ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ކެޕްޓަން ރޮޑްރި (މ) ޗެމްޕިއަންޝިޕް އަނގޮޓި ދައްކާލަނީ.
ފީފާއިން ފުރަތަމަ ފަހަރަށް ރަނާއި ޖަވާހިރުގެ ޗެމްޕިއަންޝިޕް އަނގޮޓިތަކެއް ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމްއަށް ހަދިޔާކުރަނީ
ފީފާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްއަށް ހާއްސަކޮށް، 18 ކެރެޓުގެ ރަނުން ތައްޔާރުކޮށް ޖަވާހިރު ހަރުކޮށްފައިވާ، ޗެމްޕިއަންޝިޕު އަނގޮޓިތަކެއް ތައާރަފްކޮށްފި އެވެ. ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންއަށް ތައްޓާއި ރަން މެޑަލްގެ އިތުރުން މި އަނގޮޓިތައް ވެސް ލިބޭނެ އެވެ.
ފީފާއިން ޖުމްލަ 2،026 ޗެމްޕިއަންޝިޕް އަނގޮޓި ނެރެން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 30 އަނގޮޓިއެއް ހާއްސަކޮށްފައިވަނީ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނަށާއި ސްޓާފުންނަށެވެ.
ބާކީ 1،996 އަނގޮޓި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަޕޯޓަރުންނަށް ގަނެވޭނެ އެވެ. އަނގޮޓިއެއްގެ އަގަކީ 12،000 ޑޮލަރެވެ.
ކޮންމެ އަނގޮޓިއެއް އެ މީހެއްގެ އިނގިއްޔަށް ހެޔޮވަރުކޮށް ތައްޔާރުކޮށްފައި ވަކިން 'އެންގްރޭވް' ކުރާނެ އެވެ.
އަށާރަ ކެރެޓްގެ ރަނުގެ އިތުރުން 89 ގުދުރަތީ ޖަވާހިރާއި 36 ސެފަޔާ މި އަނގޮޓިތަކުގައި ހިމެނެ އެވެ.
އާޖެންޓީނާ 0-1 އިން ބަލިކޮށް ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓެ އާއި ކެޕްޓަން ރޮޑްރިއަށް ފައިނަލް މެޗަށް ފަހު ވަގުތީ ދެ އަނގޮޓި ވަނީ ދީފަ އެވެ. ފީފާއިން ބުނިގޮތުގައި 30 އަނގޮޓި ކަސްޓަމައިޒް ކޮށްފައި ސްޕެއިން ޓީމަށް ހަދިޔާ ކުރުން ފަހުގެ ތާރީހެއްގައި އޮންނާނެ އެވެ.
މި އަނގޮޓިތައް ތައާރާފު ކުރުމަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ މުބާރާތާއި ލަގްޝަރީ އަދި ފައިން ޖުވެލަރީ ދާއިރާ ގުޅުވައިދޭ ނިންމުމެކެވެ. އަދި މިއީ ގުދުރަތީ ގޮތުން އުފައްދާ ޖަވާހިރާއި ގަހަނާގެ އިންޑަސްޓްރީތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
ކޮމެންޓް