އަހުމަދު އިފްނާޒް ފިރާގު: ފިލްމީ ދާއިރާގައި ވިދުން އަންނަނީ ގަދަވަމުން

އިފްނާޒް: ކުޑައިރު ލަދުން، މިހާރު ތަރިއެއް

ސްކޫލް ދައުރުގައި އޭނާ ނިންމީ ގިނަ ބަޔަކަށް އެނގޭ މީހަކަށް ނުވާން. މީހުންގެ ކުރިމައްޗަށް އަރައި ކަންކަން ކުރަން ޖެހިލުންވި. އެކަމަކު މިއަދު އޭނާއަކީ ފިލްމީ ތަރިއެއް
5 ސެޕްޓެމްބަރު 2021
1

ސެކަންޑްރީ ސްކޫލްގައި އުޅުނު އިރު އަހުމަދު އިފްނާޒް ފިރާގު ނިންމީ އާންމުންނަށް އެނގޭ މީހަކަށް ދުވަހަކު ވެސް ނުވުމަށެވެ. މީހުންގެ ކުރިމައްޗަށް އަރަން ޖެހިލުންވި އެވެ. ފަސްޖެހުނީ މަޝްހޫރު މީހަކަށް ވެއްޖެ ނަމަ ދިމާކުރުމާއި މަލާމާތް ރައްދު ވެދާނެތީ އެވެ.  

ޖަމާލުއްދީނަށް ފަހު މަޖީދިއްޔާގެ ދުވަސްވަރު ލަވަކިޔޭތޯ ބަލަން ބޭނުމެއް ނުވި އެވެ. އެކަމަކު އޭރުވެސް އެކްޓް ކުރުމަށާއި މީހުން ހެއްވާލައިގެން ޝައުގުވެރިކަން ދަމައިގަތުމަށް އޭނާއަށް އުނދަގުލެއް ނޫނެވެ.  އޭނާގެ ކިބައިގައި އެ ހުނަރު ހުއްޓެވެ. ދެން އައީ އާންމުން ދަންނަ މީހަކަށް ވުމުގެ އުއްމީދެވެ.

ފެށުމަކީ 2019 ގައި އައި ފިލްމްސް އިން ނެރުނު ”ބަވަތި“ އެވެ. މިއީ އިފްނާޒްގެ ހުވަފެންތަކުގައި ކުލަ ޖެހުނު ފުރުސަތެވެ. ފިލްމުގެ ލީޑް ބަތަލު ރޯލު ކުޅެލަން ލިބި ފިލްމީ ދާއިރާއަށް ރަސްމީކޮށް އޭނާ އެޅި ފުރަތަމަ ފިޔަވަޅެވެ.

”އެކްޓްކުރަން ކިތަންމެ ބޭނުންވިޔަސް އިންޑަސްޓްރީ އިން ފުރުސަތެއް ހޯދަން ފަސޭހައެއް ނޫން. އިންޑަސްޓްރީގައި ބަލާކަންނޭނގެ އެކްޓް ކުރެވުމަށް ވުރެ ބޮޑަށް ލުކްސްއަށް،" އިފްނާޒް ބުންޏެވެ.

"އެއަށް ވުރެ ބޮޑަށް ކެރެކްޓާއަށް މީހުން ހޯދުމަށް ވުރެ ޕްރީ ކޮންސީވްޑް އައިޑިއާސް ހުރޭ މިވެނި ރޯލެއް މިވެނި މީހަކަށް ކުޅެވޭނެއޭ.“

އިފްނާޒް: އެކްޓްކުރުމުގެ ފުރުސަތު ލިބުނީ ދިޓީވީ އާއި ވީޓީވީގައި އުޅުނު އިރު

އިފްނާޒަކީ ލިބޭ ހުސް ވަގުތުތައް ރަނގަޅު ގޮތުގައި ހޭދަކުރަން ވިސްނި އަދި ވިސްނާ ޒުވާނެކެވެ. މިސާލަކަށް ސްކޫލް ދުވަސްވަރު ފިހާރާއެއްގައި ފޮތި ކަނޑަން އުޅުނެވެ. ސްކޫލް ސީޒަން ނުވަތަ އާ އަހަރަށް ސްކޫލްތައް ހުޅުވުމުގެ ކުރިން އަންނަ ފޮތް މޫސުމުގައި އަސްރަފީގައި މަސައްކަތްކުރި އެވެ.  އެކަމަކު އެންމެ ފުރަތަމަ ރަސްމީ ވަޒީފާއަކަށް ވަނީ ފުލުހުންގެ ތެރެއަށެވެ. އޭނާގެ ޝައުގުވެރިކަން ދިޔައީ ފުލުހުންގެ ފޮޓޯނެގުމުގެ ބަޔަށެވެ. އެގޮތުން ކްރައިމް ސީންތަކަށް ގޮސް ފޮޓޯ ނަގަން ހަރަކާތްތެރިވި އެވެ. 

ފުލުހުންގެ ތެރޭގައި މުނިފޫހިފިލުވުމުގެ ތަފާތު ކަންކަން އިންތިޒާމްކުރެ އެވެ. މިސާލަކަށް ”އެންޓަޓައިންމަން ނައިޓް“ އެވެ. 

"އޭގައި ޕާފޯމްކުރެވޭ. އަދި އަހަރީ ޝޯތަކުގެ ޑާންސް އެއްޗެހީގައި ބައިވެރިވިން،" އިފްނާޒް ބުންޏެވެ.

އެކަމަކު ފުލުހުންގެ ވަޒީފާގައި އުމުރު ހޭދަކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އެހެންކަމުން ރައްޓެއްސަކު ހުޅުވި ފޮޓޯގްރަފީ ސްޓޫޑިއޯއެއްގައި މަސައްކަތްކުރަން ފުލުހުންގެ ވަޒީފާ ދޫކޮށްލި އެވެ. އިޝްތިހާރެއް ކުޅުމުގެ ފުރުސަތު ފަހިވީ އެކަމުގައި އުޅެނިކޮށެވެ. އެ ފުރުސަތުގެ ފަހަތުގައި ހުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނެވެ.

"ރިލްވާނަކީ އަހަންނާ ގާތް މީހެއް. އަހަރެން މި ދާއިރާއަށް ޝައުގުވެރިކަން ހުންނަކަން އެނގޭތީ ދިޓީވީއާ ވާހަކަ ދައްކަައިގެން ހޯދައިދިނީ ޕްރެޒެންޓް ކުރުމުގެ ފުރުސަތު،" އިފްނާޒް ބުންޏެވެ. 

ފޮޓޯގްރަފީގެ ދާއިރާގައި އުޅުމަށް ފަހު ދެން ބަދަލުވީ ޓީވީ ހޯސްޓްއަކަށް

ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލްތައް އުފެދި، މީޑިއާ ޕްލެޓްފޯމް ބަދަލުކޮށްލި ހިސާބުން ދިޓީވީގެ "ޗިލް އައުޓް ވިތު ކޯކް" ވެގެންދިޔައީ، އަބަދު ސިޔާސީ ޕްރޮގްރާމްތަކުން ފޮނުވާ ސިޔާސީ "ހާޑް އެއްޗެހި" ބަލާބަލާ ސިކުނޑި ވަރުބަލިވެފައިވާ އޯޑިއަންސް އަށް އިފްނާޒް ހުށަހަޅައިދިން "ފިނިކަމަކަށެ"ވެ. ލުއި މައުލޫމާތު ހިމަނައިގެން އޭނާގެ މަޖާ މިޒާޖު ދައްކާލަން ލިބުނު މި ފުރުސަތު އޯޑިއަންސް ބަލައިގަތީ އަމިއްލަ ސްޓައިލެއްގައި ހުށައަޅައިދޭ އަދި ބަލައިލަން ކަމުދާ ޝޯއެއްގެ ގޮތުގަ އެވެ.

”ޗިލް އައުޓް ވިތު ކޯކްގެ ފުރަތަމަ އެޕިސޯޑް ނަގަން ވަރަށް ޗެލެންޖިން. ފަސް މިނެޓުގެ އޮންއެއާ ޓައިމްކޮޅެއް ނަގަން އެދުވަހު ހަވީރު ސްޓޫޑިއޯއަށް ވަން ގޮތަށް 12 ގަޑިއިރު ފަހުން ނިމުނީ،" ފުރަތަމަ ތަޖުރިބާ ހިއްސާކުރަމުން އިފްނާޒް ބުންޏެވެ.

"ހަމަ ނާވަސްވެގެން ކުރިއަށް ނުދެވިގެން. އަސްލު ހަގީގަތުގައި އެއީ މެކްސިމަމް އެންމެ ގަޑިއިރެއްހާ އިރުގެ މަސައްކަތް."

  • ދިވެހި ފިލްމް "ބަވަތި"ގައި ބަތަލާ ނުޒުހަތު ޝުއެއިބްއާ އެކު
  • އިފްނާޒްގެ ދެވަނަ ފިލްމް "ބަވަތި"ގެ މަންޒަރެއް
  • ބަވަތީގެ ކެރެކްޓާ ދައްކާލަން 16 ކިލޯ ހިއްކާލި
  • "ބަވަތި"ގެ މަންޒަރެއްގައި އިފްނާޒް

އެކްޓްކުރުމުގެ ހުނަރުގެ ތެރެއަށް އޭނާ ވަނީ، އަމިއްލަ އެހެން ޓީވީ ޗެނެލްއެއް ކަމަށްވާ ވީޓީވީގެ ވަޒީފާ އަށް ބަދަލުވި ހިސާބުން އިލްޔާސް ވަހީދުގެ މިނީ ސީރީޒް، ”ކުށުގެ ހަފާރާތުން“ނެވެ. އެ ސިލްސިލާގައި ދާނިޝްގެ ކެރެކްޓާއިން، ނެގެޓިވް ރޯލެއް އަދާކުރި އެވެ.

"މިހާތަނަށް ލިބުނު ރޯލުތަކުގެ ތެރެއިން އެއީ ވަރަށް ހިތްހަމަޖެހުނު ރޯލެއް،“ އިފްނާޒް ބުންޏެވެ.

އިފްނާޒްއަށް އެކްޓް ކުރެވޭކަން ދެނެގަނެވުނު ހިސާބުން އިލްޔާސްގެ މައުލޫއަކަށް ދެން ވީ ފިލްމެއް ހެދުމުގެ ވާހަކަ އެވެ.

”އިލްޔާސް ކިޔާނެ އަބަދުވެސް އެކި ކަހަލަ ސްޓޯރީ ލައިންސް. ދެ މީހުންގެ ޕެޝަނެއް މިއީ. ދެން ބްރެއިންސްޓޯމް ކުރަން. ދުވަހަކު ވެސް ހިތަކަށްނާރާ އޭނާ ފިލްމެއް ހަދާފާނެއެކޭ.“

އެކަމަކު "ބަވަތި" އައީ އެ ޝައުގުވެރިކަން ހަގީގަތަކަށް ހަދައިދެމުންނެވެ. އައި ފިލްމްސް އިން 2019 ގައި ހެދި އެ ފިލްމުން އިފްނާޒަށް ފުރުސަތު ދިނީ، އޭނާ ބުނާ ގޮތުގައި، "ހުނަރާ މެދު ދެވަނަ ވިސްނުމަކަށް ވެސް ނުގޮހެ"ވެ. 

”ބަވަތީގައި އަހަރެންގެ ރޯލަކީ ފިޓްނަސް އިންސްޓްރަކްޓަރެއް. އެ ފިލްމް ކުޅެން އެ ކެރެކްޓާއަށް ވަނުމަށް އަހަރެން ސޯޅަ ކިލޯ ދުއްވާލިން [ހިކުނު]،" އިފްނާޒް ބުންޏެވެ.

"އެވަރުން ވެސް އެ ކެރެކްޓާއަށް އަހަރެން ކަމުދޭތޯ މީހުން ސުވާލު އުފެއްދި. އެއަށް އެންމެ ރީތި ޖަވާބެއް ދިނީ އިލްޔާސް. އޭނާ ބުނީ ރީތި ބޮޑީއެއް ހުރެފައި އެކްޓް ނުކުރެވޭ މީހެއްގެ ބަދަލުގައި އެކްޓް ކުރެވޭ އެކްޓިން ޕޮޓެންޝަލް ހުރި މީހެއް މާ ރަނގަޅޭ.“     

އިފްނާޒް: ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަކީ މިހާރުގެ އުއްމީދު

އެކްޓަރެއްގެ ގޮތުގައި ކުރިއަށް ދާނެ ފުރުސަތުތައް އޭނައަށް މިހާރު ވަނީ އިތުރުވެފަ އެވެ. ގިނަ މީހުންނަށް ފިލްމީ ދާއިރާއަކީ ޕާޓް ޓައިމް މަސައްކަތެކެވެ. ނަމަވެސް އިފްނާޒު ހުންނަނީ އެކަމަށް ހުސްވެގެންނެވެ. 

އިލްޔާސް ވަހީދުގެ ދެވަނަ ފިލްމު ”ނީނާ“ ބެލުންތެރިންނާ ހަމައަށް ވަރަށް އަވަހަށް އަންނާނެ އެވެ. ބައިސްކޯފްގައި މި ފަހުން ރިލީޒްކުރި ”މަޒްލޫމް“ ގައި އިފްނާޒްގެ ވަރަށް ރަނގަޅު ޝަހުސިއްޔަތެއް ފެނުނެވެ. 

ކުރީގެ ފިލްމުތަކުގައި އޮންނަ ލަވް ޓްރެއިންގަލް ވާހަކަތަކަށް ވުރެ ބޮޑަށް މިހާރުގެ ޒުވާން އޯޑިއަންސަށް ކަމުދަނީ ބޮޑަށް ކްރައިމް ތްރިލާ ނުވަތަ އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް ބިނާކުރާ އުފެއްދުންތަކެވެ.   

އިފްނާޒް: ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެވިދާނެ ކަމަށް ބުނި

 "ކެރެކްޓާ ތެރެއަށް ވަންނަން އަހަންނަކަށް އުދަނގުލެއް ނޫން. ކޮންމެ ކަހަލަ ރޯލެއް ކުޅެން ވެސް ޖެހިލުމެއްނުވޭ،" އިފްނާޒް ބުންޏެވެ.

"އުދަނގޫ ރޯލަކަަށް ވާނެ ފިރިހެނުންނަށް މާ ބޮޑަށް ރޯ ސީންތައް ދައްކަން. ސަބަބަކީ އާއްމު ދިރިއުޅުމުގައި ފިރިހެނުންނަކީ ނުރޯ ބައެއް ކަމަށް މުޖުތަމައުއަށް ދައްކަން ޖެހޭ ގަބޫލުކުރުންތަކާ ހެދި އޭތި ބްލޮކް ކުރަން ޖެހިފައި އޮންނަނީ.“

އުއްމީދެއް އޮތިއްޔާ ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭނެކަން، އިފްނާޒް ގަބޫކުކުރެ އެވެ. އެކަން އޭނާ އަންނަނީ ސާބިތުކޮށްދެމުންނެވެ. ކުޑައިރުގެ ވިސްނުން އޮތީ އާންމުންނަށް އެނގޭ މީހަކަށް ނުވެ، ދިރިއުޅުން ކުރިއަށް ގެންދާށެވެ. އެކަމަކު މިހާރު އޭނާއަކީ މަޝްހޫރު ވަމުން އަންނަ ނަމެކެވެ. ހިނިގަނޑެއް ޖަހާލަމުން ބުނީ "ކުޑައިރުގެ ވިސްނުން އެއްކޮށް ބަދަލުވެއްޖެ" ކަމަށެވެ.

"ފިލްމީ ދާއިރާގައި ވީހާވެސް މައްޗަކަށް ދާން މިހާރު ބޭނުންވަނީ،" އިފްނާޒް ބުންޏެވެ. 

ކޮމެންޓް (1)

މުންކޮ 5ފީޓް 7އިންޗި

7 ސެޕްޓެމްބަރު 2021
ކާމިޔާބަށް އެދެން.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް