މެންގޯ ފެޝަން ބްރޭންޑުގެ ފައުންޑަރު އިސާކް އެންޑިކް (ކ) އަދި އޭނާގެ މަރުގެ މައްސަލައިގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް ކަފާލާތުގެ ދަށުން ބަންދުން ވީއްލާފައިވާ ދޮށީ ދަރި ޖޮނަތަން އެންޑިކް.

ލިވިން

މެންގޯ ބްރޭންޑުގެ ބާނީ މަރާލުމުގެ ތުހުމަތު ދޮށީ ދަރިފުޅަށް

ސްޕެއިންގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އިސާކް އެންޑިކް، 71، އޭނާގެ ފިރިހެން ދަރިފުޅާ އެކު ފަރުބަދަމަތީ ސަރަހައްދަކަށް ގޮސް އުޅެނިކޮށް މަތިން 'ވެއްޓި' މަރުވީ ޑިސެމްބަރު 2024ގައި. ފުލުހުން ކުރިން ބެލީ އެއީ އެކްސިޑެންޓެއް ކަމަށް.

ދިވެހިންގެ މެދުގައި ވެސް ނުހަނު މަގުބޫލު، ބޮޑު ފެޝަން ބްރޭންޑު މެންގޯގެ ބާނީ މަރުވި ހާދިސާއާ ގުޅިގެން ބޮޑު ތަހުގީގެއް ކުރިއަށްދާކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

އިސާކް އެންޑިކް މަރުވީ 2024ގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާގެ ދަރިފުޅު ޖޮނަތަން އެންޑިކްއާ އެކު ބާސެލޯނާ ކައިރީ ފަރުބަދަމަތީ ސަރަހައްދަކަށް ހައިކިންއަށް ގޮސް އުޅެނިކޮށް 150 މީޓަރު އުހުން ވެއްޓިގެނެވެ.

ސްޕެއިންގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އެންޑިކްގެ މަރުގެ މައްސަލަ ކެޓަލޯނިއާގެ ފުލުހުން ފުރަތަމަ ބަލަމުން ގެންދިޔައީ އެކްސިޑެންޓެއްގެ ގޮތުގަ އެވެ. ނަމަވެސް 71 އަހަރުގެ ބައްޕަ މަރާލިކަމުގެ ތުހުމަތުގައި ޖޮނަތަން އެންޑިކް، 45، މިދިޔަ ހަފްތާގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ޖޮނަތަން އެންޑިކް މި މަހުގެ 19 ވަނަ ދުވަހު ސްޕެއިންގެ މާޓޮރެލްގައި ކޯޓަށް ހާޒިރުކުރަނީ. (ފޮޓޯ/ސީއެންއެން)

އެއީ އެކްސިޑެންޓެއް ކަމަށް ތަހުގީގުގައި ފުރަތަމަ ނިންމި ނަމަވެސް މިދިޔަ އަހަރު އޮފިޝަލުން ބުނެފައިވަނީ މި މައްސަލަ ބަލަމުންދަނީ މީހަކު މެރުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.

މާލެގައި ހުންނަ މެންގޯ ފިހާރައަށް ގިނަ ބަޔަކު ހެދުމާއި އަތްދަބަސް އަދި ބޫޓު ގަންނަން ދޭ.

މެންގޯ ބޯޑުގެ ވައިސް ޗެއާގެ މަގާމުގައި ހުރި ޖޮނަތަން އެންޑިކް ހައްޔަރުކޮށް، މި މަހުގެ 19ގައި ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ވީއްލީ 1 މިލިއަން ޔޫރޯގެ ކަފާލާތުގެ ދަށުންނެވެ. 

ކޯޓުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ މީހަކު މެރުމުގެ ދައުވާއެއްގެ ގޮތުގައި ކަމަށާއި ޖޮނަތަން ސްޕެއިނުގައި މަޑުކުރުމަށާއި އޭނާގެ ޕާސްޕޯޓާ އެކު ކޮންމެ ހަފްތާއަކު ފަނޑިޔާރު ކުރިމައްޗަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ސްޕެއިނުގެ ނޫހެއް ކަމަށްވާ އެލް ޕައިސް އިން އޭރު ރިޕޯޓް ކުރި ގޮތުގައި އިސާކްގެ މަރާ ގުޅިގެން ޖޮނަތަންގެ ފޯނު ފުލުހުން ވަނީ އަތުލައިފަ އެވެ.

އާއިލާގެ ތަރުޖަމާނަކު ބުނީ ޖޮނަތަން އަކީ ކުށެއް ނެތް މީހެއްކަން ޔަގީންވާ ކަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ޖޮނަތަން އަކީ އިސާކް އެންޑިކްގެ ތިން ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. އެލް ޕައިސް ނޫހުން ބުނިގޮތުގައި އިސާކް އެންޑިކްގެ ބައިވެރިޔާ އަދި ޕްރޮފެޝަނަލް ގޮލްފް ކުޅުންތެރިޔާ އެސްޓެފާނިއާ ކުނޫތު ވަނީ ބައްޕަ އާއި ދަރިފުޅުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ބުނެފަ އެވެ.

އިސާކް އޭނާ މަރުވުމުން ވާރުތަ މުދާ ބަހާނެ ގޮތް ނިންމާފައިވާ ވިލްއާ ގުޅިގެން އޭނާގެ ތިން ދަރިންނާއި ކުނޫތުއާ ދެމެދު މައްސަލަޖެހި، ކޯޓަށް ވަނީ ގޮސްފަ އެވެ. އެ މައްސަލައިގެ މާ ގިނަ ތަފްސީލުތަކެއް ކެޓަލޯނިއާގެ ހައި ކޯޓުން ހާމައެއްނުކުރެ އެވެ. 

ތުރުކީގެ އިސްތަންބުލްގައި ޔަހޫދީ އާއިލާއަކަށް އުފަންވި އިސާކް ފުރާވަރުގައި ކެޓަލޯނިއާއަށް ބަދަލުވެ، އޭނާގެ ބޭބެ ނަހްމާން އެންޑިކްއާ އެކު މެންގޯ ބްރޭންޑް އުފެއްދީ 1984ގަ އެވެ. އަދި އެ ކުންފުންޏާ އެކު އިސާކް އެންޑިކް ކެޓަލޯނިއާގެ އެންމެ ބޮޑު މަހުޖަނަށް ވެގެންދިޔަ އެވެ.

ދުނިޔޭގެ 120 ހިސާބެއްގައި 2،900 ފިހާރަ ހުރި މި ފެޝަން ގްރޫޕްގެ އާމްދަނީ މިދިޔަ އަހަރު ވަނީ 4.4 ބިލިއަން ޑޮލަރަށް އަރާފަ އެވެ. ފޯބްސް އިން ލަފާކުރާ ގޮތުގައި، މެންގޯގެ އެންމެ ބޮޑު ހިއްސާދާރު އިސާކް އެންޑިކް މަރުވިއިރު އޭނާގެ މިލްކިއްޔާތު ހުރީ 4.5 ބިލިއަން ޑޮލަރުގަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް