ނަޝީދު މިއަދު މެންދުރު ކެއުމުގައި ކޮންގްރެސް މަންދޫބުންނާ ވާހަކަ ދައްކަވަނީ.

މެންދުރުގެ ކެއުމުގެ ތެރޭގައި ވެސް ނަޝީދުގެ އާދޭސް

ނަޝީދު ތަކުރާރުކޮށް ވެސް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ގަރާރަށް ތާއީދުކޮށްދޭން

"ވަރަށް ބޮޑަށް މާފުކުރައްވާތި! މިއަދު ވެސް އަދި މާދަމާ ވެސް މިއީ މި ޕާޓީއަށް ފަސޭހަ ދުވަސްތަކަށް ނުވާނެ."

މާފަނުން ޝޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ މުހިންމު ކޮންގްރެސްގެ ހެނދުނު ދަންފަޅީގައި ވާހަކަ ފައްޓަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު ފުރަތަމަ ވެސް ވިދާޅުވި އެވެ.

ތެެދެކެވެ؛ ތިން ދުވަހުގެ މި ކޮންފަރެންސްގައި އެންމެ ބޮޑު ބަހުސަކަށް މިއޮތީ، ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅުހައްދަވާ އެކަމަކު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރެވެ. އެ ގަރާރާ މެދު މިހާތަނަށް ދިމާވި ގިނަ ކޮންގްރެސްމަނުން ވެސް ދެކޮޅުކަން ހާމަވެ އެވެ. ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅާއި އެމަނިކުފާނުގެ އަމަލުފުޅުތަކުން ވެސް އެއަށް ތާއީދު ލިބޭ ވަރަށް ކޮންގްރެސްގައި ޖާގަ ނެތްކަން ހާމަވެ އެވެ.

"އަޅުގަނޑަށް އެނގޭ، މި ކޮންގްރެސްގައި ވޯޓު ނެގީމަ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް،" ޕާޓީ ބައިބައިވާން އެދިވަޑައިނުގަންނަވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެކަމަކު ނަޝީދުގެ ގަރާރަށް ކޮންގްރެސް އިން ކޮންމެވެސް ގޮތަކަށް އާނބަސް ނުބުނެފި ނަމަ ދެން ކުރިމަތިވާނެ ކަންކަމުގެ އިންޒާރެއް ވެސް އެމަނިކުފާނު ދެއްވި އެވެ. އެއީ ކުޑަ އިންޒާރެއް ވެސް ނޫނެވެ.

"ތަކުރާރުކޮށް ދަންނަވާނަން؛ މުޅި ޕާޓީ އެކީގައި ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ތިބޭފުޅުންނާ އެކު ނުނުކުމެވޭނެ،" ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުނުކުރައްވާނެ ކަން ދޭހަވާ ގޮތަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ އަދި ވަރަށް ބޮޑަށް އެދޭ އެދުމަކީ، އާދޭހަކީ، އަޅުގަނޑުގެ ހިތުގެ ހާލިސްކަމާ އެކު މި ދަންނަވަނީ، އަޅުގަނޑުމެން އެންމެންނަށް އެކީގައި ތިބެވެން އެބަ އޮތް." 

އެމްޑީޕީގެ ކޮންގްރެސްގެ ހެނދުނުގެ ޝެޝަންގައި ނަޝީދު ވާހަކަ ދައްކަވަނީ(ފޮޓޯ/ އެމްޑީޕީ)

އެއީ ބަރުލަމާނީ ނިޒާމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ ވޯޓަކަށް ދާން ކޮންގްރެސް އިން ނިންމައިދިނުމެވެ.

ދެން ފެނުނީ މިއަދުގެ މެންދުރު ކެއުމުގައި، ޕްރޮގްރާމްގައި ނެތް ކަމެއް ކުރެއްވި ތަނެވެ. އެ ކެއުން ކުރިއަށް ދަނިކޮށް ކުއްލިއަކަށް ތެދުވަންނަވާ ވިދާޅުވީ ވެސް ޕާޓީ އެކުގައި އޮންނާނެ ހަމައެކަނި ގޮތަކީ ނިޒާމީ ވޯޓަކަށް ދިޔުމަށް ފުރުސަތު ދިނުން ކަމަށެވެ. 

"ދެބައި މީހުންނަށް އެކީގައި މި މަސައްކަތް ކުރެވޭނެ ގޮތް ހޯދުމަކީ، ވަރަށް ބޭނުންތެރި ކަމެއް. މިތަނަށް ވަޑައިގެން ތިއްބެވި ގޮފިތަކުގެ ރައީސުން ވެސް އަދި ކައުންސިލްތަކުގެ މެންބަރުން ވެސް މިކަމާ ވިސްނަވާ،" މައިކަކާ ނުލައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

"މިކަމާ ވިސްނަވައި، އަޅުގަނޑަށް ވެސް ތިބޭފުޅުންނާ އެކު ތިބެވޭނެ ގޮތަށް ކަންކަން ރާއްވަވައި ދެއްވާ."

މާފަންނު ލެމަންގްރާސްގައި އޮތް ކެއުމުގެ ތެރޭގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކަންކަން ހަމަޖެހެން ޖެހޭ ކަމަށެވެ.  

"އަޅުގަނޑަކަށެއް ނެތް، އަޅުގަނޑަކަށް ނެތް، [އެ] ކަންކަން ހަމަނުޖެހެނީހެއް ހަމަ ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީ އަބަދު މި ގޮތަށް ހުރެވޭކަށް،" ނަޝީދު ވިދާޅުވި އެވެ.

މިއަދު ކޮންގްރެސްގައި ހެނދުނުގެ ޝެޝަންގައި ރައީސް ސޯލިހާއި ރައީސް ނަޝީދު (ފޮޓޯ/ ޝަރުހާން)

ކާން ތިބި މަންދޫބުންގެ ކިބައިން، ތަކުރާރުކޮށް، އާދޭހާ އެކު އެދިވަޑައިގަތީ ގަރާރާ މެދު ފުންކޮށް ވިސްނުމަށެވެ. ޕާޓީއަށް ވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވަރަށް، ވަރަށް ބޮޑު އާދޭހެއް [މިއީ]. އާދެ، ތީގެ ތެރެއިން ބަައެއް ބޭފުޅުން އަޅުގަނޑު ދެކެ ހިތްހަމަ ނުޖެހިދާނެ. އެކަމަކު ތިބޭފުޅާ ތި ހުންނެވި ވަޒީފާ ސަލާމަތް ކުރެވެން އޮންނާނީ އަޅުގަނޑުމެންނަށް އިތުރު ދައުރެއް ހޯދިގެން. އެ ދައުރެއް ނުހޯދޭނެ އަޅުގަނޑުމެން އެންމެން އެކުގައި ނުތިބެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރައްވަނީ 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ހޯދައިދޭން ކަމަށެވެ. އަދި މަންދޫބުން މިހާރު ތިބި ވަޒީފާ ގެއްލިދާނެތީ ބިރުނުގަނެ، ގަރާރާ މެދު ވިސްނުމަށް އެދިވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް