އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމާދު އަބޫބަކުރު މަރާލިކަން ސާބިތުވެފައިވާ ސާލިމް.

މަހުމޫދުގެ މަރު

ސާލިމް މަރަން ކުރި ހުކުމްގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

މައްސަލަ ބަލައިނުގަތީ މުއްދަތު ހަމަވި ފަހުން ހުށަހެޅުމުން
7 އޯގަސްޓު 2022
2

މިދިޔަ އަހަރު އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަން އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިދިޔަ ހަފްތާގައި ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމް ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. ޕީޖީ އޮފީހުން އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓުން ކުރީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށެވެ.

އެނގުން މުހިންމު - ދަށު ކޯޓަކުން މަރުގެ ހުކުމް ކުރިޔަސް، އެ ހުކުމެއް ތަންފީޒު ކުރެވޭނީ އެ ހުކުމަށް މަތީ މަރުހަލާގެ ކޯޓުތަކުން ގޮތް ނިންމައި ނިހާއީ ހުކުމެއް އޮވެގެންނެވެ. 

ތަފްސީލް - މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފަ އެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައި ވަނީ:

  • ޕީޖީ އޮފީހުން އެ މައްސަލަ ހުށަހަޅާފައި ވަނީ އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުން 

  • އެހެންވެ، އެ މައްސަލަ ބަލައިގަނެވޭކަށް ނެތް

މައްސަލައިގެ ފެށުން - މިދިޔަ އޮކްޓޯބަރު މަހު މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ދަނގެތީގެ ފަޅު ގޯއްޗެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވަ އެވެ. އޭނާގެ ގާތިލު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ސާލިމް ހައްޔަރު ކުރި އެވެ. އެގޮތުން:

  • ފުލުހުންގެ ބަންދުގައި ހުރެގެން ސާލިމް ކުށަށް އިއުތިރާފުވެ، މަހުމޫދު މަރާލި ގޮތް ކިޔައިދިން 

  • އެ މައްސަލައިގައި ސާލިމްގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ އަމިއްލަ އިއުތިރާފުން ސާބިތުވެ މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ ކިބައިން މަރަށް މަރު ހިފަން

މަހުމޫދުގެ ހަށިގަނޑު ފާރުމަތިން ގެންގޮސް، ވަޅަށް ވައްޓާލީތީ ސާލިމްގެ މައްޗަށް މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ވެސް ކުރި އެވެ. އޭނާ ކުށަށް އިއުތިރާފުވެފައި ވާތީ ގާނޫނުން ލިބޭ ލުޔާ އެކު ލިބުނީ އެއް މަހާއި 24 ދުވަހުގެ ހުކުމެކެވެ. އެ ހުކުމުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ސާލިމް ބަންދުގައި ހޭދަކޮށްފައި ވާތީ، އެ ކުށުގެ އަދަބު ހުކުމް ކުރި އިރު އޮތީ ތަންފީޒުވެ ނިމިފަ އެވެ.

ކޮމެންޓް (2)

ފަހުދު

8 އޯގަސްޓު 2022
ހުކުމް ތަންފީޒު ކުރެވޭކަށް ނެތް އިސްތިއުނާފީ ކޯޓުތަކުން ހުކުމް ނުކޮށް. އިސްތިއުނާފު ކުރެވޭކަށް ނެތް މުއްދަތު ހަމަވުމުން. ދެން ދޫކޮށްލާ. މި މީހުން އަމިއްލައަށް ހަދައިގެން އުޅޭ ގާނޫނުތައް ހާދަ ފުރިހަމައީއޭ (ކުށްވެރިން ދިފާއުކުރަން)
0 0

ޖުލައި

7 އޯގަސްޓު 2022
ހާދަ ދަށްކޮން މި ދިޔައީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް