ކުޑަހުވަދޫގައި މިއަދު ބަޔަކު މުޒާހަރާ ކުރަނީ. (ފޮޓޯ/ ޔުނައިޓެޑް ކުޑަހުވަދޫ)
ކުޑަހުވަދޫ އެއާޕޯޓުގެ މައްސަލައިގައި އަނެއްކާވެސް މުޒާހަރާ ކުރަނީ
ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓުން ފުރާ މަންޓާ އެއާގެ ބޯޓުތަކުގައި ބަލިމީހުން ނުގެންދެވޭ މައްސަލައިގައި އެ ރަށުގެ ރައްޔިތުން އެއާޕޯޓު ކުރިމަތީ މިރޭ އަނެއްކާވެސް މުޒާހަރާ ކުރަން ފަށައިފި އެވެ. މުޒާހަރާ ކުރަމުން ދާއިރު، މަންޓާގެ އިސް ވެރިން މިހާރު ގެންދަވަނީ މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
މައްސަލައިގެ ފެށުން -
-
ކުޑަހުވަހުދޫ އެއާޕޯޓުގެ ބޭރުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 7:30 ހާއިރު އެންމެ ފުރަތަމަ މުޒާހަރާ ކުރަން ފެށީ ބަލިމީހަކު މަންޓާގެ ބޯޓުގައި މާލެ ނުފޮނުވިގެން ކަމަށް ބުނެ
-
އެ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ވެސް ހިންގި
-
އެކަމާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ފަހު، އަލުން ފްލައިޓުތައް ބާއްވަން ފެށީ އިއްޔެ ހަވީރު
ތަފްސީލު - މަންޓާގެ އިސް ވެރިން މިއަދު ހަވީރު އެ ރަށަށް ވަޑައިގެން ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައި ވަނިކޮށް، ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އަނެއްކާވެސް މުޒާހަރާ ފެށީ އިރުއޮއްސެން އުޅެނިކޮށެވެ. މިހާރު ވެސް މުޒާހަރާ ކުރިއަށް އެބަދެ އެވެ.
ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ، އެ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިން ކަމަށްވާ މަންޓާ އެއާގެ ބޯޓުތަކުގައި ބަލިމީހުން ނުގެންދެވޭ މައްސަލަ އެވެ. ނަމަވެސް، މަންޓާގެ ބޯޓުތަކަކީ ސްޓެރެޗާގައި ގެންދާ ބަލިމީހުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެއް ނޫން ކަމަށް މަންޓާއިން ބުނެ އެވެ.
-
އިތުރަށް ކިޔާލަން - ހަމަނުޖެހުމާ ގުޅިގެން ދާލު އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް
އެނގުން މުހިންމު - މީގެ ކުރިން އެފަދަ ބަލިމީހުން އުފުލަމުން އައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކުގަ އާއި ސީއެމްބުއުލާންސް ނުވަތަ ސީޕްލޭންތަކުގަ އެވެ. ނަމަވެސް ހޯމަ ދުވަހު ބަލިމީހާ ގެންދިއުން ލަސްވުމުގެ ސަބަބުން އާންމުން ހިތަހަމަނުޖެހި، މުޒާހަރާ ކުރަން ފެށީ އެވެ.
މުޒާހަރާ ކުރާ މީހުން ބުނާ ގޮތުގައި، އެއާޕޯޓް ހުޅުވިތާ ފަސް އަހަރުވީއިރު، ބަލި މީހުން މަންޓާގެ ބޯޓުތަކުގައި އުފުލޭ ގޮތް ނުހެދުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަން ހައްލު ކުރަން ގޮވާލަމުން ދާއިރު، ހޯމަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހާ ދޫކޮށްލުމަށް ގޮވާލައި ވެސް ދަނީ އަޑުއުފަލަމުންނެވެ.
"މިއީ ސުލްހަވެރި ހަރަކާތެއް. އަޅުގަނޑުމެން މި ތިބީ ގާނޫނީ އިމުގައި. އަޅުގަނޑުމެންގެ ހައްގުތައް ހޯދަން،" މުޒާހަރާގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މަޝްވަރާތައް ދަނީ ކުރިއަށް
މަންޓާގެ އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވީ މުޒާހަރާ ހިނގަމުން ދިޔަ ނަމަވެސް، ކުރިން ރޭވިފައި އޮތް ބައްދަލުވުން މިހާރު ކުރިއަށްދާ ކަމަށެވެ.
"މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެ މީހުން ބޭނުންވާ ގޮތަށް 15 މީހަކާ ކުންފުނީގެ ވެރިން މިހާރު ދަނީ ބައްދަލުކުރަމުން،" އޭނާ ވިދާޅުވި އެވެ.
މަންޓާ އިން ބުނި ގޮތުގައި، މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އަޑުއެހުމަށް ފަހު މި މައްސަލައަށް ގެނެވެން އޮތް ހައްލެއް ގެނައުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ.
އެނގުން މުހިންމު - ބަލިމީހުން އުފުލުމަށް ސަރުކާރުން މޯލްޑިވިއަންއާ އެކު އެއްބަސްވުމެއް ހަދާފައިވާތީވެ، އެކަން މީގެ ކުރިން ވެސް ކުރަމުން އައީ މޯލްޑިވިއަން އިންނެވެ. ނަމަވެސް މޯލްޑިވިއަންއިން ކުޑަހުވަދޫ އެއާޕޯޓަށް ދަތުރެއް ނުކުރެ އެވެ. ހޯމަ ދުވަހުގެ ރޭ ގެންދަން އުޅުނު ބަލިމީހާ އެންމެ ފަހުން ގެންދިޔައީ އިއްޔެ ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.