ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމަށް ފެޝަން ބްރޭންޑު ލުއޭވޭއިން ތައްޔާރުކުރާ ކަލެކްޝަން އިފްތިތާހުކުރުމުގެ ގޮތުން ބައެއް ކުޅުންތެރިން ހެދުންތަކެއް ދައްކާލަނީ
ލުއޭވޭއިން ވޯލްޑް ކަޕްގެ ސްޕެއިން ކުޅުންތެރިންނަށް ހާއްސަކޮށް ހެދުން ފަރުމާކޮށްދެނީ
ސްޕެއިންގެ ގައުމީ ފިރިހެން އަދި އަންހެން ފުޓުބޯޅަ ޓީމާ އެކު ހަތަރު އަހަރުގެ ޕާޓްނަޝިޕެއްގައި ލުއޭވޭއިން ވަނީ ސޮއިކޮށްފަ އެވެ. މިއީ ފެޝަން އާއި ފުޓުބޯޅައިގެ ތާރީހުގައި އެންމެ ނަގާކިޔޭ އެއް ބްރޭންޑާއި އެއް ޓީމުގެ ބޮޑު ގުޅުމެކެވެ.
މި އެއްބަސްވުމުގައި، މި މަހު އުތުރު އެމެރިކާގައި ފަށާ ފީފާ ފިރިހެނުންގެ ވޯލްޑް ކަޕާއި 2027ގައި ބްރެޒިލްގައި ބާއްވާ އަންހެނުންގެ ވޯލްޑް ކަޕާއި 2030ގައި ބާއްވާ މުބާރާތްތައް ހިމެނެ އެވެ. ލުއޭވޭއިން ސްޕެއިންގެ ދެ ޓީމުގެ ކުޅުންތެރިން ދަނޑުން ބޭރުގައި ލައި ހެދުންތައް ތައްޔާރު ކޮށްދޭނެ އެވެ. އެގޮތުން ސޫޓު، ގަމީސް، އަތް ދަބަސް އަދި ބޫޓު އެ ކުޅުންތެރިންނަށް ހާއްސަކޮށް ފަރުމާކުރާނެ އެވެ.
މި ކަލެކްޝަން އިފްތިތާހުކުރުމަށް ހާއްސަ ފޮޓޯތަކެއް ނަގާފައިވެ އެވެ. މެޑްރިޑްގެ ބޭރުގައި ހުންނަ ލަސް ރޮޖަސް 'ޓްރެއިނިން ގްރައުންޑްސް'ގައި ޕެޑްރި، ރޮޑްރި، އުނާއި ސިމޮން އަދި ނިކޮ ވިލިއަމްސް ލުއޭވޭގެ ހެދުންތައް ލައިގެން އުޅޭތަން އެ ފޮޓޯތަކުން ފެނެ އެވެ.
ކްރިއޭޓިވް ޑައިރެކްޓަރުން ކަމަށްވާ ޖެކް މެކްކޮލޯ އާއި ލަޒާރޯ ހެނާންޑޭޒްގެ ބެލުމުގެ ދަށުން ލުއޭވޭގެ ކަލެކްޝަނުގައި ހިމަނާފައިވަނީ ގޮތް ބޮޑު ނޫން އެކަމަކު ހިތްގައިމު ހެދުންތަކެކެވެ. ލުއޭވޭގެ ލޯގޯ ޖަހާފައި ހުންނަނީ އެހާ ފާޅުގައި ފެންނަ ގޮތަކަށެއް ނޫނެވެ. އެކަމަކު އަތް ހިއްލާލައި އިރު ލޯގޯ ފެންނާނެ އެވެ. މިއީ އެ މީހުން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެވެ.
ލުއޭވޭއިން ބުނީ ކުޅުންތެރިން މުބާރާތުގައި ދަތުރު ކޮށް އުޅޭ އިރު ލައިގެން އުޅެން ފަސޭހަ އަދި ހިތްގައިމު ހެދުންތަކެއް ތައްޔާރު ކޮށްދޭނެ ކަމަށެވެ.
މެޑްރިޑްގައި 1846ގައި އުފެއްދި ލުއޭވޭ އަކީ ލެދާ އުފެއްދުންތަކަށް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ޒަމާނުއްސުރެ އެ ބްރޭންޑުގެ އުފެއްދުންތެރިކަމާއި ލެދާގެ ބޭނުންތަކާއި އީޖާދުތަކާއި ތަފާތު ސްޓައިލްއަށް ވަނީ ދުނިޔޭގެ ސަމާލުކަން ހޯދައިފަ އެވެ.
ސްޕެއިންގެ ގައުމީ ދެ ޓީމާ އެކު އެއްބަސްވުމެއް މި ހެދީ ލުއޭވޭގެ 180 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.