މިއަދު ކުއާލަ ލަމްޕޫރުގައި އޮތް ދުވުމުގައި ބަޔަކު ދުވަނީ: ކޮންމެ އާދިއްތަދުވަހަކު މި ދުވުން ކުރިއަށް ގެންދޭ (ފޮޓޯ/ދައުރު)

ދުވުން

ދުވަމުން ގޮސް އޮޅުމަކުން ވަދެވުނީ އެތައް ސަތޭކަ ދުވުންތެރިންގެ ތެރެއަށް

އެއީ ކޮންމެ އާދިއްތަދުވަހެއްގެ ހެނދުނު 7-9އަށް ކުއާލަ ލަމްޕޫރުގެ ބޮޑެތި މަގުތައް ދުއްވާ އެއްޗިއްސަށް ބަންދުކޮށް ބާއްވާ ހަރަކާތެއް
11 ޖެނުއަރީ 2026

ދުވަން ޝައުގުވެރި މީހަކަށް މިކަހަލަ ކަމެއް ދިމާވީމާ އުފާވާނެ އެވެ. އަޅުގަނޑަކީ ދުވަން  ނުހަނު ޝައުގުވެރި އަދި ކޮންމެ ތަނެއްގައި ހުއްޓަސް ދުވެވޭތޯ ބަލާ މީހެކެވެ. ނަމަވެސް މިއަދު ދިމާވި ކަހަލަ އުފާވެރިކަމެއް، މީގެ ކުރިން ރާއްޖެއިން ބޭރަށް ކުރި އެއްވެސް ދަތުރެއްގައި، ތަޖުރިބާކުރެވިފައެއް ނެތެވެ.

ޗުއްޓީގައި މި ވަގުތު މިހުރީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގަ އެވެ. ޓްވިން ޓަވަރާ ވަރަށް ކައިރީގައި ހުރި އިމާރާތެއްގަ އެވެ. ޓްވިން ޓަވަރުގެ އެއް ފަރާތުގައި އޮންނަނީ ކޭއެލްސީސީ ޕާކެވެ. އެއީ 1.3 ކިލޯމީޓަރުގެ ދިގު ދުވާ ޓްރެކެއް އަޅާފައި އޮންނަ ޕަބްލިކް ޕާކެކެވެ. ކޮންމެ ދުވަހަކު ހެނދުނު އެތައް ސަތޭކަ ބަޔަކު ނުކުމެ، އެ ފެހިކަމުގެ ތެރޭގައި ހިނގާ/ދުވެ އުޅެ އެވެ.

އިއްޔެ ދުވަން ދިޔައީ އެ ޕާކަށެވެ. ނަމަވެސް މިއަދު ދުވަން ނުުކުމެފައި ހިތަށްއެރީ 'މިސްރާބު ބަދަލުކޮށް މަގުތަކުގައި ދުވެލަމާ ހިނގާ'ށެވެ. މެލޭޝިއާއަށް މިއީ ހަފުތާ ބަންދު އާދިއްތަ ދުވަހެވެ. އެހެންކަމުން ހެނދުނުގެ އެ ވަގުތު މަގުތަކުގެ ޓްރެފިކެއް ވެސް ނެތެވެ. ފުޅާ ދުވާރު މަތީގައި، އަޅުގަނޑު ފަދަ އެތައް ދުވުންތެރިންނެއް ދުވަމުން ދިޔަމެ އެވެ.

ދެން ކުއްލިއަކަށް ފެނުނީ އެތައް ސަތޭކަ، ފަހުން އެނގުނު ގޮތުން ނަމަ، އެތައް ހާސް ދުވުންތެރިންނެވެ. ރަސްމީ ރޭސްތަކުގައި ބޭނުންކުރާ ބިބް ނެތުމުން މިއީ ހަފުތާ ބަންދުގެ އާންމު ދުވުމެއް ކަމަށް ބެލީމެވެ. އެހެންވެ އަޅުގަނޑު އެ ދުވުންތެރިންގެ ތެރެއަށް ވަދެގަނެ، ދުވުމުގައި ބައިވެރިވީ އެވެ.

ކޭއެލް ސިޓީ ކައުންސިލުން ކޮންމެ އާދިއްތަދުވަހެއްގެ ހެނދުނު 7-9އަށް ބޮޑެތި މަގުތައް ބަންދުކޮށްލަނީ ދުވެ/ހިނގާ ހަދަން (ފޮޓޯ/ދައުރު)

އެ ބޮޑު މަގު އޮތީ އެ ދުވުމަށް ބަންދުކޮށްފަ އެވެ. ބައެއް ހިސާބުތަކުގައި މަގު ބަންދުކޮށްގެން ފުލުހުން ވެސް ތިއްބެވެ.

ނޫސްވެރިޔަކަށް ވުމާ އެކު ކަންކަން އޮޅުންފިލުވުމުގެ ޝައުގުވެރިކަން ވެސް ހުންނާނެތާ އެވެ. އެހެންވެ އެ އެއްވުމުގެ އަސްލަކީ ކޮބައިތޯ އެކި މީހުން ކައިރީގައި އަހާލީމެވެ. ބައެއް ދުވުންތެރިން ބުނީ ހަފުތާގެ އާންމު ދިގު ދުވުން ކަމަށެވެ. އެއަށް ވުރެ ގިނަ މައުލޫމާތު ދިނީ ހަތަރުއަނގޮޅިއެއްގައި ދުވުންތެރިންނަށް މަގު ދައްކަން ހުރި ޒުވާނެކެވެ. މިއީ ޖިމްއަކުން ނުވަތަ ދުވާ ޓީމަކުން ބާއްވާ ދުވުމެއްތޯ އެހީމެވެ.

އޭނާ ލައިގެން ހުރި ޓީޝާޓްގައި ބެޖެއް ހުއްޓެވެ. އެއަށް އިޝާރަތްކޮށްފައި ބުނީ ދުވުން އިންތިޒާމް ކުރަނީ އެ މީހުން ކަމަށެވެ. ނަމަކީ ދެވަން ބަންޑާރަޔާ ކުއާލަ ލަމްޕޫރެވެ. ގޫގުލްއިން ސާޗުކޮށްލުމުން އެނގުނީ އެއީ ކުއާލަ ލަމްޕޫރުގެ ސިޓީ ކައުންސިލް ކަމެވެ.

ވަކި މިސްރާބެއް ނެތި މަގުތަކުގައި ދުވަން ނުކުތް މީހަކަށް މި ވަދެވުނީ ހަގީގަތުގައި ވަރަށް އިންތިޒާމީ ގޮތެއްގައި ބާއްވާ އިޖުތިމާއީ ހަރަކާތެއްގެ ތެރެއަށެވެ. މިއީ ކޮންމެ އާދިއްތަދުވަހަކު އެ ކައުންސިލުން ކުރިއަށް ގެންދާ 'ކާރާ ނުލައި' ހެނދުނު ހޭދަކޮށްލުމުގެ ދުވުމެކެވެ. ހިނގުމެކެވެ. ބައިސްކަލް ދުއްވުމެކެވެ. މި ހަރަކާތްތައް ކުރިއަށް ދަނީ ހެނދުނު 7-9އަށެވެ. އެ ގަޑީގައި ކޭއެލްގެ މައި މަގުތައް ބަންދުކޮށްލަނީ ދުވުމަށާއި ހިނގުމަށާއި ބައިސްކަލް ދުއްވުން އަދި ސްކޭޓްކުރުމަށެވެ. އެއް ހަފުތާގައި ދުވުން އޮންނަނީ 5 ކިލޯމީޓަރަށެވެ. އަނެއް ހަފުތާގައި 7 ކިލޯމީޓަރެވެ.

"މިކަން ކުރިއަށް ގެންދާތާ މިހާރު 12 އަހަރު ވެއްޖެ،" އަޅުގަނޑާ ވާހަކަ ދެއްކި ކައުންސިލްގެ ޒުވާނާ ބުންޏެވެ.

"އަންނަ ހަފުތާގައި އޮންނާނީ ކޭއެލްސީސީ ކުރިމަތީގައި. އަންނަންވާނެ."

އަޅުގަނޑަކީ ޓޫރިސްޓެކޭ ބުނުމުން އޭނާ ހިނިތުންވެލާފައި ބުނީ "މިއަދުގެ ދުވުމުން އުފާވި ކަމަށް އުއްމީދުކުރަމޭ' އެވެ.

އާއެނކެވެ. އަޅުގަނޑު އުފާވި އެވެ. މިކަހަލަ ތަޖުރިބާއެއް މީގެ ކުރިން ކުރެވިފައެއް ނެތެވެ.

ދެން އަޅުގަނޑަށް ވިސްނާލެވުނީ ކޮންމެ ހުކުރުދުވަހަކު ހެނދުނު ވަކި ވަގުތެއް މާލެ އާއި ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކޮށްލައި، ދުވާށާއި ހިނގާށާއި ބައިސްކަލް ދުއްވަން ހާއްސަކޮށްލައިފި ނަމަ އާންމުން ދެކޭނެ ގޮތެކެވެ. ސުބްހާނަﷲ އެވެ. އެންމެ ކައިރީ ގިނަ މީހުން ރުޅިއައިސް ކެކިއަރައިގަތުމާ އެވެ.

މި ލިއުން ކިޔާފައި، 'މިއީ މެލޭޝިއާއެއް ނޫނޭ، މެލޭޝިއާގައި ކަންކަން ކުރާ ގޮތަށް އަހަރެމެންނަށް އުނދަގޫކުރަން މާލޭގައި ކަމެއް ކުރާނެ ކަމެއް ނެތޭ'، ބައެއް މީހުން ބުނާނެ އެވެ.

އެއްބަސްވަމެވެ. އެހެން ގައުމެއްގައި ވަކި ކަމެއް ކުރާ ގޮތަށް، ރާއްޖޭގައި އެކަމެއް ކުރާކަށް ނުޖެހެ އެވެ. ނަމަވެސް މާލޭގައި ވެސް މިކަހަލަ އިޖުތިމާއީ ދުވުންތައް، މާލޭގެ ހާލަތަށް ބިނާކޮށް، ކުރިއަށް ގެންދެވޭނެކަމާ މެދު ޝައްކެއް ނެތެވެ. އެ ހޭލުންތެރިކަން ބޮޑުކޮށްގެން އެތައް ބައެއްގެ ވިސްނުން ބަދަލު ވެސް ކޮށްލެވޭނެ އެވެ. ހެނދުނު ގަޑީގައި ހިނގާށާއި ދުވަން ނުކުންނަ މީހުންގެ އަދަދު މިހާރަށް ވުރެ އިތުރު ވެސް ކުރެވޭނެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ހުރި ރެސްޓޯރެންޓްގައި ހެނދުނުގެ ސައި ކުރިއަށް ދަނީ: ޗުއްޓީގައި ހަމައެކަނި ކެއުމުގެ ބަދަލުގައި ދުވެލަން ނުކުތުމުގެ ފައިދާ ވެސް ބޮޑުވާނެ (ފޮޓޯ/ދައުރު)

ދުވުމަކީ، ހަނދާންކުރާށެވެ!، ބާރަށް ދުވުމެއް ނޫނެވެ. ކޮންމެ ދުވަހަކު މީހާ 'ހަލާކުވަންދެން' ދުވުމެއް ވެސް ނޫން މެއެވެ. މަޑުމަޑުން 30-40 މިނިޓް ދުވެލިޔަސް ހަށިގަނޑަށް އެނގުންވާނެ އެވެ. މިއީ ދުވާލު އަޅުގަނޑުމެން އެކި ކަންކަމަށް ހުސްކޮށްލާ ވަގުތުތަކަށް ބަލާއިރު ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އަނެއްކާ ހެނދުނު ދުވެލަން ނުކުތުމުން ދުވާލުގެ އެހެން ކަންކަމަށް ބުރޫއެރިިޔަ ނުދީ ހިފަހައްޓާލެވެ އެވެ.

ހަށިގަނޑަށް އެނގުންވާ ވަރަށް ހިނގުމާއި ދުވުމަކީ މި ޒަމާނުގެ މި ދިރިއުޅުމުގެ ތެރެއަށް ކޮންމެހެން ވެސް ލާން ޖެހޭ ބައެކެވެ. އެ ބައި ނުލާ ސިއްހީ ދުޅަހެޔޮކަން ހިފަހައްޓާލަން ވަރަށް އުނދަގޫވާނެ އެވެ. ދުވުމުގައި ހުރި އުފާވެރިކަން އެނގޭނީ ވެސް، ގަވާއިދުން ދުވަސްކޮޅަކު އެކަން ކުރީމާތާ އެވެ. އެ އުފާވެރިކަމާ ދުރުނުވެވޭ ވަރަށް އެކަން އާދައަކަށް ވެއްޖެ ނަމަ ކިތައްމެހާ ވެސް ރަނގަޅެވެ. އޭރުން ގައުމުން ބޭރަށް ކުރާ ދަތުރުތަކުގައި ވެސް މިގޮތަށް ދުވެލަން ނުކުންނާނެ އެވެ. ހެނދުނުގެ ހިތްގައިމު ވަގުތު އެނދުގައި އޮތަކަނުދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް