ރައީސް ސޯލިހް މިއަދު މަޑުއްވަރީ ކައުންސިލާ ބައްދަލުކުރެއްވުން(ފޮޓޯ/ ރައީސް އޮފީސް)

މ. މަޑުއްވަރީ

މަޑުއްވަރީ ބަނދަރު ހަދާނީ ރައްޔިތުންގެ މަޝްވަރާގެ މަތިން: ރައީސް

51 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު

މ. މަޑުއްވަރީގެ ބަނދަރު މަސައްކަތް ކުރިއަށް ގެންދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް މިއަދު އެރަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހް މ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ މަޑުއްވަރީއަށެވެ. އެރަށަށް ވަޑައިގެން ރައީސް ސޯލިހް ވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރަގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފަ އެވެ. 

ތަފްސީލު - މިއަދު މެންދުރު ފަހު، މަޑުވަރީ ކައުންސިލް އިދާރާގައި އޮތް ބައްދަލުވުމުގައި އެރަށުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަން:

  • މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާހާ ގިނަ މަޝްރޫއޫތަކެއް ސަރުކާރުން އެ ރަށުގައި ހިންގަމުންދާކަން ފާހަގަކޮށް، ރައީސް އާއި ސަރުކާރަށް ޝުކުރު އަދާކުރި.

  • ރަށުގައި ޒުވާނުންގެ މަރުކަޒެއް ނެތުން

  • ދެ މޫސުމުގައި ވެސް އުދަ އެރުމާއި ރަށް ގިރުމުގެ މައްސަލަ

  • ރަށު ސްކޫލްގެ ޖާގަ ކުޑަވުން

ރައީސް ސޯލިހު މަޑުއްވަރީގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެއްވީ އެރަށު ބަނދަރާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ރައީސް އޮފީހުން ބުނީ:

  •  މަސައްކަތް ނުފެށި އޮތީ ބަނދަރުގެ ކުރެހުމާ މެދު މަޑުއްވަރީގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުމުން

  • މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު ރައްޔިތުން ބޭނުންވާ ގޮތަށް

ރައީސް މަޑުއްވަރީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުން (ފޮޓޯ/ ރައީސް އޮފީސް)

އެނގުން މުހިންމު - 51 މިލިއަން ރުފިޔާއަށް މަޑުއްވަރީގެ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 16 މަސް ތެރޭ ނިންމުމަށެވެ. މަޝްރޫއުގައި ހިމެނޭ ކަންކަން:

  • ބަނދަރާއި ބަނދަރަށް ވަންނަ ނެރު ފުންކުރުން

  • 600 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުން

  • 122 މީޓަރުގެ ރިވެޓްމަންޓް ޖެހުން

  • ބޭރު ތޮށި ހަދާނީ 92،000 ކިއުބިކް މީޓަރުގެ ވެލި އަޅާ، ވެލިގަނޑު ވަށައިގެން ބޮޑު ހިލަ ޖައްސާ ގޮތަށް.

ފަސް މަންޒަރު - ރައީސް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތިން ވަނަ މަންޒިލަކަށް އޮތީ ދިއްގަރެވެ. މިއީ، އެ އަތޮޅުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވާލައްވަން ރައީސް ފެއްޓެވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މި ދަތުރުފުޅުގައި މިއަދު ހނދެނު އެމަނިކުފާނު ވަޑައިގެންނެވީ މ. ރަތްމަންދުއަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް