އެފްރިކާ މެޖިކް ވިއުއާސް ޗޮއިސް އެވޯޑްސްގެ ރަތް ދޫލަ މަތީން ފެނުނު ހެދުންތައް ހިތްގައިމު، ތަފާތު އަދި ވަރަށް އާދަޔާހިލާފު.

ފެޝަން

އެފްރިކާގެ އެވޯޑް ޝޯއިން ދައްކާލި ތަފާތު ހެދުންތަކަށް ދުނިޔޭގެ ސަމާލުކަން

އެފްރިކާ މެޖިކް ވިއުއާސް ޗޮއިސް އެވޯޑްސް (އޭއެމްވީސީއޭ) އަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ފިލްމާއި ފެޝަންގެ ބޮޑު ރޭ. މި އަހަރު ބޭއްވި ޝޯގައި މަޝްހޫރު ތަރިން ވަނީ ހިތްގައިމު އަދި ވަރަށް އާދަޔާހިލާފު ހެދުންތައް ވެސް ދައްކާލާފައި.

ނައިޖީރިއާގައި މި މަހު ކުރީކޮޅު ބޭއްވި އެފްރިކާ މެޖިކް ވިއުއާސް ޗޮއިސް އެވޯޑްސް (އޭއެމްވީސީއޭ)ގެ 12 ވަނަ ހަފްލާއަށް ސެލެބްރިޓީންނާއި ފިލްމު އުފެއްދުންތެރިންނާއި ފަންނުވެރިން ވަނީ ތަފާތު އެކި ވައްތަރުގެ ހެދުން ލައި އެ ހަފްލާގެ ރަތް ދޫލަ މަތީ ދައްކާލައިފަ އެވެ.

ލާގޯސްގެ އީކޯ ހޮޓެލް އެންޑް ސުއިޓްސްގައި ބޭއްވި މި ކުލަގަދަ ހަފްލާ އަކީ އެފްރިކާގެ ފިލްމާއި ޓީވީއިން ހޯދި ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެފްރިކާގެ ފިލްމީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ މަގުބޫލު އެވޯޑްތަކަށް އެ ބަރޫދުގެ ފަންނުވެރިން ވާދަކުރާ ފަދައިން އެންމެ މޮޅު ހެދުން އެޅުމަށް ވެސް ހަފްލާގެ ބައިވެރިން ފޯރިގަދަކޮށް ވާދަކުރެ އެވެ. އަދި ކޮންމެ އަހަރަކު ވެސް އެ ބަޔަކަށް ލެވުނު އެންމެ ރީތި އަދި ބައެއް ފަހަރު އެންމެ އާދަޔާހިލާފު ހެދުންތައް ދައްކާލަ އެވެ. 

މި އަހަރުގެ އެވޯޑް ހަފްލާއިން ފެނުނު ހެދުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ. އަދި މިއީ ނައިޖީރިއާގެ 'މެޓް ގާލާ'އޭ ގިނަ ބަޔަކު ކިޔަން ފެށި އެވެ.

މި ހަފްލާއިން ފެނެނު ގިނަ ހެދުންތަކުގައި އެކުލެވޭ އުފެއްދުންތެރިކަމާއި ސަގާފީ ވައްޓަފާޅިއެއް ގެންގުޅުމުގެ އިތުރުން، ހެދުންތަކުން ހާއްސަ މާނައެއް ވެސް ދޭހަކޮށްދެ އެވެ. 

މި އަހަރު އޭއެމްވީސީއޭ އިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހެދުންތައް ފަރުމާކޮށްފައި ހުރި އިރު، އެ ހެދުންތަކުގައި އެކުލެވޭ "ޑީޓެއިލް" މަސައްކަތްތެރިކަމެވެ. ރެޑް ކާޕެޓްތަކުގައި އާންމުކޮށް ފެންނަ 'އީވްނިން ވެއާ ލުކް'ތަކަށް ވުރެން ގިނައީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އަތްތެރިކަމާއި ފެހުމުގެ ހުނަރު ބޮޑަށް ދައްކާލި 'ކުޗުއާ' ހެދުންތަކެކެވެ. އެކި ލޭޔަރަށް ފޮތި ބައްޓަންކޮށް، މިނާ ޖަހައި އަދި އެކި ޒާތުގެ މެޓީރިއަލް ބޭނުންކޮށްފައިވާކަން ފާހަގަވި އެވެ. 

އޭގެ ތެރެއިން ގިނަ ހެދުންތައް ހަދާފައިވަނީ އެފްރިކާގެ ތާރީހާއި ޝާހީ އާއިލާތަކާއި 'އާކިޓެކްޗާ' އަދި ސަގާފީ މަސައްކަތްތެރިކަމުން ހިޔާލު ހޯދައިގެންނެވެ. ސެލެބްރިޓީއިންނަށް އެ ހެދުންތައް ފަރުމާކޮށްދިން ޑިޒައިނަރުން ހަފްލާގެ ރަތް ދޫލަ ބޭނުންކުރީ ފެޝަންގެ ޒަރިއްޔާއިން ވާހަކައެއް ކިޔައިދިނުމަށެވެ. އާންމުކޮށް ފެންނަ ރެޑް ކާޕެޓް އިވެންޓެއް މުޅިން ތަފާތު ކޮށްލި އެވެ. 

ނައިޖީރިއާގެ އެކްޓްރެސް އުޗޭ މޮންޓާނާ ވަނީ އަލިފާނާއި "ދަ ރައިޒިން އޮފް ދަ ފީނިކްސް" ރަމްޒުކޮށްދޭ ރަތް އަދި ރަން ކުލައިގެ ހެދުމެއް ދައްކާލާފައި.

ނައިޖީރިއާގެ އެކްޓްރެސް އުޗޭ މޮންޓާނާ ވަނީ އަލިފާނާއި "ދަ ރައިޒިން އޮފް ދަ ފީނިކްސް" ރަމްޒުކޮށްދޭ ރަތް އަދި ރަން ކުލައިގެ ހެދުމެއްގައި ބައިވެރިވެފަ އެވެ. ގާނާގެ އެކްޓްރެސްއެއް ކަމަށްވާ ނާނާ އަކުއާ އައްޑޮ ވަނީ ތިން ތަފާތު ހެދުމެއް ލައިފަ އެވެ. އޭގެ ތެރެއިން އެއް ހެދުމަކީ މަހެއްގެ ސިފަޔަށް އަދި ކަނޑުގެ މުރަކަތަކެއް ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ ހެދުމެކެވެ. އެ ހެދުން ފަރުމާކޮށްފައިވަނީ ސްރުޝްތި ޕަޓިލް ކިޔާ ޑިޒައިނަރެކެވެ.

އެކްޓްރެސް ލިޑިއާ ލޯރެންސް އެންޒެގެ ހެދުމަށް ވެސް ގިނަ ބަޔަކު ތައުރީފު ކޮށްފައިވެ އެވެ. އޭނާގެ ހުދު ކުލައިގެ ހެދުން ހީވަނީ ދޫންޏެއް ނުވަތަ ފޮޅިފައިވާ ނަލަ މަލެއް ހެނެވެ. އެ ހެދުން ފަރުމާކޮށްފައިވަނީ ލާގޯސްގެ ފެޝަން ބްރޭންޑެއް ކަމަށްވާ މާޔާ އެންޑް ސްޓިޗަސް އެވެ.

ފެޝަން ތަރި އަދި ވިޔަފާރިވެރިޔާ ޗިއޮމޯ އިކޮކްވު ލައިގެން ހުރި ރަން ކުލައިގެ ހެދުމަށް ވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އޭނާގެ ހެދުން ހީވަނީ ރަން ކުލައިގެ ފެންވަރުވާވަޑާމަކުން މުޅި ގައިގައި ވަށައިގެން ފެން އެނބުރޭ ހެނެވެ.

ނައިޖީރިއާގެ ޓީވީ ހޯސްޓު އޮސަސް އިގޮޑާރޯ ލައިގެން ހުރި ރަތް ކުލައިގެ ހެދުން ވަރަށް ތަފާތުވެފައި ނަލަ އެވެ. އޭނަގެ ޒަމާނީ ހެދުން ފަރުމާކޮށްފައިވަނީ ނައިޖީރިއާގެ ފެޝަން ޑިޒައިނަރެއް ކަމަށްވާ ވީކީ ޖޭމްސް އެވެ.

ރިއަލިޓީ ޓީވީ ތަރި ކުއީން މާސީ އަންގް ލައިގެން ހުރީ ޕާން ބުރިތަކެއް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ހެދުމެއް

ހިތްގައިމު އަދި ތަފާތު ހެދުންތަކެއް ފެނިގެންދިޔައިރު ބައެއް ތަރިން ވަނީ ވަރަށް އާދަޔާހިލާފު ހެދުންތައް ވެސް ލާފަ އެވެ. އެގޮތުން ރިއަލިޓީ ޓީވީ ތަރި ކުއީން މާސީ އަންގް އޭނާގެ ބޭކިން ވިޔަފާރި އިޝްތިހާރު ކުރުމަށް 500 އަށް ވުރެ ގިނަ ޕާން ބުރި ބޭނުންކޮށްފައިވާ ހެދުމެއް ލައިގެން ފެނުނެވެ. 

ނައިޖީރިއާގެ އެކްޓްރެސް މާސީ އެއިކޭގެ އާދަޔާހިލާފު ހެދުން ވަނީ ހަފްލާގެ ތެރެއިން ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ. އޭނާގެ ހެދުމަށް ހިޔާލު ހޯދައިފަ ވަނީ ކަނޑުއަޑީގެ މަންޒަރަކުންނެވެ. 

އެކްޓްރެސް އެނިއޮލަ އަޖައޮގެ ފުއްޕާހަމުން ހަދާފައިވާ ހެދުމަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. އޭނާ ވަނީ ދެ ވައްތަރެއްގެ ހެދުމެއް އެ ހަފްލާއަށް ލާފަ އެވެ. އެކަމަކު އޭގެ ތެރެއިން ފުއްޕާހަން ހެދުމަށް ގިނަ ބަޔެއްގެ މަލާމާތް ރައްދުވިކަން ފާހަގަ ކުރެވުނެވެ.

ސެލެބްރިޓީ އަދި ފެޝަން އައިކޮން ޑޮކްޓަރު އަކިން ފަމިނު ލައިގެން ހުރި ސޫޓު ހުރީ ޖަރީކޮށްފައި.

ހަފްލާގައި ބައިވެރިވި ފިރިހެނުންގެ ހެދުންތައް ވެސް އެހާމެ ތަފާތެވެ. އަދި ގިނައީ ސޫޓާއި އެފްރިކާގެ ސަގާފީ އެކި ހެދުން އެކި ގޮތްގޮތަށް ފަރުމާކޮށްފައިވާ ހެދުމެވެ. އެގޮތުން ސެލެބްރިޓީ އަދި ފެޝަން އައިކޮން ޑޮކްޓަރު އަކިން ފަމިނު ލައިގެން ހުރި ކަޅު ސޫޓުގައި ބޭނުންކޮށްފައިވާ އެމްބްރޮއިޑަރީ ވަރަށް ނަލަ އެވެ.

ރިއަލިޓީ ޓީވީ ތަރި އަދި އެކްޓަރު ޓޯބީ ބަކްރޭ ލައިގެން ހުރީ އެފްރިކާގެ ސަގާފީ ހެދުމެއް.

ރިއަލިޓީ ޓީވީ ތަރި އަދި އެކްޓަރު ޓޯބީ ބަކްރޭ ހުރީ ޑެޖީ އާއި ކޯލާ ފަރުމާކޮށްފައިވާ އެފްރިކާގެ ސަގާފީ 'އަގްބާޑާ'އެއް ލައިގެންނެވެ. 

އޭއެމްވީސީއޭ އެވޯޑް ޝޯއިން އެފްރިކާ އަދި 'ނޮލީވުޑް'ގެ ފަންނާނުންނާއި ފަންނުވެރިންގެ ހުނަރުގެ އިތުރުން އެ މީހުންގެ ތަފާތު ހެދުންތަކަށް މިފަހަރު މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

ކޮމެންޓް (1)

މޮލެކިއުލްޢަލީ

1 ޖޫން 2026
މިތަންތަން ބަލައިގެން ދިވެހިން މި ހބލ ވަނީ.. ދުނިޔޭގެ އެތައް ބަޔަކު ބަލާ އެއްޗަކާ، 30 މީހުން ބަލާ އެއްޗަކާ އެފަދަ ވާނެތަ؟ މީހަކު ހބލ ވެދާނެ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް