ގައުމީ ޓީމުގެ ކުޅުންތެރިންނާއި ފިޔަވަތީގެ ކުދިން ބައިވެރިކޮށްގެން ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުގައި ފިޔަވަތީގެ ކުދިންތަކެއް ބޯޅަ ހޯދަން މަސައްކަތް ކުރަނީ. (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫގެ އަހަރީ ދުވަސް: ފިޔަވަތީގެ ކުދިން ގައުމީ ޓީމާ އެކު އުފާވެރި ވަގުތުކޮޅެއް

މިއީ އުރީދޫގެ 17 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި މަޖާ ހަރަކާތެއް

އުރީދޫގެ 17 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ ފުޓުބޯޅަ މެޗަށް ކުޅުންތެރިން ދަނޑަށް ނުކުތް އިރު، ދެ ޓީމުން ވެސް ނުކުތީ ގާތްގަނޑަކަށް ފުލް ޓީމެވެ. ގައުމީ ޓީމުގެ 10 ކުޅުންތެރިންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ޓީމެވެ.

އެކަމަކު މެޗުގެ ވަކި ހިސާބަކުން ފިޔަވަތީ ޓީމުގެ ކުޅުންތެރިންގެ އަދަދު 50އަށް އެރި އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންގެ އަދަދު ފަހަކަށް މަދުވި އެވެ.

"ފިޔަވަތީ ޓީމުގެ ޑިފެންސް ވެސް ވަރަށް ވަރުގަދަ. ގޯލް ކުރިމަތީ ހުރިހާ އެންމެން ވެސް އެތުރިލައިގެން ތިބީ،" އުރީދޫގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހީމް ޒާހިރު މިއަދު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި ފިޔަވަތީގެ ކުދިން ބައިވެރިކޮށްގެން ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ފުޓުބޯޅަ މެޗުގެ ތެރެއިން. (ފޮޓޯ/އުރީދޫ)

މިއީ އުރީދޫގެ އަހަރީ ދުވަހުގެ އުފަލުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ވެސް ބައިވެރިކުރުމަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އުރީދޫގެ މަގްސަދަކީ އުފާވެރި، މަޖާ ވަގުތުކޮޅެއް އެ ކުދިންނާ އެކު ހޭދަކޮށްލުމެވެ.

އެ މަންޒަރު، އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ ފުޓުބޯޅަ މެޗުގެ ތެރެއިން ވެސް ފެނުނެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެ ތަން ބަލަން އެއްވެ ތިބި އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހިނިތުންވުމެވެ. ހާއްސަކޮށް، ގައުމީ ޓީމުގެ ކުޅުންތެރިންގެ އަތުން ނައްޓައި ފިޔަވަތި ކުޅުންތެރިން ގޯލް ޖަހާ ކޮންމެ ފަހަރަކު އާދަޔާހިލާފު އުފާވެރިކަމެއް އެ ތަނަށް ވެރިވެ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި ފިޔަވަތީގެ ކުދިން ބައިވެރިކޮށްގެން ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ފުޓުބޯޅަ މެޗުގެ ތެރެއިން. (ފޮޓޯ/އުރީދޫ)

ނޫރާ ވިދާޅުވި ގޮތުގައި، އުމުރުން ހަ އަހަރުން މަތީގެ ކުޑަކުދިން ބައިވެރިކޮށްގެން ކުޅުނު އެ ފުޓުބޯޅަ މެޗުގެ ތެރެއިން ޝައުގުވެރި ކުރުވަނިވި، މަޖާ އެތައް ކަމެއް ފެނުނެވެ. މެޗުގެ ފަހުކޮޅުގައި ދަނޑުމަތީގައި ހަތް ބޯޅަ ގެންގުޅުނެވެ. އަދި 15 ގޯލް ކީޕަރުން ތިއްބެވެ. އެއީ ފުޓުބޯޅަ މެޗެއް ނަމަވެސް، ވަކި ހިސާބަކުން މެޗު ވޮލީ މުބާރާތަކަށް ނުވަތަ ބާސްކެޓް މުބާރާތަކަށް ވެސް ބަދަލުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ކުދިން ތިބޭ ދަނޑުމަތީގައި އޮށޯވެގެން ވެސް. އަޅުގަނޑުމެންނަށް މި މަންޒަރުތައް ވަރަށް ހިތްގައިމުވި. ހުރިހާ އެންމެންގެ ވެސް މޫނުމަތިން ފެނުނީ އުފާވެރިކަން،" ނޫރާ ވިދާޅުވި އެވެ.

އެ މެޗުގައި ގައުމީ ޓީމުގެ ކުޅުންތެރިން ދިން އެއްބާރުލުމަށް އުރީދޫން ޝުކުރު އަދާކުރި އެވެ. އެ ތަނުގެ މަގްސަދަކީ ކުޑަކުދިންނާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިނިތުންވުން ގެނެސްދިނުން ކަމަށްވާއިރު، އެ މަގްސަދު ވަރަށް ރަނގަޅަށް ހާސިލްވި ކަމަށް އެ ކުންފުނިން ގަބޫލު ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް