ސަފާތު: އަންހެނުންގެ ހައްގުގައި އަޑުގަދަ، އަޒުމް ވަރުގަދަ

އަންހެނުންނަށް ހުރި ގޮންޖެހުންތަކުން ދުރުކޮށް، ސިޔާސީ ގޮތުންނާއި ފުދުންތެރިކަމުގެ ގޮތުން އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތަށް ސަފާތު ދޭ ސަމާލުކަން ވަރަށް ބޮޑު
17 ފެބްރުއަރީ 2022

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތާ ވާހަކަ ދައްކާލާނެ ފުރުސަތު ލިބިފައިވަނީ ވަރަށް މަދު ދިވެއްސަކަށެވެ. ސަފާތު އަހުމަދު ޒާހިރު، 30 އަކީ އޭގެ ތެރެއިން އެކެކެވެ. ކޮމަންވެލްތު ގައުމުތަކުގައި ޒުވާން ލީޑަރުން އިސްނަގައިގެން، ކުއީންސް ކޮމަންވެލްތު ޓްރަސްޓްގެ އެހީގައި މުޖުތަމައުއަށް ހެޔޮ ބަދަލު ގެންނަން ހިންގި ހަރަކާތްތަކާ ގުޅޭ މައުލޫމާތު އަރުވަން ލިބުނު ފުރުސަތު އޭނާގެ ހަނދާނުން ފޮހެވިގެންނެއް ނުދާނެ އެވެ. 

މިދިޔަ ޖުލައި މަހު ރާނީއާ އެކު އޮތް މި ބައްދަލުވުމުގައި މުޅި ދުނިޔެއިން ހޮވުނީ އެންމެ ހަތަރު ޒުވާން ލީޑަރުންނެވެ. 

ސަފާތުއަކީ 'ވިމަން އެންޑް ޑިމޮކްރަސީ' ނަމުގައި ރާއްޖޭގައި ހިންގާ އެންޖީއޯގެ ފައުންޑާ އަދި ރައީސް އެވެ. އިނގިރޭސި ރާނީއަށް ސަފާތު އެރުވީ، އަނިޔާ އާއި ކުރިމަތިލަމުން އައި 130 އަށް ވުރެ ގިނަ އަންހެނުންގެ ހާލަތު، ކުއީންސް ކޮމަންވެލްތު ޓްރަސްޓްގެ އެހީގައި، އޭނާގެ އެންޖީއޯއިން ބަދަލުކުރި ގޮތުގެ މައުލޫމާތެވެ. އެމީހުންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދައިދީފައިވާ ކަމެވެ. އަދި އެމީހުންނަށް ޖިސްމާނީ ރައްކާތެރިކަމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ސައިކޯސޯޝަލް ކައުންސިލިން ފަދަ ރަނގަޅު ހިދުމަތްތަކެއް ވެސް ފޯރުކޮށްދިން ވާހަކަ އެވެ.

ރާނީ ވިދާޅުވީ ސަފާތުގެ ޖަމިއްޔާގެ މަސައްކަތްތައް ކާމިޔާބު ކަމަށެވެ. އަދި ތައުރީފު ވެސް ކުރެއްވި އެވެ. އެ މަސައްކަތުގައި ކުރިއަށް ދާން ހިތްވަރު ވެސް ދެއްވި އެވެ.

ސަފާތު ބުނާ ގޮތުން އެ ބައްދަލުވުމުގައި އޭނާއަށް ކުރެވުނު އިހުސާސްތައް ތަފާތެވެ.

"އެންމެ ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނު. ވަރަށް އުފާވި. ދުނިޔެއިން ހޮވާލި ހަތަރު ޔަންގް ލީޑާސްގެ ތެރޭގައި ހިމެނުނީމާ. ކުއީންއާ ވާހަކަދައްކަން ހާސް ވެސް ވި. ވާހަކަ ދައްކާލަން ލިބުނު ފުރުސަތުން އެނގުނީ އެކަމަނާ އަކީ  ޒުވާނުންގެ މަސައްކަތްތައް ބަލައިގަންނަ ބޭފުޅެއް ކަން، އަދި ޒުވާނުން ބާރުވެރިކުރުމަށާއި ޒުވާނުންގެ ކަންބޮޑުވުމާއި ހިޔާލުތައް އަޑު އެހުމަށް އިސްކަމެއް ދެއްވާ ކަން،" ސަފާތު ބުންޏެވެ.

ވަކި އަޒުމެއް އޮވެގެން ހޯދި ކުރިއެރުން

ސަފާތުގެ ހިޔާލު ސާދާވެފައި، ކަންކަމާ މެދު އަބަދުވެސް އުއްމީދީ ނަޒަރަކުން ދުށުމަކީ، އޭނާގެ މުހިންމު ސިފައެކެވެ. އެގޮތުން މީގެ ހަ އަހަރު ކުރިން އުފެއްދި ވިމަން އެންޑް ޑިމޮކްރަސީގެ ހަރަކާތްތައް ކާމިޔާބުކުރަން ހިތުގައި އޮތް އަޒުމް ވަރުގަދަ އެވެ. ދިވެހި އަންހެނުންގެ ހާލަތު ބަދަލުކޮށް އިގްތިސާދީ އަދި ސިޔާސީ ގޮތުން އެ މީހުން ބާރުވެރިކުރުމުގެ މުހިންކަން ރަނގަޅަށް އެނގެ އެވެ. އަދި އެފަދަ ހެޔޮ ބަދަލުތައް މުޖުތަމައުއަށް ގެންނަން، ތިމާއަކީ ކޮންމެހެން ވަކި ދާއިރާއަކުން ނުފޫޒު ގަދަ މަގާމެއްގައި ހުރުމަކީ ޝަރުތެއް ކަމަކަށް އޭނާ ނުދެކެ އެވެ. 

"ކޮންމެ ޒުވާނަކަށް ވެސް މުޖުތަމައުއަށް ކޮށްދެވޭނެ ކަންކަން ހުންނާނެ. އެމީހުންގެ ޒިންމާތަކެއް ވެސް އޮވޭ. އަދި ކޮންޓިރިބިއުޓް ކުރެވިދާނެ ގޮތްތައް ވެސް ބައިވަރު އެބަހުރި. އިންފުލުއެންޝަލް މަގާމެއް ބޭނުމެއް ނުވޭ އިމްޕެކެޓެއް ގެންނާކަށް،" ސަފާތު ބުންޏެވެ.

ވިމަން އެންޑް ޑިމޮކްރަސީގެ ފަރާތުން ބޭއްވި އިވެންޓެއްގައި ސަފާތު އާއި އެހެން ބައިވެރިން

އޭނާއަށް ހިތްވަރު ލިބެނީ ވެސް އަންހެނެއްގެ ފަރާތުންނެވެ: މަންމަ އެވެ. ސަފާތަކީ ހަތަރު އަންހެން ބެއިން ހިމެނޭ އާއިލާގެ ދެ ވަނައަށް އެންމެ ހަގު މެމްބަރެވެ. އޭނާގެ ދޮއްޓަށް ހުރި ދައްތަ އާއި ކޮއްކޮއަށް އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ވަޒީފާއެއް އަދާކުރެވޭނެ ފެންވަރަށް ކިޔަވައިދޭން މަންމަ ކުރި މަސައްކަތް އޭނާ ފާހަގަކުރެ އެވެ.

ސަފާތު އޭ ލެވެލް އާއި ފުރަތަމަ ޑިގްރީ ފުރިހަމަކުރީ މެލޭޝިއާ އިންނެވެ. ފައިނޭންސް އަދި އިންވެސްޓްމަންޓް ދާއިރާ އިން ފުރަތަމަ ޑިގްރީއަށް ފަހު ހަމަ އެ ރޮނގުން މާސްޓާސް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ. ކިޔަވާ ނިންމައިގެން ސަރުކާރުގައި ދުވަސްކޮޅަކު އުޅުނެވެ. އެކަމަކު އޭނާގެ ހިތުގައި އަބަދުވެސް އޮތް އަޒުމަކީ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރުމެވެ. އެކަމަށް ހާއްސަ ޖަމިއްޔާއެއް ކަމަށްވާ 'ވިމަން އޮން ބޯޑް' އިން ބޭއްވި އިންޓާންޝިޕެއްގައި ބައިވެރިވި އެވެ. އެހާ ހިސާބުން އޭނާ އެ ޖަމިއްޔާ ދޫކޮށްލީކީ ނޫނެވެ.  ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރި އެވެ. އެ ޒިންމާ އުފުލި އިރު ވިމަން އޮން ބޯޑުން ކުރި އެ މަސައްކަތަކީ މަތީ މަގާމުތަކުގައި އަންހެނުންގެ ހިއްސާ މަތިކުރުމެވެ. 

"ވަރަށް މުހިންމު މަސައްކަތަކަށް ވީ. ރާއްޖޭގައި އަންހެނުންނަށް ވަޒީފާގެ މާހައުލުން ކުރިއަށް ދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލާ އަދި އަންހެނުންނަށް އެކަނބަލުންގެ ޙައްޤު މަގާމް، ކޯޕަރޭޓް ބޯޑްތައް މެދުވެރިކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ލީޑަރޝިޕް މަގާމްތަކަށް އަންހެން ކަނބަލުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރެވުނު. އެ މަސައްކަތް ކާމިޔާބުވެ ދައުލަތުގެ ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް ބޯޑުތަކުން ފުރުސަތުތައް ލިބިގެން ދިޔަ،" ވިމެން އޮން ބޯޑުގެ މަސައްކަތް ކާމިޔާބުކަމުގެ ތަފުސީލު ދެމުން ސަފާތު ބުންޏެވެ.

އާ ޖަމިއްޔާއިން އިތުރު ހަރުފަތަކަށް

ވިމެން އެންޑް ޑިމޮކްރަސީއަކީ އުފެއްދުމުގެ މަގުސަދު ވަރަށް ސާފެވެ: ސަފާތުގެ ބަހުން ނަމަ އެއީ "ސިޔާސީ މައިދާނުގައި އަންހެނުން ކުރިއަރުވައި، ސިޔާސީ އިސް މަގާމުތަކަށް ގެނައުމުގެ މަސައްކަތް ކުރުމެ"ވެ. އެއީ ކޮންމެހެން ވެސް ބަދަލުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ދެކެ އެވެ.

"ބަސްބުނުމުގައި ބައިވެރިވެ ގޮތް ނިންމާ މަގާމުތަކަށް އަންހެނުން ގެނައުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފެނުނީ،" ސަފާތު ބުންޏެވެ.

ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްގެން ހުއްޓަސް އޭނާގެ އިޖުތިމާއީ މި މަސައްކަތުގައި އޮތް އަގު މާ ބޮޑެވެ. ރާއްޖޭގެ އިޖްތިމާއީ ދާއިރާގެ ހާލަތު އޮތް ގޮތުން، ސަފާތު ބުނީ، ކިޔަވައިގެން ތިބި ހިތްވަރު ގަދަ އަދި ކަންކަމާ ކުރިމަތިލާން ކެރޭ މީހުންގެ އެހީ ވަރަށް މުހިންމު ކަމަށެވެ. ސަބަބަކީ ގައުމެއްގެ އިގްތިސޯދީ ދުވެލީގެ ހަލުވި މިން އެ ގައުމެއްގެ އިޖުތިމާއީ ދުޅަހެޔޮކަމާ ވެސް ގުޅިފައި އޮންނާތީ އެވެ.

 ޕްރޮފެޝެނަލް އެންޑް ކެރިއާ ވިމަން އެވޯޑްއާ ހަވާލުވަނީ

ސަފާތުގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ވަރި ގިނަވެ އާއިލާތައް ރޫޅުމެވެ. ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ އެވެ. ތޮއްޖެހުމާއި ކުލިތައް ބޮޑުވުމެވެ. އޭނާ ބުނާ ގޮތުގައި ރާއްޖޭގައި އިޖުތިމާއީ މައްސަލަތައް ބޮޑުވުމުގެ ފަހަތުގައި ހުރީ އެ ސަބަބުތަކެވެ. އެކަމަކު އެ މައްސަލަތަކުން ކުރާ އަސަރު ކުޑަކޮށް، އަނިޔާއިން ސަލާމަތްކުރަން، ކޮންމެ މީހަކަށް ވެސް ކޮންމެވެސް ޒިންމާއެއް ނެގިދާނެ ކަމަށް، ސަފާތު ގަބޫލުކުރެ އެވެ. މިސާލެއްގެ ގޮތުން ވިމެން އެންޑް ޑިމޮކްރަސީ ނެގިދާނެ އެވެ.

"މި އެންޖީއޯ [2016 ގައި] ފެށި އިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. އެއްވެސް އެހީތެރިކަމެއް ނުލިބޭ. ތިން ވަނަ އަހަރު ކިރިޔާ ފަންޑެއް ލިބި ހިނގައިގަތީ،" ސަފާތު ބުންޏެވެ.

"ފުރަތަމަ އަހަރު މަސައްކަތްކޮށްފައި ހުންނާނީ އަމިއްލަ ޖީބުން ފައިސާ ހޭދަކޮށްގެން. މީހުން މަދު. ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު. ހިތަށްއެރި މިކަމެއް ނުވާނެއޭ ވެސް." 

ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ އަންހެނުންނަށް ހުރި ގޮންޖެހުންތައް ހޯދައި އެއަށް ހައްލެއް ގެންނަން އެބަ ޖެހޭ. ސްޓީރިއޯޓައިޕް ނައްތާލަން އެބަ ޖެހޭ

ސަފާތު، ވިމެން އެންޑް ޑިމޮކްރަސީގެ ރައީސް

އެކަމަކު 'ނުވާނެއޭ' ހިތަށް އެރިޔަސް އޭނާގެ އަޒުމް އޮތީ އެހާ ފަސޭހައިން އެކަމުން ދުރަށް ޖެހިލާ ގޮތަކަށެއް ނޫނެވެ. އެހެން ވަޒީފާއެއްގައި އުޅެމުން ޖަމިއްޔާ ހިންގަން މަންމަ ހިޔާލު ދިނަސް، އެހެން ޒިންމާތަކެއް އަދާކުރަމުން އޭނާ ބޭނުންވާ ފެންވަރުގައި ޖަމިއްޔާ ނުހިންގިދާނެކަމުގެ ޝައްކު އޮވެ އެވެ. އެހެންކަމުން ސަފާތު ހިޔާރުކުރީ ފުލްޓައިމް ކަމެއްގެ ގޮތުގައި ވިމެން އެންޑް ޑިމޮކްރަސީ ކުރިއަށް ގެންދާށެވެ.

މިއަދު އޭގެ ކާމިޔާބު ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނަން އެބަ ހުއްޓެވެ. ރަށްރަށަށް ޒިޔާރަތްކޮށް ޕްރޮގްރާމްތައް ހިންގި އެވެ. ޖިންސީ ހަމަހަމަކަން ނެތުމުގެ މައްޗަށް ބިނާކޮށް 2017 ގައި މެނިފެސްޓޯއެއް ހެދި އެވެ. އަދި އެ މެނިފެސްޓޯއަށް ބިނާކޮށް، އަށް ދާއިރާއަކުން އަންހެނުންގެ ކަންކަން ރަނގަޅުކުރަން ހާއްސަ ކަރުދާހެއް ސަރުކާރަށް ހުށައެޅި އެވެ. 

"ރަނގަޅު ވިޝަންއެއް އޮވެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އޮވެއްޖެ ނަމަ މުއައްސަސާއެއް ހިންގާލެވޭ ފެންވަރަށް އެންޖީއޯ ހިންގޭނެ،" މިދިއަ ހަ އަހަރުގެ ތަޖުރިބާ ހިއްސާކުރަމުން ސަފާތު ބުންޏެވެ.

ވިމަން އެންޑް ޑިމޮކްރަސީގެ މަގުސަދަކީ ދިވެހި އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުވުމެވެ. މާލީ ގޮތުން ފުދުންތެރި، މިނިވަން އަދި އަބުރުވެރި ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމެވެ. އެ ދާއިރާތަކުން ހޭލުންތެރިކޮށް، ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގުމެވެ. 

ސިޔާސީ ދާއިރާއަށް އަންހެނުން ނެރެން ހާއްސަ ޕްރޮގްރާމްތައް ހިންގުމުގައި ސަފާތު ހަރަކާތްތެރިވޭ

ސިޔާސީ ދާއިރާއަށް އަންހެނުން ނެރެން ވަރަށް ކުދިކުދި ހަރަކާތްތަކުން ވެސް ފުރުސަތު ހުޅުވެ އެވެ. މިސާލަކަށް 2018ގެ ރިޔާސީ އިންތިހާބުގައި އިލެކްޝަން އޮބްޒަވޭޝަންސްގައި މަސައްކަތްކުރި މީހުންގެ  %90 އަކީ އަންހެނުންނެވެ. 

"އެއީ މިހާތަނަށް، ރާއްޖޭގެ އިލެކްޝަންސް އޮބްޒަވޭޝަނެއްގެ އަންހެނުން އެހާ ގިނައިން ބައިވެރިވި ފުރަތަމަ ފަހަރު،" ސަފާތު ބުންޏެވެ.

ސިޔާސީ މައިދާނަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް އަމާޒުކޮށްގެން ޕޮލިޓިކަލް ޓްރެއިނިން ޕްރޮގްރާމްތަކެއް ވިމެން އެންޑް ޑިމޮކްރަސީން ހިންގި އެވެ. އަށް މޮޑިއުލް ހިމެނޭ މި ޕްރޮގްރާމްގައި ލީޑާޝިޕް، ކެމްޕެއިންކުރާނެ ގޮތް އަދި އާންމު ތަންތަނުގައި ވާހަކަ ދެއްކުމުގެ ހުނަރު އަންހެނުންނަށް ލިބެ އެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު ވެސް ވަނީ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ އެވެ.

"މިއީ ކާމިޔާބު  ޕްރޮގްރާމެއް. ރާއްޖޭގެ ކޮންމެ އަތޮޅަކަށް އެއް ޓްރެއިނިން ބޭއްވިއްޖެ. ޕެންޑެމިކް ތެރޭގައި ކުރިއަށް ގެންދިޔައީ އޮންލައިންކޮށް،" މިހާތަނަށް 650 އަށް ވުރެ ގިނަ އަންހެނުން އެ ޕްރޮގްރާމްތަކުގައި ބައިވެރިވިކަން ފާހަގަކޮށް، ސަފާތު ބުންޏެވެ.

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރާސަކުރުމާ ކުރިމަތިލާން ޖެހޭ. އެކަމެއް ނުބެލޭ. އެ މައްސަލަ ނަގައިފިއްޔާ ކުރިއެރުމަށް ހުރަސް އެޅޭ

ސަފާތު، ވިމެން އެންޑް ޑިމޮކްރަސީގެ ރައީސް

އޭގެ ކާމިޔާބު މިހާރު ވެސް ސާބިތުވާން އެބަ އޮތެވެ: ޕްރޮގްރާމްގައި ބައިވެރިވި 80 އަށް ވުރެ ގިނަ އަންހެނުން، އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމެވެ. އެކަމަކު ސިޔާސީ މަގާމުތަކުގައި އަންހެނުންގެ ހިއްސާ މަތިވިޔަސް އަދިވެސް ހުރި ކަންކަން ނިންމުމުގެ ފުރިހަމަ ބާރެއް ނުލިބެ އެވެ. ނުވަތަ އެ ބާރު ދޭން ފިރިހެނުންނަށް ހުރަސްއެޅޭ ތަން އާދެ އެވެ.

"ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ އަންހެނުންނަށް ހުރި ގޮންޖެހުންތައް ހޯދައި އެއަށް ހައްލެއް ގެންނަން އެބަ ޖެހޭ.  ސްޓީރިއޯޓައިޕް ނައްތާލަން އެބަ ޖެހޭ،" ސަފާތު ބުންޏެވެ.

އަންހެން ކައުންސިލަރުންނަށް އަމާޒުކޮށްގެން ވިމަން އިން ޑިމޮކްރަސީ މެންޓޯންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދެ އެވެ. މި ޕްރޮގްރާމްގައި ސިޔާސީ ބައެއް ތަޖުރިބާކާރުން ކަމަށްވާ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން އާއި ދުންޔާ މައުމޫން އަދި އަފްޝަން ލަތީފް ފަދަ ބޭފުޅުންގެ އިރުޝާދު، ކައުންސިލަރުންނަށް ލިބެ އެވެ. 

 ކޮމަންވެލްތު ފައުންޑޭޝަންއާ ގުޅިގެން ވިމެން އެންޑް ޑިމޮކްރަސީން މިހާރު ގެންދަނީ ކޮވިޑް-19ގައި ބަލިމަޑުކަމުގެ އަސަރު ކުރި ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަކީ ކޮބައިކަން ދެނެގަނެ އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހޯދައި ދިރާސާކުރަމުންނެވެ. އެ ދިރާސާގެ މައްޗަށް ކަރުދާހެއް ތައްޔާރުކުރާނެ އެވެ. 

ވިމަން އެންޑް ޑިމޮކްރަސީގެ ފަރާތުން ބޭއްވި އިވެންޓެއް: މިހާތަނަށް އެކި ރަށްރަށުގައި ވެސް ތަފާތު ޕްރޮގްރާމްތައް ވަނީ ހިންގާފައި

ވިމަން އެންޑް ޑިމޮކްްރަސީ އަކީ މުޅި ރާއްޖޭގައި ވެސް އެންމެ ހަރަކާތްތެރި އެއް އެންޖީއޯ އެވެ. ފުލްޓައިމް ފަސް މުވައްޒަފުން، ޕާޓް ޓައިމްކޮށް ފަސް އިންޓާންސް އަދި ޕްރޮޖެކްޓް ބޭސްޑްކޮސް އަށް މީހުން، އެ ޖަމިއްޔާގައި މަސައްކަތްކުރެ އެވެ. ވޮލަންޓިއަރުން ގޮތުގައި 50 އެއްހާ މީހުން އުޅެ އެވެ. މެމްބަރުންގެ އަދަދު މިހާރު ވަނީ300 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ގިނައީ ޒުވާނުންނެވެ.

ސިފާތުގެ އުއްމީދުތަކާއި މަސައްކަތްތައް ނިމެން އަދި ގާތް ވެސް ނުވެ އެވެ. އޭނާއަކީ އިޖުތިމާއީ ހިދުމަތުގައި އަރަމުން އަންނަ ޒުވާނެކެވެ. އަންހެނުންނާއި ނިކަމެތިންގެ ހައްގުގައި އަޑުއުފުލަން އޭނާ ބޭނުންވެ އެވެ. އަދި އެފަދަ ފުރުސަތުތައް ހޯދަން ވެސް އުއްމީދުކުރެ އެވެ. ނަމަވެސް ވަކި ރޮނގުތަކުން ކުރިއަށް ދާން ހުރި ހުރަސްތައް އަދިވެސް ނައްތާނުލެވުމަކީ، ހަގީގަތެކެވެ. 

"ކައިވެނިކޮށްފިއްޔާ ބަނޑުބޮޑު ވެއްޖެއްޔާ މަސައްކަތެއް ނުކުރެވޭނެ ނޫންހޭ ބުނޭ އަދިވެސް. އެކަހަލަ ކަންކަމާ އަންހެނުން އަދިވެސް ކުރިމަތިލާ. ވަޒީފާގެ މާހައުލުގައި ޖިންސީ ފުރާސަކުރުމާ ކުރިމަތިލާން ޖެހޭ. އެކަމެއް ނުބެލޭ. އެ މައްސަލަ ނަގައިފިއްޔާ ކުރިއެރުމަށް ހުރަސް އެޅޭ،" ބައެއް މިސާލުތައް ދައްކަމުން ސަފާތު ބުންޏެވެ.

އެކަމަކު އޭނާގެ އަޒުމަށް ބަދަލެއް ނާދެ އެވެ. ޖަމިއްޔާގެ މަސައްކަތް ކުރިއަށް ގެންދަމުން ޕީއެޗް.ޑީ ފުރިހަމަކުރުމަކީ އަމާޒެކެވެ. ވިމަން އެންޑް ޑިމޮކްރަސީގެ މަސައްކަތްތައް ފުޅާކުރުމަކީ އަމާޒެކެވެ. އެހެންކަމުން މި ޒުވާނާގެ ކުރިމަގު އޮތީ އެހެން މީހުންނަށް ވެސް ނަމޫނާއެއްގެ ގޮތުގައިކަން އެނގެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް