އިންސާނުންގެ ޖަޒުބާތުތަކާ ކުޅޭ މިފަދަ ކުރު ވީޑިއޯތައް ވަނީ ބެލުންތެރިންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދައިފައި.
'އޭއައި ފްރުޓް ޑްރާމާ': ދިވެހިން ވެސް މީގެ އަވައިގައި ޖެހިއްޖެ
މިފަހަކަށް އައިސް އަޅުގަނޑުގެ ރަހުމަތްތެރިން އެ މީހުންގެ ސޯޝަލް މީޑިއާ ޕޭޖުތަކުގެ ސްޓޯރީޒްގައި ކޮންމެވެސް 'ސްޓްރޯބެރީނާ' އަކާއި 'ބަނާނީޓޯ'އެއް ވަރިވާ ވާހަކަ، ނޫނީ 'ސްޓްރޯބެރީ'އެއް އޭނާގެ ލޯބިވެރިޔާ 'ބަނާނާ'އަށް 'އެޕަލް'އެއް ދޫކޮށްލި ވާހަކަ ހިއްސާ ކުރާތަން ގިނައިން ފެންނަން ފެށި އެވެ. އެ މީހުން މި މޭވާތަކުގެ ޑްރާމާ ވަރަށް ގަޔާވެގެން ބަލާ ކަމަށް ވެސް ބުނެ އެވެ. މިއީ ދެވިހިފާ ކޮންޓެންޓަކަށް ވެސް ވެއްޖެކަން ފާހަގަވި އެވެ. ދެން މިކަން އަޅުގަނޑު ވެސް ބަލާލަން ބޭނުންވި އެވެ.
ޓިކްޓޮކްގައި 'އޭއައި ފްރުޓް ޑްރާމާ' ނުވަތަ 'އޭއައި ފްރުޓް ސްޓޯރީޒް'އޭ ޖަހާލުމުން އެތައް ސަތޭކަ ވީޑިއޯއެއް ދައްކަ އެވެ. އެ ފެނުމުން އަޖައިބުވިއޭ ބުނުން ދޮގަކަށް ނުވާނެ އެވެ.
ސްޓްރޯބެރީނާ، ބަނާނީޓޯ، ރާސްބެރީޓާ: މިއީ ކޮން ކަމެއްތަ؟
ޓިކްޓޮކްއިން ފެނުނު އެއް ވީޑިއޯއެއްގައި ދައްކަނީ ހިޔާލީ ދުނިޔެއެއްގައި ސްޓްރޯބެރީނާގެ ލޯބިވެރިޔާ ސްޓްރޯބަޓޯގެ ކުރީގެ ލޯބިވެރިޔާ ޗޮކޮލަޓިނާ، ސްޓްރޯބެރީނާގެ ކައިވެނި ހެދުން ވަގަށް ނަގާ ތަނެވެ. ދެން ފެށެނީ 'ކަސޯޓީ' ފަދަ ހިންދީ ޑްރާމާތަކާ އެއްވަރުގެ ޖަޒުބާތީ ޑްރާމާއެކެވެ. ސްޓްރޯބެރީނާ ގިސްލާފަ ރޯ ތަން ފެނެ އެވެ. އަދި ސްޓްރޯބަޓޯ އޭނާގެ ފަހަތުން ހަޅޭއްލަވަމުން ދުވާ ތަނާއި ޗޮކޮލެޓިނާ އެކި ގޮތްގޮތަށް އެ ކައިވެނި ރޫޅާލަން މަސައްކަތް ކުރާތަން ދައްކަ އެވެ.
މިއީ 'އޭއައި ފްރުޓް ސްޓޯރީޒް' ކިޔާ ޓިކްޓޮކް ޕޭޖަކުން ނެރެފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯ ވަނީ 56.9 ހާސް މީހުން ބަލާފަ އެވެ. އަދި 250.5 ހާސް މީހުން 'އޭއައި ފްރުޓް ސްޓޯރީޒް' ޕޭޖު ފޮލޯ ކޮށްފައި، 5 މިލިއަނަށް ވުރެން ގިނަ ލައިކްސް މުޅިއެކު ލިބިފައި ވެ އެވެ.
@ai.fruit.stories Part 4 : The Wedding Secret #aifruitstories #talkingfood #brainrot #foodstory #strawberry ♬ original sound - Ai Fruit Stories
މިއީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ 'އެންތުރޮޕޮމޯފިކް' ނުވަތަ އިންސާނުންގެ ހަރަކާތްތަކާއި މޫނުގެ ސިފަތައް ގެނެސްދީފައިވާ ކެރެކްޓަރުތަކެއް ބޭނުންކޮށްގެން ނެރޭ ވާހަކަތަކެކެވެ. ޓިކްޓޮކް، ޝޯޓްސް އަދި ރީލްސް އިން ފެންނަ މި ކުރު ކްލިޕްތަކުގައި ގިނަ ފަހަރަށް ދައްކަނީ އިންސާނުންގެ ސިފަތައް ހުންނަ މޭވާ (ބައެއް ފަހަރު ތަރުކާރީ ނޫނީ އެކި ވައްތަރުގެ ކާބޯތަކެތި) އެވެ.
ގިނަ ބަޔަކު ބުނާގޮތުގައި މިއީ 'އޭއައި ސްލޮޕް' ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާ ފެންވަރު ދަށް ކޮންޓެންޓުގެ، އަނެއްކާވެސް އާ ވައްތަރެކެވެ. އެކަމަކު މި ކުރު ވީޑިއޯތައް ވަނީ ބެލުންތެރިންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދައިފަ އެވެ.
މިކަހަލަ އޭއައި ފްރުޓް ޑްރާމާއަށް މަގުބޫލުވި އެއް ޕޭޖު ކަމަށްވާ 'ފްރުޓް ލަވް އައިލެންޑް' މިދިޔަ މަހު 13ގައި ނެރެ، 28އާ ހަމައަށް ވޭތުވި އެންމެ ނުވަ ދުވަހުގެ ތެރޭގައި އެ ޕޭޖަށް 3 މިލިއަން ފޮލޯވަރުންއާއި 300 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައި ވެ އެވެ.
@cartooncatswithdianaroma 😭 Husband Kicked Out His Wife and Little Daughter But A Happy Life Awaiting Them.🍋 💪 #foodstory #fruit #fruitaidrama #sadstory #fyp ♬ original sound - Cartoon Cats with Diana Roma
ގިނަ ދިވެހިންގެ ތެރޭގައި ވެސް އޭއައި ފްރުޓް ޑްރާމާ މަގުބޫލު ވެއްޖެ އެވެ. މި ކުރު ޑްރާމާތަކުގައި އުޅޭ މަޖާ ކެރެކްޓަރުތައް އިންސާނުން ކުރާ ކަންތައްތަކާއި އާއިލާ އަދި ލޯބިވެރިންގެ ތެރޭގައި ޖެހޭ މައްސަލަތައް މަޖާ އަދި ޖަޒުބާތީ ވައްޓަފާޅިއަކަށް ކުޅެ ދައްކަ އެވެ.
އޭއައި ފްރުޓް ޑްރާމާ އިންސާނުންގެ ނަފްސާނީ ސިފަތަކާ ކުޅޭ
މިކަހަލަ އޭއައި ވީޑިއޯތައް ފެށުނީ މޭވާތަކެއް ވާހަކަ ދައްކާ ވީޑިއޯތަކަކުންނެއް ނޫން ކަމަށް ޑިޖިޓަލް ސްޓްރެޓެޖިސްޓު އަދި ޓްރެންޑު ކިއުރޭޓަރު ފަނާ ޔޮހަންސް ބުންޏެވެ. އޭނާ ބުނިގޮތުގައި މިކަހަލަ އޭއައި ޖެނެރޭޓެޑް ކަސްޓަމް ވީޑިއޯތައް ފެށުނީ 'ލައިފް ހެކް' ވީޑިއޯތަކަކުން، މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ. އެއީ 'އެންތުރޮޕޮމޮފައިޒްޑް' ގޭތެރޭ ސާމާނުން ބަދިގެ ނުވަތަ ގޭތެރެ ސާފުތާހިރު ކުރެވޭނެ ފަސޭހަ އުކުޅުތައް ކިޔައިދޭ ވީޑިއޯތަކުންނެވެ. އެކަހަލަ ވީޑިއޯތަކަށް ގިނަ އަދަދެއްގެ ފޮލޮވަރުންނާއި ވިއުޒް ލިބެމުން އަ އެވެ.
@sensefulhub Aluminum foil has a lot more use cases than you think. #aluminum #aluminumfoil #dailyhacks #lifehacks #household ♬ original sound - Lifehacks
އެކަމަކު މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި، ބޭނުންތެރި ނަސޭހަތްތަކެއް ދޭ ވީޑިއޯތަކުގެ ބަދަލުގައި، އިންސާނުންގެ އިހުސާސްތައް (މާޔޫސްކަން، ބިރުވެރިކަން، ވަފާތެރިކަން) ދައްކުވައިދޭ ވާހަކަތަކަށް ބަދަލުވަމުންދާ މަންޒަރު ޔޮހަންސްއަށް ފާހަގަކުރެވުނެވެ. އެ ޑްރާމާތައް ބޮޑަށް ޖަޒުބާތީވާ ވަރަކަށް އެ ޕޯސްޓް ވައިރަލް ވެގެން ދެ އެވެ.
"ހީވަނީ ބޭނުންތެރި ފިލާވަޅުތަކެއް ގެނެސްދޭ ކޮންޓެންޓް އުފެއްދުމުގެ ބަދަލުގައި އަވަސް ފައިދާއެއް ހޯދައި އެންގޭޖްމަންޓް އުފެއްދުމަށް ބޭނުންކުރާ އެއްޗަކަށް ބަދަލުވީ ހެން،" އޭނާ ބުންޏެވެ. އަދި މި ކަހަލަ ކޮންޓެންޓް އުފެއްދުމަށް ވަރަށް ފުރިހަމަ ފޯމިއުލާއެއް އެބަ އޮތް ކަމަށާއި އެކަހަލަ ކޮންޓެންޓް އުފެއްދުމަށް އެއްވެސް ހުރަހެއް ނެތްކަން ވެސް އޭނާ ފާހަގަ ކުރި އެވެ.
އިންޓަނެޓުގެ ތާރީހުގައި އެންމެ މަގުބޫލު ވާހަކަތަކަކީ އަބަދުވެސް ބިރުވެރިކަމާއި ހިތާމަ ނުވަތަ ރުޅިވެރިކަން އުފައްދައިދޭ ވާހަކަތަކެވެ. ދިރާސާތަކުން ބުނާ ގޮތުގައި އިންސާނުންގެ ސިކުނޑި އަބަދުވެސް ގަޔާ ވަނީ ޕޮޒިޓިވް ކަންތައްތަކަށްވުރެން ބޮޑަށް ނެގެޓިވް ހަބަރުތަކާއި ވާހަކަތަކަށެވެ. އަދި އަޅުގަނޑުމެންގެ އިހުސާސުތަކަށް ފުންކޮށް އަސަރުކުރާ ވާހަކަތައް ހޯދަ އެވެ. ދޮން ކަރައެއް އޭނާގެ ފުރާނައަށް އެދި ރޯ މަންޒަރު ފެނުމުން އެއީ 'ފޭކ'ް އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގެ އެވެ. އެކަމަކު އަޅުގަނޑުމެންގެ ސިކުނޑިއަށް އެކަން ވަގުތުން ދެނެގަނެވިފައި ނެތުމުން ގިނަ މީހުންނަށް 'ލޯބި' ސިފަޔަކަށް ހުންނަ އެއްޗެއް ރޯ މަންޒަރު ފެނުމުން ދެރަވެ އެވެ. އަދި އެ މަންޒަރު ފެނުމުން ފުން އިހުސާސުތަކެއް ކުރެވެ އެވެ.
@graceandmattt The greatest love story of our time 🍌🍎🍓 #aifruit #ai #appleton #aifruitdrama #trending ♬ Kamin - EMIN & JONY
މި ވީޑިއޯތަކަކީ އިންސާނުންގެ ސައިކޮލޮޖީގެ މައިގަނޑު ސިފަތަކަށް ނުފޫޒު ކުރާ ކޮންޓެންޓް އެވެ. އެ ކޮންޓެންޓުތަކުން ދައްކަނީ ނުރަނގަޅު، ނޭދެވޭ ކަންތައްތަކެއް ކަމަށްވިއަސް ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ދެވިހިފާ ޕްލެޓްފޯމްތަކާ ގުޅިގެން މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދަ އެވެ.
ޓިކްޓޮކް އަދި އިންސްޓަގްރާމް ރީލްސް ފަދަ ކުރު ވީޑިއޯތައް މަސައްކަތް ކުރަނީ ޖުވާ ކުޅުމުގެ ނިޒާމުތަކުގައި ބޭނުންކުރާ އުސޫލުތަކާ އެއްގޮތަށެވެ. އިންސާނާގެ ސިކުނޑި އަކީ ޖަޒުބާތީ އިހުސާސުތަކާއި ކުއްލިއަކަށް ބަދަލުވަމުން އަންނަ ވާހަކަތަކަށް ފަސޭހައިން އަސަރުކުރާ ގުނަވަނަކަށް ވުމުން އެކަހަލަ ވީޑިއޯތަކުން ލިބޭ 'ޑޯޕަމިން ސިގްނަލް'ތައް 'ރިވޯޑް ލާނިން' ސިސްޓަމަކަށް ވެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި 'ނިއުޓްރަލް' ވާހަކަތަކަށް ވުރެ ޖަޒުބާތީ ކޮންޓެންޓް، ހާއްސަކޮށް 'ނެގެޓިވް' ނުވަތަ ހައިރާން ކުރާ ކޮންޓެންޓް، އަޅުގަނޑުމެންގެ ސަމާލުކަން އަތުލުމުގެ ފުރުސަތު ބޮޑެވެ.
މިކަހަލަ އޭއައި ވީޑިއޯތަކުގެ ނޭދެވޭ އަސަރު ކުރިޔަށް އޮތް ޖީލުތަކަށް ކުރާނެ
އޭއައި އިން އުފައްދާ ދަށް ފެންވަރުގެ ކޮންޓެންޓު ފަދައިން ސޯޝަލް މީޑިއާގެ އެލްގޮރިދަމްތަކަކީ ވެސް ރަނގަޅު ކޮލިޓީއަށް އިސްކަމެއް ދޭ އެއްޗެއް ނޫނެވެ. އެއިން އިސްކަން ދެނީ އަޅުގަނޑުމެންގެ ސަމާލުކަން ހޯދާ ކޮންޓެންޓަށެވެ.
'ރެކޮމެންޑު' ކުރާ ވީޑިއޯތައް ދައްކަނީ އަޅުގަނޑުމެންގެ "ވޮޗް ޓައިމް،" "ކޮމްޕްލީޝަން ރޭޓް" އަދި "އިންޓަރެކްޝަން" ފަދަ މެޓްރިކްސްތަކުގެ މައްޗަށެވެ. އަދި ގިނައިން ބަލާ ކޮންޓެންޓަކަށް ލިބޭ 'ހައި އެންގޭޖްމަންޓް'ގެ ސަބަބުން އެ ބަލާ ވައްތަރުގެ ވީޑިއޯތައް އެލްގޮރިދަމް އިން އިތުރަށް ދައްކަ އެވެ.
އޭއައިގެ ނަޒަރުން ބަލާ އިރު، މި ވީޑިއޯތަކުން ދައްކުވައިދެނީ ވަރަށް މުހިއްމު ނޭދެވޭ ކަމެކެވެ. އެއީ 'ޖެނެރޭޓިވް ސިސްޓަމް'ތަކަކީ ހަމައެކަނި ކޮންޓެންޓް އުފައްދާ ނިޒާމެއް ނޫނެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އަހުލާގު މަޑުމަޑުން ބައްޓަން ކުރެ އެވެ. މިއީ އޭއައިގެ ސަބަބުން އިންސާނުންނަށް ކުރާ ނޭދެވޭ އަސަރު އަދި އަހުލާގީ ނުފޫޒު ފެންނަ އެއް ކަމެވެ.
'އޭއައި ފްރުޓް ޑްރާމާ'ތަކުން އާއްމުކޮށް ފެންނަ އެއް ކަމަކީ ލޯބިވެރިންގެ ތެރޭގައި ޖެހޭ މައްސަލަތަކެވެ. ބޭވަފާތެރިވުން އަދި ބޭވަފާތެރި ވާއިރު ކުރާ ނޭދެވޭ ކަންތައްތައް ވެސް ދައްކަ އެވެ. މީގެ އިތުރުން ހެދުން އެޅުމުގައި ވެސް ވަކި އުސޫލެއް ނޯވެ އެވެ. ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ އާއްމުކޮށް ކުޑަކުދިން ބަލާ އަދި ބޭނުންކުރާ ޕްލެޓްފޯމްތަކަށް ވެފައި، މި ޕްލެޓްފޯމްތަކުން މިކަހަލަ 'އެޑަލްޓް ކޮންޓެންޓް' ދެއްކުމަށް ސޯޝަލް މީޑިއާގައި ވަކި އުސޫލެއް، މިންގަނޑެއް ނޯވެ އެވެ. ކޮންމެ މީހަކަށް ވެސް ބަލައިލެވޭ އަދި އެއިން ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އަހުލާގީ ނުފޫޒު ފޯރުން ވެސް އެކަށީގެން ވެ އެވެ.
އާއްމުކޮށް ވެސް މިކަހަލަ 'އޭއައި ފްރުޓް ޑްރާމާ'ތަކުގައި އަންހެނުން ސިފަ ކޮށްފައި ވަނީ ބޭވަފާތެރި، ބޭކާރު ނޫނީ 'ގޯލްޑް ޑިގާޒް'ގެ ގޮތުގަ އެވެ. ގެވެށި އަނިޔާ އާއި އަންހެން ކެރެކްޓަރުންނާ މުއާމަލާތް ކުރާ ގޮތް ދައްކަނީ ވަރަށް ނޭދެވޭ ގޮތަކަށެވެ.
މިފަހުގެ ދިރާސާތަކުންނާއި ހަބަރުތަކުން ދައްކާ ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާ މިހާރު ހައިރާންވާހާ ވަރަށް އިތުރު ވެއްޖެ އެވެ. ބްރެޒިލް ފަދަ ގައުމުތަކުގައި ދާދި ފަހުން ޓިކްޓޮކްގައި ވައިރަލް ވަމުން އައި ކޮންޓެންޓަކީ، އަންހެން ލޯބިވެރިޔަކު ނޫނެކޭ ބުނެފި ނަމަ އެ ފިރިހެނަކު އޭނާގެ ގަޔަށް ވަޅި ޖަހައި އަދި އަނިޔާ ކުރަން ޓްރެއިން ވުމެވެ. މިދިޔަ އަހަރު ބްރެޒިލްގައި އެކަނި 1،586 އަންހެނުން މިކަހަލަ ހާދިސާތަކުގައި މަރާލާފައި ވެ އެވެ. މިއީ ބްރެޒިލްގައި މިހާތަނަށް މިކަހަލަ އަނިޔާ ކުރި ރެކޯޑު މިންވަރެވެ.
'އޭއައި ފްރުޓް ޑްރާމާ' ތަކުން ގެނެސްދޭ ދަށް ފެންވަރުގެ މަންޒަރުތަކުން އިހުޒަމާނުގެ 'ޖެންޑާ ސްޓީރިއޯޓައިޕް' ހިޔާލުތަކަށް އާ ދިރުމެއް ގެނެސްދީފި އެވެ. އަދި މާ ބޮޑު ވިސްނުމެއް ނެތި އެ ކޮންޓެންޓު ބެލުމަށް ފަހު ހިއްސާ ކުރުމަކީ ވެސް ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު އެއީ މި ކަހަލަ އަހުލާގު އަދި ހިޔާލުތައް ކުރިއަރުވާ، ނޭދެވޭ ކަމެކެވެ.
ދެން ހަދާނީ ކިހިނެއް؟
ފުރަތަމަ ކަމަކަށް އާޓިފިޝަލް އިންޓެލިޖެންސްގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނަށް ސިފަ ވަނީ އެންމެ ޒަމާނީ އީޖާދުތަކާއި އޭއައި-ޖެނެރޭޓެޑް ވިޝުއަލްސް އާއި ވާޗުއަލް އެސިސްޓެންޓުންގެ ތަސައްވުރެވެ. އެކަމަކު މި ޑިޖިޓަލް ޖާދޫގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ މެދު ވިސްނާލިން ހެއްޔެވެ؟ އެންމެ އޭއައި ތަސްވީރެއް އުފައްދަން ބައި ލީޓަރުގެ ފެން ބޭނުންކުރެ އެވެ. އަދި މިހާރު އަޅުގަނޑުމެންގެ ފޯނުން ނުވަތަ ޑެސްކްޓޮޕްއިން އޭއައި އިން އުފައްދާފައިވާ އެއްޗެއް ނުފެނި ދާ ދުވަހެއް ނޯވެ އެވެ. ގިނަ ފަހަރަށް އެއީ 'އޭއައި ފްރުޓް ޑްރާމާ' ފަދަ 'އޭއައި ސްލޮޕް' އެވެ. މުޅިން ބޭކާރު ވީޑިއޯ އާއި ފޮޓޯތަކެވެ.
އެކަމަކު މުސްތަގުބަލުގައި އޭއައި ހިމެނޭއިރު އެއިން ސަލާމަތް ވެވޭނެ ގޮތެއް ދެނެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި މިކަހަލަ 'އޭއައި ސްލޮޕް' ނުވަތަ 'ބްރެއިން ރޮޓް' އަދި ކުރިއަށް އޮތްތާ ވެސް ފެންނާނެކަން ޔަގީނެވެ.
އަދި ސޯޝަލް މީޑިއާއާ މުޅިން ދުރުހެލިވުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ތިމާއަށް ގެނެވޭނެ އަހުލާގީ ކުދިކުދި ބަދަލުތަކުގެ ސަބަބުން އޭއައި އިން އުފައްދާ 'ބްރެއިން ރޮޓް'ގެ ނުފޫޒު ކުޑަ ކުރެވިދާނެ އެވެ.
އެއް ގޮތަކީ އަނެއް ވީޑިއޯއަށް 'ސްކްރޯލް'ކޮށް ދިއުމުގެ ކުރިން މަޑުޖެހުމެއް ތައާރަފު ކުރުމެވެ. ހިނދުކޮޅެއްގެ މެދުކެނޑުމަކުން ވެސް ސިކުނޑީގައިވާ 'ރިވޯޑް ލޫޕް' ބަލިކަށިވެ އެވެ. ފޯނު ދުރުކޮށްލުން ބުއްދިވެރި އެވެ.
"މިއީ ބޭކާރު ވީޑިއޯއެއް" ނުވަތަ "އާދަޔާހިލާފު ކޮންޓެންޓެއް" ކަމަށް އަމިއްލަ ނަފްސަށް ހީވާ ނަމަ ބެލުން ހުއްޓާލާށެވެ. އަދި ބައެއް ހާލަތްތަކުގައި މުޅިން ފޯނާ ދުރުވެ، 'ޑިޖިޓަލް ޑިޓޮކްސް'އެއް ކުރުމަކީ ބުއްދިވެރި ކަމެކެވެ.
'އޭއައި ފްރުޓް' ކޮންޓެންޓްތަކަކީ ވަރަށް އާދައިގެ އަދި މުހިއްމު ކަމެއް ނެތް ވީޑިއޯތަކެއް ކަމަށް ހީވިޔަސް، އެ ވީޑިއޯތަކުން ޑިޖިޓަލް މާހައުލުގެ އަސާސީ ކަމެއް ހާމަވެގެން ދެ އެވެ. ޖެނެރެޓިވް ސިސްޓަމްތައް ބޮޑުވެ ކުރިއަރަމުން އަންނަ ވަރަކަށް އެ ސިސްޓަމްތައް އަޅުގަނޑުމެންގެ ސަމާލުކަން އިތުރަށް އަތުލައިގަންނާނެ ގޮތްތައް ވެސް ހޯދަ އެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރަމުން އަންނަ ނަފްސާނީ ނުފޫޒުގެ ފަހަތުގައިވާ ސައިކޮލޮޖީ ދެނެގަތުން އެއީ މިކަމާ ދެކޮޅު ހެދުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.
.
ކޮމެންޓް (1)
123ހޔަަަދދދ