މިދިޔަ ފެބުރުއަރީގައި ށ. ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި ގާސިމް، ރައީސް ސޯލިހު އަދި ނަޝީދުއާ އެކު. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ގާސިމް އަދި ހުންނެވީ ކޮންމެ ކެންޑިޑޭޓަކާ އެކު ކޯލިޝަން ހަދަން ވެސް 'އޯޕަން'ކޮށް

ގާސިމް ވިދާޅުވީ ރައީސް ސޯލިހާ އެކު ކޯލިޝަނެއް އިއުލާނުކުރެއްވުމަކީ މި ވަގުތަށް އިންސާފުވެރި ގޮތެއް ނޫން ކަމަށް
23 އޯގަސްޓު 2022
1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާނެކަން ނުވަތަ ނޫންކަން މި ވަގުތު ހާމަކުރެއްވުމަކީ ބޭއިންސާފަކަށް ވާނެ ކަމަށާއި، އެހެން ރިޔާސީ ކެންޑިޑޭޓަކާ އެކު ކޯލިޝަން ހެއްދެވުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބަށް ނުކުންނައިރު، މިހާރުގެ ކޯލިޝަން އޮންނާނެ ކަމަށް ދުށުމަކީ އަވާމެންދުރެއްގައި ޖެހިފައި ތިބުން ކަމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިހާރުގެ ކޯލިޝަން ނޯންނާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފަ އެވެ. އަދި އެއީ މައްސަލައެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ތަފްސީލް - ހަތް އަހަރަށް ފަހު ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އިއްޔެ ރާއްޖެ ވަޑައިގަތުމުން، އަމީނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެން، އެ ތަނުގައި ހުންނަވައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖޭޕީން ނުކުންނާނެ ގޮތަކާ މެދު އަދި ޕާޓީގެ ކައުންސިލުން މަޝްވަރާނުކުރާ ކަމަށެވެ.

އެހެންކަމުން، ޖޭޕީން ވަކި ކެންޑިޑޭޓަކު ނެރޭނީތޯ ނުވަތަ ކޯލިޝަނަކާ އެކު ނުކުންނާނީތޯ ވިދާޅުވާން އަދި މާ އަވަސް ކަމަށް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެ ވާހަކަ ދައްކަވާނީ ރައީސަށް ޓިކެޓު ޔަގީންވުމުން ކަމަށެވެ.

"އަޅުގަނޑުމެން ހިޔަންޏަށް މުޑި ނަގާކަށް ނުވާނެ ދެއްތޯ؟،" ގާސިމް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "އެހެން ނޫނަސް މި ހާލަތުގައި އެ ވާހަކަ ބުނެފިއްޔާ އާނ އެކޭ ކިޔައިފިއްޔާ ނުވަތަ ނޫނެކޭ ބުނެފިއްޔާ އެއީ އަޅުގަނޑުމެން ކުރާ ބޭއިންސާފެއް ދެއްތޯ ކޮންމެވެސް އެއް ފަރާތަކަށް. މިހާރު މިސާލަކަށް އާނ އެކޭ ބުނެފިއްޔާ ރައީސް މުހައްމަދު ނަޝީދަށް ނުވަތަ އެހެން މީހަކަށް ވެސް ލިބޭ އުނިކަމަކަށް ވެދާނެ. ނުވަތަ އާނ އެކޭ ބުނެފިއްޔާ އެއީ ރައީސް ސޯލިހަށް ދެވޭ އިތުރު ތާއީދަކަށް ވެދާނެ."

ނޫސްވެރިޔަކު ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމުގެ ފުރުސަތު އޮތްތޯ ވެސް ސުވާލުކޮށްފަ އެވެ.

"އޮފްކޯޒް. ނޯ ޑޯ އިޒް ކްލޯޒްޑް. އެވްރީ ޑޯ އިޒް އޯޕަން ފުލީ. ހުރިހާ ދޮރެއް ވަނީ ހުޅުވިފައި،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ތަސްމީން

23 އޯގަސްޓު 2022
މަންޖެއައް ވަޒީރު ކަން ލިބޭ ކޮޅަކަށް ދެވޭނީ އޮފްކޯޒު ބިސްކޯދު....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް