުންނަށް އެކަނި ހަރަދު ދޭތީވެ، އެކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން ކޮމިޓީއާ ހިއްސާ ކުރެއްވުމުން ކަމަށެވެ. ނަމަވެސް ކޮމިޓީން ނިންމި ގޮތަކީ އޭނާ ތާއީދު ކުރާ ގޮތެއް ނޫން ކަމަށް ހަސަން މިއަދު ހާމަ ކުރެއްވި އެވެ.

"ހާއްސަކޮށް މާލެ ނޫން އެހެން ދާއިރާތަކުގެ މެންބަރުން ދަތުރު ކުރައްވާއިރު، އެބޭފުޅުނަށް ވީއައިޕީ ބޭނުންކުރުމުގައި މިހާރު އޮތް އުސޫލުގެ ގޮތުން ދިމާވާ ދަތިތަކުގެ ގޮތުގައި އެބޭފުޅުން ކަންކަން ފާހަގަ ކޮށް އެކަމަށް ރިއާޔަތްކުރަން އެދިވަޑައިގަތީ،" މަލެ ސިޓީ، ހެންވޭރު ހުޅަނގު ދާއިރާ މެންބަރުކަން ކުރައްވާ ހަސަން ލަތީފު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފު ވިދާޅުވީ، އޭނާ ތާއީދު ކުރައްވާ ގޮތަކީ މިހާރުވެސް އަމަލު ކުރަމުން އަންނަ މެންބަރުންގެ އާއިލާ މީހުންނަށް އެކަނި ވީއައިޕީ ބޭނުންކުރަން ހަރަދު ކުރާ ގޮތް ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން ހަސަން މުގައްރިރުކަން ކުރައްވަނީ: މަޖިލިސް ބަޖެޓްގެ ހަރަދު ބޮޑުވާ ގޮތަށް ނިންމި ނިންމުމާ އޭނާ ދެކޮޅު (ފައިލް ފޮޓޯ

"އޭގެ އިތުރަށް އެހެން ދެމީހުން [މަޖިލީހުން ހަރަދު ކުރާ ގޮތަށް] ވީއައިޕީ ބޭނުން ކުރެވޭ ގޮތަށް ނިންމި ނިންމުމަކީ އަޅުގަނޑަށް ރަނގަޅު ގޮތެއް ނޫން. ބޭނުން ކުރެވޭ ގޮތަށް އޮތުން އެއީ މައްސަލައެއް ނޫން. ނަމަވެސް މަޖިލީހުން އެ ހަރަދު ކުރަން ނުފެނޭ،" ހަސަން ލަތީފު އަމިއްލަ ހިޔާލު ފާޅު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަމުގައި ގޮތް ނިންމާނީ ކޮމިޓީގެ މެންބަރުން ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި ކުރީގެ ދައުރުތަކުގައި ވީއައިޕީ ލައުންޖު ބޭނުން ކުރަމުން އައީ އެއްވެސް "ސުމާރެއް ނެތި" ކަމަށް އޭނާ މިއަދު ފާހަގަ ކުރެއްވި އެވެ.

"19 ވަނަ މަޖިލީހަށް އައި އިރު، ހިސާބުތަކުން ދައްކަނީ އެއީ [ވިއައިޕީ ލައުންޖަކީ] ސުމާރެއް ނެތި ބޭނުން ކުރަމުންދާ ތަނެއް ކަން. ދާއިރާގެ އެތަށް ބައިވަރު މީހުންނާއެކު އެތަނަށް ވަދެ، ބޭނުން ކުރުމުން އިންތިހާއަށް މަޖިލީހުގެ ހަރަދުތައް ބޮޑުވި 18 ވަނަ މަޖިލީހުގައި،" ހަސަން ވިދާޅުވި އެވެ.

ކޮމިޓީ ނިންމާލީ، ދެން އޮންނަ ޖަލްސާއެއްގައި ވީއައިޕީއަށް ކުރި ހަރަދުތަކުގެ ތަފްސީލާއެކު މިފަހުން ނިންމި ނިންމުން މުރާޖާ ކުރުމަށް ނިންމުމަށް ފަހު އެވެ.

އެނގުން މުހިންމު - މެންބަރުންގެ އާއިލާއަށް ވީއައިޕީން ހިދުމަތް ލިބޭ ގޮތަށް ބަދަލު ގެނައީ 18 ވަނަ މަޖިލީހުންނެވެ. 

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް