ބޮލީވުޑް ތަރި އާލިއާ ބަޓް މި އަހަރުގެ ކާން ފިލްމު ފެސްޓިވަލުގައި: މިއީ ލޯރިއަލް ޕެރިސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އާލިއާ މި ފެސްޓިވަލުގައި އިންޑިއާ ތަމްސީލް ކުރި ދެވަނަ ފަހަރު.

ލިވިން

އާލިއާ ބަޓްއާ ދިމާކޮށްލީ ފޮޓޯގްރާފަރުންގެ ސަމާލުކަމެއް ނުލިބުނު ކަމަށް ބުނެ

ކާން ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ދެވަނަ ފަހަރަށް ބައިވެރިވި އާލިއާ ބަޓްގެ ފޮޓޯ ނަގަން ފޮޓޯގްރާފަރުންގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފައި

މިދިޔަ ހަފުތާގައި ބޮލީވުޑް ތަރި އާލިއާ ބަޓް 79 ވަނަ ކާން ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ހިނގާލި އެވެ. އަމްރަޕަލީ އާއި ޗޮޕާޑް ބްރޭންޑުގެ ގަހަނާ އާއި ޓަމާރާ ރަލްފް ބްރޭންޑުގެ ޕީޗް ކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި އާލިއާ ވަނީ  މޮޑެލް ހެއިޑީ ކްލޫމް، ފޯމިއުލާ ވަން ޑްރައިވަރު ކާލޯސް ސެއިންޒް އަދި އެކްޓްރެސް ޖޭން ފޮންޑާ ފަދަ ތަރިންނާ އެކު ފޮޓޯ ނަގާފަ އެވެ.

މިއީ އާލިއާ ކާން ފިލްމް ފެސްޓިވަލްގައި ލޯރިއަލް ޕެރިސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ބައިވެރިވި ދެވަނަ ފަހަރެވެ. އެކަމަކު އިންޑިއާ ސިނަމާއަށް އުފަލަކަށް ވުމުގެ ބަދަލުގައި އެ މުނާސަބަތުގައި ކަން ހިނގައިދިޔައީ އެހެން ގޮތަކަށެވެ.

ބޮލީވުޑް ތަރި އާލިއާ ބަޓް 79 ވަނަ ކާން ފިލްމް ފެސްޓިވަލްގެ ރަތް ދޫލަ މަތީ

އާލިއާ ރަތް ދޫލަ މަތިން ހިނގާލިތާ މާ ގިނައިރުތަކެއް ނުވަނީސް، ކާން ހަފްލާގެ ފޮޓޯގްރާފަރުން އާލިއާއަށް ސަމާލުކަމެއް ނުދީ، އޭނާގެ ފޮޓޯ ނުނަގާ ކަމަށް ބުނެ އިންސްޓަގްރާމްގައި ރީލެއް ދައުރުވެ އެހެން ސޯޝަލް މީޑިއާތަކުގައި ފެތުރެން ފެށި އެވެ. ފެންނަ ފެނުމަށް އެތާ ތިބި ފޮޓޯގްރާފަރުން އާލިއާއަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް ގިނަ ބަޔަކު ރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި 'ސްލޯ-މޯޝަން' ވީޑިއޯތަކުންނާއި 'ފްރީޒް ފްރޭމް'ތައް ނަގައިގެން ކިޔަން ފެށި އެވެ.

ކުއްލިއަކަށް ވާހަކަ އެނބުރިގެން އައީ ފެޝަނާއި ސިނަމާ އާއި ދުނިޔޭގެ ރެޑް ކާޕެޓްގައި އިންޑިއާގެ ދައުރު ފުޅާވަމުން އައުމުގެ މައުލޫއުއާ މުޅިން އިދިކީލިކޮށެވެ. މައުލޫއުއަކަށްވީ ބޮލީވުޑްގެ އެކްޓަރަކު ބޭރުގެ ޕަޕަރާޒީން ގަބޫލުކުރާ ވަރަށް މުހިންމުތޯ ނުވަތަ ނޫންތޯ އެވެ.

މި އަހަރުގެ ކާން ހަފްލާއަށް އާލިއާ ވަނީ ތަފާތު އެކި ހެދުންތައް ލައި ދައްކާލައިފަ އެވެ. އޭނާގެ ސޯޝަލް މީޑިއާގައި ވަގުތުން ހެދުންތަކާއި ހަފްލާގެ ތަޖުރިބާތައް ހިއްސާ ކުރަމުން ދިޔަ އިރު މީހަކު އެއް ޕޯސްޓަކަށް ފާޑުކިޔައި ކޮމެންޓެއް ކޮށްފައި އޮތެވެ. އެ މީހާ ބުނީ ކާންގެ ރަތް ދޫލަ މަތީން އެއްވެސް މީހަކަށް އާލިއާއަކީ ކާކު ކަމެއް ނޭނގުނު ކަމަށެވެ. އެކަމަކު އެ ކޮމެންޓަށް އާލިއާ ވަނީ ވަރަށް ޕްރޮފެޝަނަލް އަދި ފުރިހަމަ ރައްދެއް ދީފަ އެވެ.

އާލިއާ ބަޓްގެ ސޯޝާލް މީޑިއާ ފޮޓޯއަކަށް މީހަކު ކޮމެންޓު ކުރުމުން އޭނާ ދީފައިވާ ރައްދު
އާލިއާއަށް ކާން ހަފްލާގެ އެއްވެސް ބަޔަކު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ ބައެއް މީހުން ވަނީ ފާޑުކިޔާފައި.

އާލިއާގެ މަންމަ ސޯނީ ރަޒްދާން ވެސް ވަނީ އޭނާގެ ދަރިފުޅުގެ ދިފާއުގައި އިންސްޓަގްރާމްގައި ރައްދު ދީފަ އެވެ. ރަޒްދާން ބުނި ގޮތުގައި ސޯޝަލް މީޑިއާގެ ސަބަބުން މުޖުތަމައުއާ ބެހޭ ގޮތުން ވަރަށް މުހިއްމު ކަމެއް ހާމަވެގެން ދެ އެވެ.

އެކްޓްރެސް އަމީޝާ ޕަޓޭލް އެއްވެސް މީހެއްގެ ނަންނުގަނެ އެކްސްގައި ބުނެފައި ވަނީ ހޮލީވުޑްގެ ތަރިންނަށް ވުރެ އިންޑިއާގެ އެކްޓްރެސުންނަށް އަމިއްލަ ގައުމުގެ މީހުންގެ ފަރާތުން ކުރިމަތިވާ ހަރުކަށި ފާޑުކިޔުންތަކަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

އާލިއާ މި އަހަރު ދައްކާލީ ކޮންމެހެން އެންމެ ރީތި ހެދުންތަކަށް ނުވުން އެކަށީގެންވެ އެވެ. އަދި މިކަމަށް ވެސް ގިނަ ބަޔަކު އޭނައަށް ފާޑުކިޔާފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ލިޔުންތެރިޔާ ޝޯބާ ޑެ ހިމެނެ އެވެ. އޭނާ ބުނިގޮތުގައި އިންޑިއާގެ ތަރިންގެ ފެޝަން ލަދުވެތި އެވެ. އަދި އާލިއާގެ ހެދުން އެއްގޮތަކަށް ވެސް ގަޔަށް ހެޔޮވަރެއް ނޫނެވެ. އަދި ތަފާތު ކަމެއް ސްޓައިލްގެ ގޮތުން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ކާން ފެސްޓިވަލްގައި ގަވައިދުން ބައިވެރިވި އައިޝްވަރިޔާ ރާއީއާ އެއްވަރުގެ މަޝްހޫރުކަމެއް އާލިއާގެ ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. އައިޝްވަރިޔާ އަކީ މިސް ވޯލްޑް ރީތީގެ ރާނީއަކަށް ވެފައި، ހުނަރުވެރި އެކްޓްރެސްއެއް އަދި ބައިނަލްއަގްވާމީ ގޮތުން މަޝްހޫރު ތަރިއެކެވެ. އެކަމަކު އާ ތަރިންނާއި މޫނުތަކަށް ފުރުސަތު ދިނުން ވެސް މުހިއްމެވެ.

އާލިއާ ކުރިމަތިލާންޖެހުނު ފާޑުކިޔުންތަކުގެ ސަބަބުން ދެ ކަމެއް ހާމަވެގެން ދިޔަ އެވެ. އެއީ ހުޅަނގުގެ ސަމާލުކަމަށް އިންޑިއާ މީހުން ދަހިވެތިވެފައި ތިބި ކަމާއި ކާމިޔާބު ބޮލީވުޑް އެކްޓްރެސުންނަށް ނޭދެވޭ ކަމެއް ދިމާވެއްޖެ ނަމަ ފާޑުކިޔަން އަވަސްވެގަންނަ ކަމެވެ.

އާލިއާ ބަޓްއަކީ ގައުމީ އިނާމު ހާސިލްކޮށްފައިވާ ހުނަރުވެރި ތަރިއެއް އަދި ބައިނަލްއަގުވާމީ ބްރޭންޑް އެމްބެސެޑަރެކެވެ. ހުޅަނގުގެ ގައުމެއްގައި ބޭއްވި ހަފްލާއެއްގައި ބަޔަކު ކެމެރާ އަމާޒު ކުރި ގޮތުގެ ސަބަބުން އެކްޓްރެސްއަކަށް އޭނާގެ އަމިއްލަ ގައުމުގެ ބަޔަކު ފާޑުކިޔަން ޖެހުމުން ދައްކުވައިދެނީ އަންހެނުންގެ ކާމިޔާބީ އަކީ ގިނަ ބަޔަކަށް ހަޖަމުނުކުރެވޭ މަންޒަރެއް ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް