އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އިއްޔެ ބޭއްވި ސެޝަންތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެމްޑީޕީ ކޮންގްރެސްގައި ރީނދޫ ޓައީ؛ އަންހެނުން މަދު
މާފަންނު ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އިއްޔެ އޮތް ސެޝަން މެންދުރުގެ ކެއުމަށް މެދުކަނޑާލުމަށް ފަހު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކޮންގްރެސްގެ ބައިވެރިވެންނާ މުހާތަބުކުރެއްވީ ވަރަށް އާދޭހާ އެކު އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އެކުގައި އޮންނާނެ ހަމައެކަނި ގޮތަކީ ނިޒާމީ ވޯޓަކަށް ދިޔުމަށް ފުރުސަތު ދިނުން ކަމަށެވެ. އެހެންކަމުން، އެ ތަނަށް ވަޑައިގެން ތިއްބެވި ގޮފިތަކުގެ ރައީސުންނާއި ކައުންސިލްތަކުގެ މެންބަރުން ވެސް އެކަމާ މެދު ވިސްނެވުމަށް އެދިވަޑައިގަތެވެ. ނަޝީދުގެ ވާހަކަފުޅު ގޮސް ނިމުނީ ކޮންގްރެސްއަށް ވަޑައިގެން ތިއްބވި "ރީނދޫ ޓައީ އެޅި" އެމްޑީޕީގެ މެމްބަރުންނާ ހަމައިންނެވެ.
އެމްޑީޕީގެ ބޮޑު ކޮންގްރެސްގައި ބައިވެރިވީ ހުސް ރީނދޫ ޓައީ އެޅި ފިރިހެން މެމްބަރުން ހެއްޔެވެ؟ އަންހެން މެމްބަރުން އެ ތަނުގައި ނެތީ ހެއްޔެވެ؟
ކޮންގްރެސްގައި އަންހެން މެމްބަރުންގެ އަދަދު މާ ބޮޑަށް ވެސް މަދީ އެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް މިއަދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މިއަދު ހެނދުނުގެ ސެޝަންގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ހުރިހާ ކައުންސިލް މެމްބަރުންނަށް ކޮންގްރެސްގައި ބައިވެރިވެވޭ ގޮތަށް އޮތުމުން، ކޮންގްރެސްގައި އެކަށީގެންވާ އަދަދަކަށް އަންހެނުންގެ ބައިވެރިވުން ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވި ކަމަށެވެ.
"ނަމަވެސް، މިހާރު ކަން ނިމިގެން ދިޔަ އިރު ހަމަ މަދު އަދަދެއްގެ [އަންހެން] ބޭފުޅުން މި ފެނިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އަސާސީ ގަވައިދު އިސްލާހު ކުރަމުން ދިޔައިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ކޮންގްރެސްއަށް ގެނައުން ކޮންމެހެން މުހިންމު ނޫން ކަމަށް ވާހަކަދެކެވުނީ ވެސް، ހުރިހާ ކައުންސިލަރުން އަންނާތީ ކޮންމެ ކައުންސިލަކުން އަންހެން ދެ ކައުންސިލަރުން އަންނާނެ ކަމަށް ބަލައިގެން ކަމަށެވެ.
"އެއީ އެކަށީގެންވާ އަދަދަކަށް އަންހެން ބޭފުޅުން އަންނާނެތީ. ނަމަވެސް، އަޅުގަނޑުމެނަށް ފެނިގެން މި ދިޔައީ އެ މަންޒަރެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.
ކޮންގްރެސްގައި އަންހެނުންގެ އަދަދު މަދުވުމުގެ ބައެއް ސަބަބުތައް ވެސް ރޮޒައިނާ ވިދާޅުވެދެއްވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ކަންކަމަކީ:
-
ދަތުރުފަތުރު ކުރުމުގައި އަންހެނުންނަށް ދަތިތައް ދިމާވުން
-
ދަރިން ބަލާނެ މީހަކު ނެތުން
އޭނާ ވިދާޅުވީ، އެފަދަ ކަންކަމުގެ ސަބަބުން ރަށުން ބޭރަށް ގޮސް، ކަމެއްގައި ބައިވެރިވާން އަންހެނުންނަށް އުނދަގޫ ކަމަށެވެ.
އެހެންކަމުން، ދެން އޮންނަ ކޮންގްރެސްއަކަށް ޑަބްލިއުޑީސީގެ މެމްބަރުންނަށް ވެސް އާދެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ކައުންސިލްތަކުގެ %35 އަންހެނުންނަށް ހާއްސަކުރަން ޖެހުނީ ވެސް ގޮތް ނިންމާ ފެންވަރުގައި އަންހެނުންގެ އަދަދު މަދުވުމުންކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.
"މިހާރު ވެސް ހަމަ އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރު. އެކަށީގެންވާ އަންހެން ރެޕެރެޒެންޓޭޝަނެއް އަޅުގަނޑުމެންނަކަށް މި ކޮންގްރެސްގެ ތެރެއިން ވެސް ފެނިގެން ނުދޭ،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
އާންތު