
ކުޑަހުވަދޫން ހައްޔަރު ކުރި މީހުން ދޫކޮށްލުމުން އުފާ ފާޅުކުރަނީ. (ފޮޓޯ/ޔުނައިޓެޑް ކުޑަހުވަދޫ)
ކުޑަހުވަދޫ ހަމަނުޖެހުން: ހައްޔަރު ކުރި 17 މީހުން ދޫކޮށްލައިފި
ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓުން ފުރާ މަންޓާ އެއާގެ ބޯޓުތަކުގައި ބަލިމީހުން ނުގެންދެވޭ މައްސަލައިގައި އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެއާޕޯޓުގެ ކުރިމަތީގައި ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރު ކުރި 17 މީހުން އިއްޔެ ދޫކޮށްލައިފި އެވެ.
މައްސަލައިގެ ފެށުން - ކުޑަހުވަހުދޫ އެއާޕޯޓުގެ ބޭރުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 7:30 ހާއިރު އެ ރަށުގެ ބައެއް ރައްޔިތުން އެންމެ ފުރަތަމަ މުޒާހަރާ ކުރަން ފެށީ ބަލިމީހަކު މަންޓާގެ ބޯޓެއްގައި މާލެ ނުފޮނުވިގެންނެވެ. އެގޮތުން:
-
އެ މުޒާހަރާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓުމަކަށް އައި؛ ހަތަރު ފްލައިޓް ކެންސަލް ކުރަން ޖެހުނު
-
އޭގެ ފަހުން އަނެއްކާވެސް މުޒާހަރާ ވަރުގަދަކޮށް، އަލުން ފެށީ ބުދަ ދުވަހުގެ ހަވީރު
-
ރައްޔިތުންގެ ކަންބޮޑުވުމަކީ، މަންޓާ ފްލައިޓްތަކުގައި ބަލި މީހުން ނުގެންދެވޭ މައްސަލަ
-
މަންޓާއިން ބުނާ ގޮތުން އެ އެއާލައިންގެ ފްލައިޓްތަކަކީ ސްޓްރެޗާގައި ގެންދާ ބަލިމީހުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެއް ނޫން ކަމަށް
ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، ބުދަ ދުވަހުގެ މުޒާހަރާއާ ގުޅިގެން ޖުމްލަ 17 މީހަކު ހައްޔަރު ކުރި ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އެ ހުރިހާ އެންމެން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހުންގެ ތެރެއިން 14 މީހަކު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާ އެކު ދޫކޮށްލި،" ތަރުޖަމަނު ވިދާޅުވި އެވެ.
ނަމަވެސް، އެއީ ކޮން ޝަރުތުތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މި މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - މުޒަހަރާއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް މަންޓާގެ އިސްވެރިން ބުދަ ދުވަހުގެ ރޭ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރި އެވެ. އޭގެ ފަހުން އެ މީހުން ވަނީ މުޒާހަރާ ހުއްޓާލާފަ އެވެ. އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. މަންޓާއިން މީގެ ކުރިން ބުނި ގޮތުގައި ދެން ގެންނަ ބޯޓުތަކުގައި ސްޓްރެޗާ ޖެހޭ ގޮތަށް ހަދާނެ އެވެ.
-
އިތުރަށް ކިޔާލަން - ކުޑަހުވަދޫގެ ހަމަނުޖެހުން: ނުރައްކަލުގެ ރަނގަބީލާ އެކު ފިލާވަޅެއް
އެނގުން މުހިންމު - މީގެ ކުރިން އެފަދަ ބަލިމީހުން ކުޑަހުވަދޫން އުފުލަމުން އައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކުގަ އާއި ސީއެމްބިއުލާންސް ނުވަތަ ސީޕްލޭންތަކުގަ އެވެ. އާސަންދައިގެ ދަށުން ސަރުކާރުން މިފަދަ ބަލި މީހުން އުފުލުމަށް އެއްބަސްވުން ހަދާފައިވަނީ ހަމައެކަނި މޯލްޑިވިއަންއާ އެކު އެވެ.
ރާއްޖޭގައި ހިންގާ އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އާއި ވިލާ އެއާގެ ފްލައިމީގެ ބޯޓުތަކުގައި ބަލިމީހުން އުފުލޭ ގޮތް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިއްޔެ ވަނީ އަންގާފަ އެވެ.