ޓެޓޯލްގެ ދިވެހިވަންތަ ވަގުތީ ޓެޓޫ ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭނެ (ފޮޓޯ/ޓެޓޯލް)

ލިވިން

ޓެޓޯލްގެ ޓެޓޫ: މިއީ ދިވެހިވަންތަ ސަޅި ޓެޓޫއެއް

ޓެޓޯލްއަކީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ އަދި ރާއްޖެ ޒަމާނީ ގޮތަކަށް ތަމްސީލު ކުރާ ޓެޓޫ ސްޓިކާ އުފައްދާ ބްރޭންޑެއް
20 އޭޕްރީލު 2026
15

ފަހަރެއްގައި މީހަކު 'ޓެޓޫ'އޭ ބުނުމުން އެންމެ ފުރަތަމަ ވިސްނޭނީ ކައްޓަކުން ހަންގަނޑުގައި ޖަހާ ދާއިމީ ކުރެހުންތަކެކެވެ. އެކަމަކު ޓެޓޫއެއް ހަލާލު ގޮތަކަށް އަދި ފަސޭހައިން ފޮހެލެވޭ ގޮތަށް މިހާރު ޖަހާލެވެ އެވެ.

ދިވެހި ބްރޭންޑު 'ޓެޓޯލް' އިން އުފައްދާ ނަލަ އެކި ވައްތަރުގެ ވަގުތީ ޓެޓޫ ސްޓިކާތަކަކީ ޗުއްޓީއެއް ހޭދަކޮށްލަން ނުވަތަ އުފާވެރި މުނާސަބަތެއް ފާހަގަކޮށްލަން ބޭނުންކުރެވޭނެ ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ.

މިދިޔަ އަހަރު ތައާރަފްކުރި ދިވެހި ބްރޭންޑު 'ޓެޓޯލް' އަންނަނީ އާންމުންގެ ތެރޭގައި މަގުބޫލު ވަމުންނެވެ. ސަބަބު ވަރަށް ސާފެވެ. މިއީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ނަލަކަން ތަމްސީލު ކުރާ ޑިޒައިންތަކެއް އެކުލެވޭ ރާއްޖޭގެ ފުރަތަމަ ޓެމްޕޮރަރީ ޓެޓޫ ސްޓިކާ ބްރޭންޑެވެ. 

'ޓެޓޯލް' މި ނަން ވެސް ބްރޭންޑާ އެއްގޮތަށް ތަފާތެވެ. އިނގިރޭސި ބަހުގެ 'އެޓޯލް' އަކީ ދިވެހި ލަފުޒު 'އަތޮޅު'ން އައިސްފައިވާ ލަފުޒަކަށް ވެފައި ރާއްޖެ ރަމްޒުކުރާ ޓެޓޫތަކެއް ކަން 'ޓެޓޮލް'ގެ ނަމުން ވަރަށް ފަސޭހައިން ދޭހަވެ އެވެ. 

'ޓެޓޯލް'ގެ ވަގުތީ ޓެޓޫ ސްޓިކާތައް ޗުއްޓީއެއް ހޭދަކޮށްލަން ނުވަތަ އުފާވެރި މުނާސަބަތެއް ފާހަގަ ކޮށްލަން ވަރަށް އެކަށީގެންވޭ. (ފޮޓޯ/ޓެޓޯލް)

ޓެޓޯލްގެ ފަހަތުގައި ހުރި ހީވާގި ފަންނުވެރިޔަކީ މަރިޔަމް ނަޒީހާ ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ނަޒީ އެވެ. 'ޓެޓޯލް' އަކީ ނަޒީހާގެ މުޅިން އާ ބްރޭންޑެއް ކަމުގައިވިއަސް އޭނާގެ ފަންނުވެރި އެކި ހުނަރުތައް ދަންނަ އެތައް ބަޔަކު ވެ އެވެ. 

ނަޒީހާ ފަންނުވެރި ދާއިރާގައި އުޅޭތާ މިހާރު 20 އަހަރަށް ވުރެ ގިނަ ވެއްޖެ އެވެ. އޭނާ ވަނީ އުމުރުން އެންމެ 13 އަހަރުގައި 'ހެނާ އާޓް' އަޅަން ފަށައިފަ އެވެ. އަދި ކުރެހުމުގެ މައުރަޒުތަކުގައި އޭނާގެ ކުރެހުމުގެ ހުނަރު ދައްކާލުމުގެ އިތުރުން މީރު އަދި ނަލަ ކޭކު ވެސް އެކި މުނާސަބަތުތަކަށް އޯޑަރަށް އަޅައިދިނެވެ. ނަޒީހާގެ ހުނަރާއި މަސައްކަތްތެރިކަން އެންމެ ކެޓެގަރީއަކަށް ލުމަކީ އޭނައަށް ކުރެވޭނެ ބޭއިންސާފެކެވެ.

'ޓެޓޯލް' އަކީ ނަޒީހާގެ މުޅިން އާ ބްރޭންޑެއް ކަމުގައިވިޔަސް އޭނާގެ ފަންނުވެރި ހުނަރުތައް ގިނަ. (ފޮޓޯ/ޓެޓޯލް)

ނަޒީހާގެ ހުނަރުތަކުގެ ތެރެއިން އެންމެ ވިދާލީ އޭނާގެ 'ހެނާ އާޓް' އެވެ. އެކަމުގައި އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަ ކޮށްފައިވާއިރު، 'ހެނާ އާޓް' ނުވަތަ 'ބޮޑީ އާޓް'އަށް ނަޒީހާ އަކީ މިހާރު މާހިރެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެހެންކަމުން އޭނާ ފަރުމާކޮށްފައިވާ ދިވެހިވަންތަ އަމިއްލަ ޑިޒައިންތަކެއް އެކުލެވޭ ޓެޓޫތަކެއް ނެރުމަކީ ނަޒީހާގެ ފަންނުވެރި ދަތުރުގައި އެޅި އެކަށީގެންވާ ފިޔަވަޅެކެވެ.

ޓެޓޯލްގެ ދިވެހިވަންތަ ވަގުތީ ޓެޓޫ ކޮންމެ މީހަކަށް ވެސް ފަަސޭހައިން ބޭނުން ކޮށްލެވިދާނެ (ފޮޓޯ/ޓެޓޯލް)

"ބޭނުންވީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ އަދި ޗުއްޓީއަކަށް ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދާ ނަމަ ފަސޭހައިން ޖަހާލެވޭނެ އެއްޗެއް އުފައްދަން. އެއީ ކޮންމެ ފަހަރަކު ހެނާ އާޓްއެއް ކުރަހާލަން ވަގުތު ނުލިބިދާނެ އަދި ބައެއް ފަހަރު އެބަ ބޭނުންވޭ ދިވެހިވަންތަ ޑިޒައިންއެއް ޖަހާލަން. އެހެންވެ ހެނާ އާޓް ގޮތަށް ޓެމްޕޮރަރީ ޓެޓޫއެއް ޖަހާލެވޭ، ތަފާތު އަދި ދިވެހިވަންތަ އެއްޗެއް އުފެއްދީ،" ނަޒީހާ ކިޔައިދިނެވެ.

މިދިޔަ އަހަރު ތައާރަފްކުރި ދިވެހި އަމިއްލަ ބްރޭންޑު 'ޓެޓޯލް' އަންނަނީ މަގުބޫލު ވަމުން.

ވަގުތީ ޓެޓޫ ސްޓިކާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު، އަދި އެކި މުނާސަބަތުތަކަށް މީހުން އާންމުކޮށް ބޭނުން ކުރާ އެއްޗެކެވެ. އެކަމަކު ދިވެހިންގެ މުއްސަނދި ސަގާފީ ޑިޒައިންތަކުން ހިޔާލު ހޯދައިގެން އުފައްދާފައިވާ ޓެޓޫ ސްޓިކާއެއް ބާޒާރުން ލިބެން ނެތްކަން ނަޒީހާއަށް ފާހަގަވި އެވެ. ޓެޓޯލްއަށް ނަޒީހާ ފަރުމާކޮށްފައިވާ ޑިޒައިންތައް ތައްޔާރުކޮށްފައިވަނީ ސަގާފީ އަދި ޒަމާނީ ކަންކަން ގުޅުވާލައިގެންނެވެ. އަދި އެއީ ކޮންމެ ދުވަހަކާ ވެސް ގުޅޭ، ޖަހާލަން ފަސޭހަ ޓެޓޫތަކެކެވެ. 

ޓެޓޯލްގެ ޓެޓޫތައް ދިވެހިވަންތަ (ފޮޓޯ/ޓެޓޯލް)

އެކަމަކު އުފެއްދުންތެރިންނަށް ފުރިހަމަ އުފެއްދުމެއް ތައްޔާރުކުރަން ގިނަ ގޮންޖެހުންތަކަކާ އަބަދުވެސް ކުރިމަތިލާންޖެހެ އެވެ.

ނަޒީހާ ޓެޓޯލްގެ މަސައްކަތް ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. ނެރެން ބޭނުންވާ ޑިޒައިންތައް ވިސްނާފައި ކުރެހުމުގެ އިތުރުން، އެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ކުރިން އެތައް ފަހަރަކު ޓެސްޓު ކުރަން ޖެހުނެވެ. ކޮންމެ އެއްޗެއް ގެންނަން ޖެހެނީ ބޭރުން އިމްޕޯޓު ކޮށްގެނެވެ. ނަޒީހާ ބުނިގޮތުގައި ބޮލުގައި ރާވާފައި ހުރި ޑިޒައިންތައް ހަގީގީ އުފެއްދުމެއްގެ ގޮތުގައި ނެރުމަކީ ފަސޭހަ ކަމެއް ނޫނެވެ. 

ނަމަވެސް ނަޒީހާގެ މިންނެތް މަސައްކަތުން ލިބުނު ނަތީޖާ ފޮންޏެވެ. އޭނާ ބުނިގޮތުގައި އެންމެ އުފާވަނީ ޓެޓޯލް ބޭނުންކުރި މީހުންނާއި އެކި ފަރާތްތަކުން ލިބުނު ތައުރީފާ މެދު އެވެ. ގިނަ މީހުން ބުނި ގޮތުގައި ސަގާފީ ޑިޒައިންތަކެއް އެކުލެވޭ އުފެއްދުމެއް 'ވެއަރަބަލް އާޓް'ގެ ގޮތުގައި ލިބެން ހުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. 

ނަލަ ހެނާ ޑިޒައިންތައް ވެސް 'ކަސްޓަމް' ސްޓައިލްތަކަށް ނަޒީހާ އަޅައިދޭ (ފޮޓޯ/ޓެޓޯލް)

ޓެޓޯލްގެ ޓެޓޫ ސްޓިކާ ގަންނަން ބޭނުންވާ މީހުން އެ ބްރޭންޑުގެ އިންސްޓަގްރާމް ޕޭޖަށް މެސެޖުކުރުމުން ލިބޭނެ އެވެ.

ޓެޓޯލް އިން ވަނީ 'ޕޮޕް-އަޕް' އިވެންޓުތަކާއި ފެއާތަކުގައި ބައިވެރިވެފަ އެވެ. އިވެންޓުތަކުގައި ބައިވެރިވެ ނަޒީހާ އަންނަނީ މީހުންނަށް 'ކަސްޓަމް ހެނާ' އަޅައިދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ.

ނަޒީހާ ބުނިގޮތުގައި ޓެޓޯލް އަކީ އަނެއްކާވެސް އާ ފެށުމެކެވެ.

"އަޅުގަނޑު މި ކުރިއަށްދަނީ ސްޓެޕް-ބައި-ސްޓެޕް. މުސްތަގުބަލުގައި އާ ޑިޒައިންތަކުގެ އިތުރުން އާ އުފެއްދުންތައް ވެސް ފެނިގެންދާނެ، އިންޝާﷲ،" ނަޒީހާ ބުންޏެވެ. 

ކޮމެންޓް (15)

ކޮސް

21 އޭޕްރީލު 2026
ޓެޓޫ ޖެހުމަށް ހިތްވަރު ދިނުމަކީ ގޯހެއް. މިހާރުވެސް ބާރަށު ޝުޖާ އެބައުޅޭ އެބޭޅާ ބޮލުގަ މުއިއްޒު ރަމްޒު ކޮށްދޭ ޓެޓޫއެއް ޖަހަން. މިޓެޓޫ ފަރުމާކުރުން ބާރަށް ކުރިއަށް އެބަދޭ....
7 2

ދިރާސާ

21 އޭޕްރީލު 2026
މުޒާހަރާ ކުރުމާއި ، ވެރިންގެ އަބުރު ކަތިލުން މިހާރު ނޯމަލް ވެއްޖެ ،ޙުޅަނގުގެ ހުރިހާ ސިފައެއް ރާއްޖޭގައި އާންމުވެ ވެއްޖެ.. ތިޔަ ސިޓިކާ ޖަހައިގެން ޓެޓޫ ޖެހުން ހުއްދަވާ ހިސާބަށް ދާނެ.. މިއީ ކޮންމެ ކަމެއް ރާއްޖޭގައި ނޯމަލައިޒް ކުރާ ގޮތް.. ރާއްޖޭގެ ސުކޫލުތަކުންނާެއި ގޭތެރެއިން ކުދިން ތަރުބިއްޔަތު ރަނގަޅު ކުރެވެން ޖެހޭ.. ބަސްނޭހީމަ ކުދިން ގައިގައި އަނިޔާ ނުވާނެހެން ޖެހުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫން..
8 0

އައި

20 އޭޕްރީލު 2026
ހަލާލު ޓެޓޫ ހުންނަކަމެއް ނުދެނަހުރިން. ދެން ބައެއް މީހުން އެބަ ބުނޭ މީ ސްޓިކާއޭ..އެހެންވިއްޔާ ޓެޓޫއޭ ނުކިޔާނީ.
8 3

މަންޖެ

20 އޭޕްރީލު 2026
@އައި ގަޅިވިޔަސް ބޮޑުވަރު. އެއަށް އިނގިރޭސިބަހުން ކިޔާހެން އެއޮތީ ބުނެފަ. އަމިއްލައަށް ސްޓިކާކިޔައިގެން ހުރެލާ
1 6

މަބުނީ

20 އޭޕްރީލު 2026
ބަނގުރާ ހަރާންއެއްޗަކަށްވާއިރު އެ ހިކިކޮށް ބޭނުންކުރިއަސް ހަރާންވާނެ.
8 2

އަހްމަދް

20 އޭޕްރީލު 2026
ހަރާމް ނޫން ކަންކަން ހަރާމްއޭ ކިޔާ މީހުންނަކީ ކުފުރުވާ މީހުން، ވިސްނާލާ ކޮމެންޓު ކުރުމުގެ ކުރިން
3 2

ބަކުރުބެ

20 އޭޕްރީލު 2026
ތިކަހަލަ\ ަނީ ދީނުގެ ހަރާމް ކޮއްފައިވާ ކަމެއް ހަލާލް ކުރުމުގެ ބާރުވެސް ދިވެހިން ހޯދީ ާބާ؟؟
13 3

މަ ބުނީ

20 އޭޕްރީލު 2026
އަދި ހަމަ ސަޅި ކޮންމެ ކަމެއް ރަގަޅު ކަމަކަށް ނުވާނދ
20 0

މުއީޒު

20 އޭޕްރީލު 2026
ތީ ނޭގިގެން ލިޔާ އެއޗިއްސެއް ނޫން. ގަސްތުގަ މީހުން ރުޅި އެރުވުން މަގުސަދަކީ
21 2

ކަމަނަ

20 އޭޕްރީލު 2026
ތި ޕްރޮމޯޓް ކުރެވެނީ ދީނުގައު ހަރާމް ކުރައްވާފައިވާ ކަމެއް ދޯ
20 4

ޢަލި

20 އޭޕްރީލު 2026
ޢިސްޓިކާ ވެސް ހަރާމް ވޭތަ؟
10 5

ށަވިޔަނި

20 އޭޕްރީލު 2026
@ޢަލި ފުރަތަމަ ވިސްނަންވީ ކޮން މަގްސަދެއްގައި ކޮންބަޔަކު ކުރާ ކަމެއްތޯ. ތީ ހަމަ ޓެޓޫގެ މަގްސަދު ގައި ކުރާކަމެއް. ކާފަރުންގެ ސަގާފަތެއް. ދުވަސްކޮޅަކުން ޓެޓޫއަށް މީހުން ލޯބި ޖެހި އަސްލު ޓެޓޫވެސް ޖަހާނެ
18 2

ހާމިދު

20 އޭޕްރީލު 2026
@ޢަލި ހަރާމް ވަނީކަމެއް ނޭނގެ އިނގޭހާވެސް އެއްޗަކީ ނަމާދުކުރުމުގެ ކުރިން ވުޛޫ ކުރަން ޖެހޭނެކަން އިސްޓިކާއެއް ސަބަބުން ފެންނުޖެހޭނަމަ ވުޛޫ ހައްސައެއް ނުވާނެ ދެން އިނގޭނި ތިކޮޅަށް
6 1

ކޭތަ

20 އޭޕްރީލު 2026
ނަޒީހާ އައް ނޭނގޭ ހަރާމެއް ހަލާލެއް ވަކިކުރަން އޭނާ ވީ އިސްލާމް ދީނައް ވައްދާކައްނު
29 7

އައިރިން

20 އޭޕްރީލު 2026
ތި ޕްރޮމޯޓް ކުރެވެނީ އަހަރުމެން މުސްލިމުންނަށް ހަރާން ކުރައްވާފައިވާ ކަމެއް. ކުރާ ހުރިހާ ކަމަކާމެދު ޖަވާބު ދާރީވާން ޖެހޭ ދުވަހެއް އަންނަކަން ހަނދާން ކުރަން އެބަ ޖެހޭ
36 7

އިތުރު އާޓިކަލް

އިތުރު އާޓިކަލް