އާޓިސްޓު ހުސެއިން އަލިމަނިކު ފުރަތަމަ އަމިއްލަ މައުރަޒު 'ވިވިޑް ރިއަލިޒަމް' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާޓް

އާޓިސްޓު ހުސެއިން އަލިމަނިކުގެ ފުރަތަމަ އަމިއްލަ މައުރަޒު 'ވިވިޑް ރިއަލިޒަމް' ގައުމީ އާޓް ގެލެރީގައި

މިއީ ރާއްޖޭގެ އާޓް ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ހުސެއިންގެ ޑިޖިޓަލް މިކްސްޑް މީޑިއާ ކުރެހުންތަކެއް ދައްކާލާ މައުރަޒެއް
28 ޖެނުއަރީ 2026
1

މިދިޔަ ހުކުރު ދުވަހު ގައުމީ އާޓް ގެލެރީގައި ހުޅުވި ކުރެހުމުގެ މައުރަޒު 'ވިވިޑް ރިއަލިޒަމް' އަކީ ރާއްޖޭގެ މަޝްހޫރު އާޓިސްޓު ހުސެއިން އަލިމަނިކުގެ ފުރަތަމަ އަމިއްލަ މައުރަޒެވެ. ބޮޑުކޮށް ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. އަދި ރަސްމިއްޔާތުގައި ނެޝަނަލް ސެންޓަ ފޮ ދި އާޓްސްގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ އާޓިސްޓުންނާއި ފަންނުވެރިން އަދި ހުސެއިންގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުން ބައިވެރިވި އެވެ.

މައުރަޒުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ކެންވާސްއަށް ޕްރިންޓުކޮށްފައިވާ ކުލަގަދަ ތިރީހަކަށް ޑިޖިޓަލް ކުރެހުން މި މައުރަޒުގައި ހިމެނޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ހުސެއިން މި މައުރަޒުގައި ދައްކާލަނީ ޑިޖިޓަލް މިކްސްޑް މީޑިއާ އާޓް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
'ވިވިޑް ރިއަލިޒަމް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ވިވިޑް ރިއަލިޒަމް' އަކީ ރާއްޖޭގެ އާޓް ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ހުސެއިންގެ ޑިޖިޓަލް މިކްސްޑް މީޑިއާ ކުރެހުންތަކެއް ދައްކާލާ މައުރަޒެކެވެ. ކެންވާސްގައި ޕްރިންޓުކޮށްފައި ހުރި ކުލަގަދަ ތިރީހަކަށް ޑިޖިޓަލް ކުރެހުން މައުރަޒުގައި ހިމެނެ އެވެ.

މައުރަޒު ކިއުރޭޓު ކުރި ޒުރެއިކް ވާފިރު ބުނިގޮތުގައި މައުރަޒު ބަލަން ދާ މީހުންނަށް ރާއްޖޭގެ އެކި ކަންކަން އެ ކުރެހުންތަކުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އިހުގެ ސަގާފީ ކަންކަމުން ފެށިގެން މަސްވެރިކަމާއި ސަގާފީ އަތްތެރި މަސައްކަތާއި މިއުޒިކް އާއި ރާއްޖޭގެ ތާރީހުން ފާހަގަ ކޮށްލެވޭ ބައެއް ފަންނާނުންގެ ކުރެހުން ވެސް ހިމެނެ އެވެ.

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮތެއް ނެރުނު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
'ވިވިޑް ރިއަލިޒަމް - މައި ޖާނީ ތުރޫ ދަ ކަލާސް އޮފް އަ ނޭޝަން' އަކީ މައުރަޒަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޮތެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
'ވިވިޑް ރިއަލިޒަމް' މައުރަޒު ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރަޒުގެ ކިއުރޭޓާ ޒުރެއިކް ވާފިރު ބުނިގޮތުގައި މައުރަޒު ބަލަން ދާ މީހުންނަށް ރާއްޖޭގެ އެކި ކަންކަން ފެނިގެންދާނެ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮތެއް ވެސް ނެރުނެވެ. 'ވިވިޑް ރިއަލިޒަމް - މައި ޖާނީ ތުރޫ ދަ ކަލާސް އޮފް އަ ނޭޝަން'ގެ ނަން ދީފައިވާ އެ ފޮތުގައި، މައުރަޒުގައި ހިމެނޭ ކުރެހުންތަކާ ބެހޭ އިތުރު މައުލޫމާތާއި މިހާތަނަށް ހުސެއިން އާޓިސްޓެއް އަދި ފަންނުވެރިއެއްގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް ކިޔައިދެ އެވެ. މީގެ އިތުރުން މައުރަޒުގެ އެއް ފަޅީގައި އެ ކުރެހުންތަކުގެ ޕްރިންޓު ޖަހާފައި ހުރި އަތްދަބަހާއި ޓީޝާޓު ފަދަ ސާމާނު ވެސް ދައްކާލަ އެވެ. 

ކުރެހުންތަކުގެ ޕްރިންޓު ޖަހާފައި ހުރި އަތްދަބަހާއި ޓީޝާޓު ފަދަ ސާމާނު ވެސް މައުރަޒުގައި ދައްކާލާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރަޒަށް ހާއްސަ ފޮތެއްގެ އިތުރުން އެކި ވައްތަރުގެ ސާމާނު ވެސް ދައްކާލާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ވިވިޑް ރިއަލިޒަމް' އަކީ ހުސެއިންގެ ފުރަތަމަ އަމިއްލަ މައުރަޒު ކަމުގައި ވިޔަސް މީގެ ކުރިން ގައުމީ އަދި ބައިނަލްއަގްވާމީ މައުރަޒުތަކުގައި އޭނާގެ މަސައްކަތް ދައްކާލައިފައިވެ އެވެ.

ރާއްޖޭގެ ފުންނާބުއުސް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ހުސެއިން ވަނީ 2001ގައި ރައީސުލްޖުމްހޫރިއްޔާގެ ޔޫތު އާޓިސްޓް އެވޯޑު އަދި 2016ގައި ގައުމީ ވިޝުއަލް އާޓިސްޓުގެ އެވޯޑް ހޯދައިފަ އެވެ. އަދި 2002އިން 2005އަށް އޭނާގެ އަމިއްލަ އާޓް ގެލެރީއެއް ވެސް ހިންގި އެވެ. 

'ވިވިޑް ރިއަލިޒަމް' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރަޒުގައި ހިމެނެނީ ކުލަގަދަ ކުރެހުންތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
'ވިވިޑް ރިއަލިޒަމް' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހުސެއިންގެ ޑިޖިޓަލް މިކްސްޑް މީޑިއާ އާޓް މީގެ ކުރިން އެކި ގޮތްގޮތަށް ދައްކާލައިފައިވެ އެވެ. ގައުމީ އީ-ޕާސްޕޯޓުގައި ބޭނުންކޮށްފައިވާ ކުރެހުންތަކުގެ އިތުރުން ކުޑަކުދިންގެ ފޮތެއްގައި ވެސް ހުސެއިންގެ ޑިޖިޓަލް ކުރެހުންތަކެއް ހިމެނެ އެވެ. ނަމަވެސް ޑިޖިޓަލް އާޓްއަކީ ހުސެއިންގެ ގިނަ ހުނަރުތަކުގެ ތެރެއިން އެއް ކަމެވެ. ގައުމީ އާޓް ގެލެރީގެ ދާއިމީ ގެލެރީއަށް ބަލާލުމުން 'ޓްރެޑިޝަނަލް' މީޑިއަމްތައް ބޭނުންކޮށްފައި ހުރި ހުސެއިންގެ ކުރެހުންތަކެއް ފެންނާނެ އެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ ކުރެހުންތައް މި މައުރަޒުގައި ހިމެނޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހުސެއިން އަކީ ފެންކުލަ އާއި ތެޔޮ ކުލަ ފަދަ 'ޓްރެޑިޝަނަލް' މީޑިއަމްތަކުގެ މާހިރަކެވެ. އަދި އަތްތެރި މަސައްކަތުގެ ތެރެއިން ކަނޑާނަގާ އެކި ޑިޒައިން ވަރަށް ފުރިހަމައަށް ފަރުމާކުރެ އެވެ. އުއްމީދަކީ ދެން ބާއްވާ މައުރަޒެއްގައި ހުސެއިންގެ އެ ހުނަރުތައް ވެސް ދައްކާލުމެވެ.

'ވިވިޑް ރިއަލިޒަމް' ގައުމީ އާޓް ގެލެރީގައި މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ކޮމެންޓް (1)

ފާތްމަތް އޭއައި

28 ޖެނުއަރީ 2026
ހައިރާންވާކަމަކީ، މަތީތައުލީމް ހާސިލްކޮހްގެން އުޅޭ ބޭރު ކުދިންވެސް ބަނޑިޔާ އުފުލަންޖެހޭކަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް