ކައިޒީން ތާޖް މަހަލްގައި އުފަންދުވަސް ފާހަގަކުރި ކަމަށް ބުނެ އާއްމުކުރި ފޮޓޯ. (ފޮޓޯ/އިންސްޓަގްރާމް/ކައިޒީން)

ކައިޒީން އަސްލު ވެސް އުފަންދުވަސް ފާހަގަ ކުރީ ތާޖް މަހަލްގައިތަ؟

ތާޖް މަހަލްގައި އުފަންދުވަސް ފާހަގަކުރުމާ ބެހޭގޮތުން ކައިޒީން ދެއްކި ވާހަކައަށް ފާޑުކިޔުން ވަނީ އަމާޒުވެފައި
1 އޭޕްރީލު 2022
1

ދިވެހި ސޯޝަލް މީޑިއާގައި އެންމެ ކުރީގައި އުޅޭ އެންމެ ވަރުގަދަ އެއް އިންފުލެއެންސަރު، މޮޑެލް ފާތިމަތު ޒަޔަން، ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ ކައިޒީން އުފަންދުވަސް ފާހަގަކުރި ގޮތާ މެދު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. މައްސަލައަކަށްވީ ކައިޒީން އޭނާގެ އުފަންދުވަސް ފާހަގަ ކުރީ ތާޖް މަހަލްގައި ކަމުގައި ބުނެ އާއްމުކުރި ފޮޓޯގައި ތާޖް މަހަލް ފެންނަން ހުރީ މާ ދުރުން ކަމަށް ވުމެވެ.

އިންޑިއާގެ އާގަރާގައި ހުންނަ ތާޖް މަހަލްގައި އުފަންދުވަސް ފާހަގަ ކުރުމަަށް އެ ތަން ބަލައިލަން ޒިޔާރަތް ކުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް އެ ތަނުގައި ކޭކް ފަޅާ ހެދުމަކީ އާއްމު ކަމެއް ނޫނެވެ. 

ސަލާމަތީ ފިޔަވަޅުތަކާ ހެދި، ތާޖް މަހަލް ބަލައިލަންދާ މީހުންނަށް ވެސް އެ ތަނަށް ވެއްދެނީ ހަމައެކަނި ވޮލެޓާއި ކެމެެރާ އެކެވެ. ކާބޯތަކެތި ވެއްދުމަކީ މަނާ ކަމެކެވެ.

ކަޅު ސާޅީއެއް ގޮތަށް ފަރުމާކޮށްފައިވާ ހެދުމެއްގައި  ކައިޒީން ފޮޓޯ އަކަށް ހުއްޓިގެން

އުފަންދުވަސް ފާހަގަކުރުމަށް ތާޖް މަހަލްގަ އާއި އެހެން ތަނެއްގައި ނަގާފައިވާ ފޮޓޯތަކެއް ކައިޒީން ވަނީ އިންސްޓަގްރާމްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ފޮޓޯގައި އޭނާ ހުރީ ކަަޅު ކުލައިގެ، ސާޅީއެއް ކަހަލަ ގޮތަކަށް ޑިޒައިންކޮށްފައިވާ ހެދުމެއް ލައިގެން ކަޅު ކުލައިގެ ހަ ބުރީގެ ކޭކެއްގައި ކަނޑިއެއް ޖައްސައިގެންނެވެ. އެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރަމުން ކައިޒީން ލިޔެފައިވަނީ މި އަހަރު އޭނާގެ އުފަންދުވަހުގެ ކޭކު ތާޖު މަހަލްގައި ފެޅުމުގެ ނަސީބު ލިބިއްޖެ ކަމަށެވެ. އޭނާއަށް އެނގިގެން މީގެ ކުރިން އެއްވެސް މީހަކު ތާޖު މަހަލްގައި އުފަން ދުވަސް ފާހަގަކޮށް، ކޭކެއް ފަޅައިފައި ނުވާ ކަމަށާއި އެ ތަނުގެ ސެކިއުރިޓީ ވަރުގަދަވެފައި ކާބޯތަކެތި ވެއްދުމަކީ މަނާ ކަމެއް ކަމުގައި ކައިޒީން ބުނެފައިވެ އެވެ.

"އެކަމަކު އަހަރެން އެދުނީމަ މެނޭޖްމެންޓުން އަހަރެންގެ އުއްމީދު ހަގީގަތަކަށް ހަދައިދިނީ،" ކައިޒީން ލިޔެފައިވެ އެވެ.

މިއީ ސުވާލު އުފެދޭ ހިސާބެވެ. ފޮޓޯ އިން ފެންނަނީ ބަގީޗާއެއް ކަހަލަ ތަނެއްގައި ކައިޒީން ކޭކު ފަޅާ ތަނެވެ. އަދި ދުރުން ތާޖް މަހަލް ފެނެ އެވެ.

ކައިޒީން ތާޖް މަހަލްގައި އުފަންދުވަސް ފާހަގަކުރި ކަމަށް ބުނެ އާއްމުކުރި އިންސްޓަގްރާމް ސްޓޯރީގެ ސްކްރީންޝޮޓެއް

 ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނަނީ ތާޖް މަހަލްގެ އެ ވިއު އަކީ ތާޖް ހޮޓެލްގެ ވިއުއެއް ކަމަށެވެ. އެހެންވެ އުފަންދުވަސް ފާހަގަ ކުރީ ތާޖް މަހަލްގައި ނޫން ކަމެވެ. އަދި ކައިޒީންގެ މަގުސަދަކީ މީހުންނަށް އޮޅުވާލައި، އޭނާ އަށް ހާއްސަ އިނާޔަތްތަކެއް ލިބޭ ކަމުގައި އާއްމުންނަށް ދެއްކުން ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ކޭކު އެޅި ޝެފް ބުނާގޮތުން ކޭކު ހުރީ ހޮޓަލެއްގައި

ކައިޒީންގެ ކޭކު އެޅި އާގަރާގެ ޝެފް މަންޔާ ޝަރުމާ ވެސް ވަނީ ކަނޑި ހިފައިގެން އެ ކޭކާ އެކު ފޮޓޯ ނަގައި އިންސްޓަގްރާމަށް ލައިފަ އެވެ. އެ ޕޯސްޓު ބުނާ ގޮތުގައި ކޭކު ބަހައްޓާފައި ހުރީ ތާޖު ކީމާގަ އެވެ. އިންޓަނެޓުން ލިބެން ހުރި މައުލޫމާތުން އެނގޭގޮތުގައި އެއީ ތާޖް މަހަލްއާ ގާތްގަނޑަކަށް ބައި ކިލޯމީޓަރެއްހާ ދުރުގައި ހުންނަ ހޮޓަލެކެވެ.

މަންޔާ ލިޔެފައިވާ ގޮތުގައި ކައިޒީންގެ ކޭކު އެޅުމަކީ ވަރަށް ބޮޑު މަސައްކަތެކެވެ؛ އަދި ތާޖު ކީމާގައި އެ ކޭކު ބަހައްޓަން ކުރަން ޖެހުނު މަސައްކަތް އެއަށް ވުރެ މާ ބުރަ އެވެ. ކާރުގައި، ހިނގާފައި އަދި ގޮލްފް ކާޓެއްގައި ކޭކު އުފުލައި އެންމެ ފަހުން މައްޗަށް އެރުވީ އަތުން ހިފައިގެން ކަމަށް އޭނާ ބުންޏެވެ.

ޝެފް މަންޔާ ޝަރްމާގެ ޕޯސްޓް

ކައިޒީން ތާޖް މަހަލްގައި ފޮޓޯ ނެގި

އުފަންދުވަސް ފާހަގަކުރި ޕޯސްޓުގައި ކައިޒީން އިތުރު ފޮޓޯތަކެއް ވެސް ހިމެނި އެވެ. ކޭކު ފޮޓޯގައި ލައިގެން ހުރި ކަޅު ހެދުމުގެ އިތުރުން، އިންޑިއާ މީހުން ލާ ލެހެނގާ ގޮތަށް ފަރުމާކޮށްފައިވާ ހެދުމެއް ލައިގެން އަދި އެ ހެދުމާ ގުޅޭ ގޮތަށް އިންޑިއާ ސްޓައިލްގެ ގަހަނާ އަޅައިގެން އޭނާ އެ ފޮޓޯތައް ނަގާފައިވަނީ ތާޖު މަހަލްގަ އެވެ. 

ކައިޒީން ބުނެފައިވަނީ ތާޖް މަހަލްއަކީ އޭނާއަށް މިހާތަނަށް ފެނުނު އެންމެ ރީތީ އިމާރާތް ކަމުގަ އެވެ.

ތާޖް މަހަލް އަކީ ދުނިޔޭގެ އެއް އަޖައިބެވެ. އެއީ 17 ވަނަ ގަރުނުގައި އިންޑިއާގެ އޭރުގެ ރަސްގެފާނު ޝާހް ޖަހާން، އަނބިކަނބަލުން އަދި ރާނީ މުމްތާޒު މަހަލް 14 ވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި އަވަހާރަވުމުން، އޭނާގެ ހަނދާނުގަައި ހެއްދެވި ލޯބީގެ ބިނާ އެކެވެ.

އިންސްޓަގްރާމްގައި 130،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކައިޒީން މިދިޔަ އަހަރު އޭނާގެ އުފަންދުވަސް ފާހަގަ ކުރީ ދުބާއީގެ ބުރުޖް ހަލީފާގައި ހުންނަ ރެސްޓޯރަންޓެއްގަ އެވެ. އެ ފޮޓޯތަކާ މެދު ސުވާލު އުފައްދާނެ ޖާގައެއް އެއްވެސް ބަޔަކަށް ނުލިބުނެވެ.

އެކަމަކު މި ފަހަރު ތާޖް މަހަލްގައި އުފަންދުވަސް ފާހަގަކުރުމާ ބެހޭގޮތުން ކައިޒީން ދެއްކި ވާހަކަ މި އޮތީ މައްސަލައަކަށް ވެފަ އެވެ.

ކޮމެންޓް (1)

މުޙައްމަދު

1 އޭޕްރީލު 2022
އައިޝާ މެން މި މީސް މީހުންގެ ވާހަކަ ލިޔާތީ ދެރައީ
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް