ވޯލްޑްކަޕް އާއި ގުޅުވާލައިގެން ސްޓައިލް ކޮށްލެވޭނެ 6 ގޮތެއް

ލިވިން

ވޯލްޑް ކަޕްއާ ގުޅުވައިގެން ސްޓައިލްކޮށްލެވޭނެ ހަ ގޮޮތެއް

ވޯލްޑް ކަޕްގެ ފޯރި ދައްކާލަން އެތައް ބަޔަކު މިހާރު ވެސް އަންނަނީ އެކި ފެޝަންތަކުން ޒީނަތްތެރިވަމުން
1 ގަޑިއިރު ކުރިން

ފީފާ ވޯލްޑް ކަޕް ފެށުނު ފަހުން، މަގުމަތީގަ އާއި ކެފޭތަކުގައި މެޗުތައް ބަލަން، ޒުވާނުންނާއި މުސްކުޅިން، ދިވެހިންނާއި ބިދޭސީން އެކި ޖާގަތަކަށް އެއްވެ އުޅޭތަން ފެނެ އެވެ. ކުޅިވަރަކަށް އޮތް ޝައުގަކުން އެކި ތަފާތު ކުރުންތައް ފަހަނަ އަޅާ، އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު ފެނެ އެވެ.   

ކުޅިވަރެއްގެ ފޯރީގައި ބައިވެރިވާން ބޭނުންވާ މީހުން އާންމުކޮށް ބޭނުންކުރާ ވަސީލަތަކީ ހެދުމެވެ. އެގޮތުން ބައިނަލްއަގްވާމީ ބޮޑު ކޮންމެ މުބާރާތަކާ އެކު އޭގެ އަމިއްލަ ފެޝަން ވެސް ފެނެ އެވެ. ވަކިން ހާއްސަކޮށް ބޭރު ގައުމުތަކުގައި މިއީ އާންމުކޮށް ފެންނަ ކަމެކެވެ. އެގޮތުން ޔޫއެސް ޓެނިސް އޯޕަން މުބާރާތް ކުރިއަށްދިޔަ ދުވަސްވަރު އެންމެ މަގުބޫލުވި ސްޓައިލް އަކީ 'ޓެނިސް ކޯ' އެވެ. އަދި ފޯމިއުލާ ވަން ރޭސިން މުބާރާތުން 'ޕްރެޕީ' ސްޓައިލްތައް  މަގުބޫލުވަމުން އައި ތަން ފާހަގަވި އެވެ.

ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކާ އެކު އޭގެ އަމިއްލަ ފެޝަން ވެސް ފެނޭ

އެގޮތުން ވޯލްޑް ކަޕްގެ ސަބަބުން ވެސް އެކި ގައުމުތައް ރަމްޒުކޮށްދޭ ޓީމުގެ ޖާޒީ މާލޭގެ ފިހާރަތަކުގައި އާންމުވާން ފަށައިފި އެވެ. އެގޮތުން ފުޓްބޯޅައަށް ލޯބިކުރާ މީހެއް ވިޔަސް ނުވަތަ މި ކުޅިވަރުގެ ރޫހުގައި ބައިވެރިވާން ބޭނުންވާ ފަރާތެއް ނަމަ، ފެޝަންގެ ޒަރިއްޔާއިން ފުޓްބޯޅަ ޖާޒީ އާއި 'ސްޕޯޓީ' ސްޓައިލް ލެވޭނެ އެކި ގޮތްތައް ވެ އެވެ. 

ޖާޒީ ސްޓައިލް ކޮށްލާނެ ގޮތް

އާޖެންޓީނާ، ޕޯޗުގަލް ނުވަތަ ބްރެޒިލްއަށް ސަޕޯޓު ކުރިކަމުގައިވިއަސް، ކުޅިވަރު ޖާޒީއަކީ ލައިގެން އުޅެން އަދި ގަޔަށް ފަސޭހަ ބާވަތެކެވެ. އެގޮތުން މި ބާވަތުގެ ހެދުން އެންމެ އެކަށީގެންވަނީ 'ކެޝުއަލް'ކޮށް ސްޓައިލްކޮށްލުމެވެ. ޕިންޓްރެސްޓް، ޓިކްޓޮކް އާއި އިންސްޓަގްރަމް ފަދަ ސޯޝަލް މީޑިއާ އެޕްތައް މަގުބޫލު ޒަމާނެއްގައި ޖާޒީ ސްޓައިލް ކޮށްލެވޭނެ ތަފާތު ގޮތްތައް ފަސޭހައިން ބަލައިލެވޭނެ އެވެ. އެކަމަކު އަމިއްލަވަންތަ ގޮތަކަށް، ޕިންޓްރެސްޓް ބޯޑަކުން ނުފެންނަ، ތަފާތު ގޮތަކަށް ޖާޒީއެއް ސްޓައިލް ކޮށްލުމަކީ މީގެ އެންމެ މުހިއްމު ކަމެވެ. 

ހައިޓީގެ ޑިޒައިނަރު ސްޓެލާ ޖޯން ވަނީ ހައިޓީ ނަން ޖަހާފައިވާ ޖާޒީތަކެއް ފަރުމާކޮށް، އެއާ އެކު، އެކި ކުލައިގެ އަދި އެކި ޕްރިންޓު ޖަހާފައިވާ ސްކާޓްތަކެއް ގުޅުވާފައި

ޖާޒީ ފަދަ ސްޕޯޓްސްވެއާ އަންނައުނަކާ އެކު ލަތީފީ ސްޓައިލްގެ އަންނައުނެއް ގުޅުވާލުމަކީ އެއްގޮތެވެ. ފީފާ ވޯލްޑް ކަޕްއަށް ހާއްސަކޮށް އެކި ޑިޒައިނަރުން ވަނީ ޖާޒީ އެކި ގޮތްގޮތަށް ސްޓައިލްކޮށް، ހެދުން ކަލެކްޝަންތައް ނެރެފަ އެވެ. އޭގެ ތެރެއިން ހައިޓީ މިފަހަރު ވޯލްޑް ކަޕްގައި ކުޅޭތީ އެ ގައުމުގެ ޑިޒައިނަރެއް ކަމަށްވާ ސްޓެލާ ޖޯން ވަނީ ހައިޓީގެ ނަން ޖަހާފައިވާ ޖާޒީތަކެއް ފަރުމާކޮށް، އެއާ އެކު، އެކި ކުލައިގެ އަދި އެކި ޕްރިންޓް ޖަހާފައިވާ ސްކާޓްތަކެއް ގުޅުވާލައިފަ އެވެ.

ޖާޒީއަށް ރޫ ޖައްސާފަ ހުންނަ ސްޓައިލް އަކީ މަގުބޫލު ވައްތަރެއް

ޖާޒީ އާންމުކޮށް ހުންނަނީ ގަޔަށް ދޫކޮށެވެ. އެކަމަކު މިހާރަކަށް އައިސް، ޖާޒީ ގަޔަށް ހެޔޮވަރުކޮށް ފަހާފައި، ނަލަ ސްޓައިލްއަކަށް ރޫ ޖައްސައި ބަދަލުކޮށްލަ އެވެ. އަޅުގަނޑު ވެސް، މިދިޔަ އަހަރު މެކްސިކޯއަށް ނިސްބަތްވާ، ރޫ ޖައްސާފައި ހުރި ޖާޒީއެއް ސްޓައިލްކޮށްލީމެވެ. އެގޮތުން އެމީހެއް ސަޕޯޓުކުރާ ގައުމެއްގެ ޖާޒީ އެކި ގޮތްގޮތަށް ރޫޖައްސައިގެން ވިއަސް، ކުދި އަދި ނަލަ ބަދަލުތަކެއް ގެނެއުމަކީ ވެސް އެކަށީގެންވާ ސްޓައިލެކެވެ.

ޖާޒީއަކަށް އެކި ބަދަލުތައް ގެނެސްގެން އަމިއްލަ ވަންތަ ސްޓައިލްއެއް ނެރެވިދާނެ

ސްކާޓް ބޭނުންކޮށްގެން 'ލޭޔަރު' ކުރުން

އަމިއްލަ ގޮތަކަށް އަންނައުނު ސްޓައިލް ކުރުމުގައި ގިނަ މާހިރުން ބޭނުންކުރާ އެއް އުކުޅަކީ 'ލޭޔާ' ކުރުމެވެ. އެއީ އެކި އަންނައުނު މަތިމަތީން އެކި ގޮތްގޮތަށް ގުޅުވާލުމެވެ. އެގޮތުން  މިފަހުގެ އެއް ސްޓައިލަކީ ޖާޒީއަކާ  އެކު އެކި ވައްތަރުގެ ސްކާޓު ސްޓައިލް ކޮށްލުމެވެ. ޖާޒީއަކާ އެކު ހަރުވާޅެއް، ފަޓުލޫނެއް ނުވަތަ ޖިންސެއް ލައިފައި އޭގެ މަތިން ކުރު (މިނީ) ސްކާޓެއް ލުމެވެ. މި ބުނާ ކުރު ސްކާޓު ބަދަލުވަނީ ޒާތެއްގެ ބެލްޓަކަށެވެ. މިއީ އާންމުކޮށް ބޭރުގެ ގައުމުތަކުގައި މަގުބޫލު އަދި 'ހިޖާބީންނަށް' ވެސް ކަމުދާ ސްޓައިލެކެވެ.

ކުރު ސްކާޓަކާ އެކު ފަޓުލޫނެއް ގުޅުވާލުމަކީ މިފަހުގެ ސްޓައިލެއް
ޖާޒީއާ އެކު ހަރުވާޅެއް، ފަޓުލޫނެއް ނުވަތަ ޖިންސެއް ލައިފައި އޭގެ މަތިން ކުރު ސްކާޓެއް ވެސް ލެވިދާނެ

ޖާޒީއާ އެކު ގަމީހެއް

'ކެޝުއަލް ވެއާ' އާއި ރަސްމީ އަންނައުނެއް ގުޅުވާލުމަކީ ވަރަށް އާދަޔާ ހިލާފު ދެ ބާވަތެއް ގުޅުވާލުމެވެ. އެކަމަކު މިއީ ސްޓައިލް ކުރާއިރު ގިނަ ބަޔަކު ގެންގުޅޭ އުސޫލެކެވެ. އެއީ ތަފާތު ސްޓައިލެއް ނެރުމަށް ބައެއް ފަހަރު ނުގުޅޭ ދެ ވައްތަރެއްގެ އެއްޗެއް ނަލަ ގޮތަކަށް ގުޅުވާލުމެވެ. އެގޮތުން އަތް ދިގު ގަމީހެއްގެ މަތިން ޖާޒީއެއް ގުޅުވާލާށެވެ. އަދި ބޭނުން ނަމަ، ކަރުގައި ޓައިއެއް އަޅާލެވިދާނެ އެވެ. ދެން ތިރިން ފުޅާ ޖިންސެއް ނުވަތަ ފަޓުލޫނެއް ގުޅުވާލުމުން އެކަށީގެންވާނެ އެވެ.

ޖާޒީ އާއި ގަމީހެއް ސްޓައިލް ކޮށްލެވިދާނެ
ތަފާތު ސްޓައިލެއް ނެރެން ބައެއް ފަހަރު ނުގުޅޭ ދެ ވައްތަރެއްގެ އެއްޗެއް ވެސް ނަލަ ގޮތަކަށް ގުޅުވާލެވިދާނެ

އެކްސެސަރީޒް

ސްޓައިލް ކުރާއިރު މުހިންމު ރޯލެއް އަދާކުރާ އަނެއް އެއްޗަކީ 'އެކްސެސަރީޒް' އެވެ. އެއީ ބޫޓު، އަތްދަބަސް، ގަހަނާ ފަދަ ތަކެއްޗެވެ. އެއީ އެމީހެއްގެ 'ލުކް' ވަރަށް ބޮޑަށް ބަދަލުކޮށްލައިދޭ އެއްޗެކެވެ. އެގޮތުން ފުޓްބޯޅަ ޓީމު ޖާޒީއާ އެކު ފުޅާ ޖިންސެއް ލައިފައި، ބެލްޓެއްގެ ބަދަލުގައި ކަރުގައި އަޅާ ޓައިއެއް އައްސާލާށެވެ. މިއީ ވަރަށް ފަސޭހަ އެކަމަކު ވަރަށް ތަފާތު އަދި ޒަމާނީ ސްޓައިލަކަށް މީހާގެ މުޅި 'ލުކް' ބަދަލު ކޮށްލާނެ އުކުޅެކެވެ. 

ފުޓަބޯޅަ ޓީމް ޖާޒީ އަކައި އެކު ފުޅާ ޖިންސެއް ލައިފަ، ބެލްޓެއްގެ ބަދަލުގައި ކަރުގައި އަޅާ ޓައި އެއް އައްސާލައިށެވެ.

ކޯސެޓް އަކީ މިހާރު ގިނަ ބަޔަކު އެކި ގޮތްގޮތަށް ސްޓައިލް ކުރާ އެއްޗެކެވެ. އާންމުކޮށް ކޯސެޓް ފެންނަނީ ކައިވެނި ހެދުން ނުވަތަ 'އީވްނިން ވެއާތަކުގަ' އެވެ. އެގޮތުން، ކޯސެޓްއެއް ޖާޒީ މަތިން ސްޓައިލް ކޮށްލުމަކީ ވަރަށް ތަފާތު ގޮތެކެވެ. އަދި އެމީހެއްގެ 'ލުކް' އިތުރަށް ތަފާތު ކޮށްލަން ބޭނުން ކުރެވޭނެ އެއްޗެކެވެ.

ކޯސެޓެއް ޖާޒީ މަތިން ސްޓައިލް ކޮށްލުމަކީ ވަރަށް ތަފާތު ގޮތެއް

ބޫޓާ އެކު ސްޓައިލްކޮށްލުން

މިނަށްވުރެން ތަފާތު އަދި 'އާދަޔާހިލާފު' ވައްތަރަކަށް ސްޓައިލްކުރަން ބޭނުންނުވާ ފަރާތްތަކަށް ވެސް ޖާޒީއެއް ލާ އިރު 'ސިމްޕަލް' އުކުޅެއް ބޭނުންކޮށްގެން ސްޓައިލް ކޮށްލެވިދާނެ އެވެ. އެގޮތުން ޖާޒީ ފަދަ ސްޕޯޓްސްވެއާއަކާ އެކު މި ފަހުގެ ސްޕޯޓްސްވެއާ އާއި ލަތީފީ ސްޓައިލެއް އެއްކޮށްލައިފައިވާ 'ސްނީކަރީނާ' ވަރަށް ނަލަވާނެ އެވެ. އެއީ 'ބެލޭ ފްލެޓްސް' އާއި 'ސްނީކާ' ބޫޓެއް އެއްކޮށްލައިގެން އަޑީޑާސް ބްރޭންޑުން ނެރެފައިވާ ވައްތަރެކެވެ. މިކަހަލަ ބޫޓުގެ އެކި ސްޓައިލްތައް، އެކި ކުލައިގައި މިހާރު ބާޒާރުން ލިބެން ހުރެ އެވެ. އެގޮތުން މިއީ އަރައިގެން އުޅެން ފަސޭހަ އަދި ޒަމާނީ ސްޓައިލެކެވެ.

'ބެލޭ ފްލެޓްސް' އާއި 'ސްނީކާ' ބޫޓެއް އެއްކޮށްލައިގެން އަޑީޑާސް ބްރޭންޑުން ނެރެފައިވާ ވައްތަރެއް

މޭކަޕާއި ނިޔަފަތި ޖަރީކޮށްލުން

އެމީހެއްގެ ސްޓައިލް ބަޔާންކުރަން ބޭނުން ކުރެވޭނީ ހަމައެކަނި އަންނައުނާއި 'އެކްސެސަރީޒް' އެކަންޏެއް ނޫނެވެ. މޭކަޕް، އިސްތަށިގަނޑު އަދި ނިޔަފައްޗަކީ ވެސް ބޭނުންކުރެވޭނެ ވަސީލަތެވެ. މާލޭގެ ބައެއް ސެލޫންތަކުންނާއި ބްރޭންޑުތަކުން ވޯލްޑް ކަޕްއާ ދިމާކޮށް މޭކަޕް އަދި ނިޔަފަތި އެމީހެއް ސަޕޯޓުކުރާ ޓީމަކާ ގުޅުވާލައިގެން ކުލަ ޖައްސާނެ ގޮތްތައް ވަނީ ހިއްސާކޮށްފަ އެވެ. 

މޭކަޕަށް ބަލާއިރު، މިހާރު މީހުން މޫނުމަތީގައި އެމީހެއް ސަޕޯޓުކުރާ ދިދަ ކުރެހުމުގެ ބަދަލުގައި، އެމީހަކު ސަޕޯޓު ކުރާ ގައުމެއްގެ ދިދައިގެ ކުލަތައް ބޭނުންކޮށްގެން ލޮލުގައި ނަލަ ގޮތަކަށް ކުލަ ޖައްސަ އެވެ. ބައެއް މީހުންނަށް މިނަށްވުރެން ގޮތް ބޮޑު ސްޓައިލްގެ ލޮލުގެ މޭކަޕްގެ ބަދަލުގައި ސާދާ އަދި ނަލަ ސްޓައިލްތައް ކަމުދެ އެވެ. ދެން ނިޔަފަތީގައި ދިދައެއް އެކި ގޮތްގޮތަށް 'ޗާމްސް' އާއި 'ސްޓިކާޒް' އަދި އެކި ޑިޒައިންތައް ބޭނުންކޮށްގެން ޖަރީކޮށްލެވިދާނެ އެވެ.

އެމީހަކު ސަޕޯޓުކުރާ ދިދަ ކުރެހުމުގެ ބަދަލުގައި، ސަޕޯޓު ކުރާ ގައުމެއްގެ ދިދައިގެ ކުލަތައް ބޭނުންކޮށްގެން ލޮލުގައި ކުލަ ޖައްސާލެވިދާނެ
މިނަށްވުރެން ގޮތް ބޮޑު ސްޓައިލްގެ ލޮލުގެ މޭކަޕްގެ ބަދަލުގައި ސާދާ އަދި ނަލަ ސްޓައިލެއް ރީތިވާނެ
ނިޔަފަތީގައި ދިދައެއް އެކި ގޮތްގޮތަށް 'ޗާމްސް' އާއި 'ސްޓިކާޒް' އަދި އެކި ޑިޒައިންތައް ބޭނުންކޮށްގެން ޖަރީކޮށްލެވިދާނެ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް