ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ފިލްމެއްގެ މަސައްކަތުގައި ކުނަހަންދޫގައި: ފައްތާހު ވަނީ އުމުރުން 54 އަހަރުގައި ކުއްލި ގޮތަކަށް ނިޔާވެފައި (ފޮޓޯ/ސޯޝަލް މީޑިއާ)

މަރު

ފައްތާހުގެ ކުއްލި ވަކިވުން: އަބަދުވެސް އުއްމީދުކުރާނީ މޮޅު އުފެއްދުމަކަށް

އަޅުގަނޑަކީ އަބްދުލް ފައްތާހުގެ ފުރަތަމަ ފިލްމު 'ހިމޭން ދުނިޔެ'ގެ އެއް ޕްރޮޑިއުސަރު. އޭނާގެ ތަފާތަކީ ކޮންމެ އުފެއްދުމެއް ވެސް މޮޅު އެއްޗަކަށް ހަދަން ކުރާ ބުރަ މަސައްކަތް
31 ޑިސެމްބަރު 2025

"މޫސަ ދެން އާދެ ބަލަ މި ރަށަށް."

މިއީ އެކުވެރި އަބްދުލް ފައްތާހާ ގުޅާލެވޭ ކޮންމެ ފަހަރަކު ނުވަތަ އޭނާ އަޅުގަނޑަށް ގުޅާ ކޮންމެ ފަހަރަކު ދޭ ދައުވަތެކެވެ. ދެ މީހުން ނިސްބަތްވަނީ ހއ. އަށެވެ. އަޅުގަނޑުގެ އުފަން ރަށަކީ ދިއްދު އެވެ. ފައްތާހުއަކީ އަވަށްޓެރި ކެލައިން އުފެދުނު ހުނަރުވެރިއެކެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ އިހުތިރާމް ލިބުނު އެއް ޑައިރެކްޓަރު އަދި އަބަދުވެސް މޮޅު އުފެއްދުންތަކަށް އުއްމީދުކުރި ފައްތާހުއާ ކެލާ ފަސްގަނޑުން ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.

އަޅުގަނޑުގެ ގާތް އަކުވެރިޔާ އުމުރުން އެންމެ 54 އަހަރުގައި މި ދުނިޔެ އެ ދޫކުރީ އެވެ. 

ފައްތާހު އާއި އަޅުގަނޑުގެ ގުޅުން އުފެދުނީ 2000 ވަނަ އަހަރުގަ އެވެ. އަޅުގަނޑު ލިއުނު (އެކަމަކު ފައްތާހު ވަރަށް ބޮޑަށް ބަދަލުކުރި) ވާހަކަ 'ހިމޭން ދުނިޔެ'ގެ ޑައިރެކްޓަރަކަށް އޭނާ ހަމަޖެއްސި ހިސާބުންނެވެ. އަޅުގަނޑާއި އަޅުގަނޑުގެ އަަނެއް އެކުވެރިޔާ އިސްމާއިލް ނަސީރަކީ އެ ފިލްމުގެ ޕްރޮޑިއުސަރުންނެވެ.

ފައްތާހު ވަޒީފާ އަދާކުރަމުން ދިޔަ އެމްއެންޑީއެފްގެ ޑްރާމާތައް ޑައިރެކްޓްކުރުމަށް ފަހު އެތަނުން ވަކިވެގެން މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާގެ ނަން ގިނަ މީހުންނަށް އެނގެން ފެށީ ޓީވީއެމްއަށް ހަދައިދިން ސިލްސިލާތަކުންނެވެ. ފިލްމީ ދާއިރާގެ އެންމެ ބޮޑު ފިޔަވަޅު، ފީޗާ ފިލްމު އުފެއްދުމުގެ ތެރެއަށް، ފައްތާހު ނެރުނީ އަޅުގަނޑުމެންނެވެ. ނުވަތަ އޭނާ ޑައިރެކްޓްކުރާނެ ފުރަތަމަ ފިލްމަކަށް 'ހިމޭން ދުނިޔެ' ހަދަން ނިންމީ އޭނާ އަމިއްލައަށެވެ.

ފިލްމު 'ހިމޭން ދުނިޔެ'ގެ ލަވައެއް: މި ފިލްމުގެ ހުރިހާ ލަވަޔަކީ ވެސް އަމިއްލަ އުފެއްދުން

އެއީ ފައްތާހުގެ ވަރަށް ބުރަ މަސައްކަތެކެވެ. އޭރުގެ ނިސްބަތުން ކާމިޔާބު ފިލްމެއް ވެސް މެ އެވެ. ފިލްމީ ދާއިރާއަށް އާ ބަޔަކު ނުކުންނާތީ އެކަމަށް ހުރަސް އަޅަން އޭރުގެ އެންމެ ބޮޑު އެއް ސްޓޫޑިއޯ 'ސްލޭމް ސްޓޫޑިއޯ'ގެ މީހުން ނުނިދާ ތިބެ ފިލްމެއް އުފައްދައި، 'ހިމޭން ދުނިޔެ'އާ އެއް ދުވަހެއްގައި ކަހަލަ ގޮތަކަށް ސްޓާ ސިނަމާގައި އެޅުވި ވެސް މެ އެވެ. އެކަމަކު ފައްތާހުގެ ހުނަރުން އެތައް ބައެއްގެ ލޯބި ހޯދި އެވެ.

އޭގެ ފަހުން އޭނާ ވަނީ ސްލޭމް ސްޓޫޑިއޯއަށް ވެސް އެތައް ފިލްމެއް ހަދައިދީފަ އެވެ. އޭގެ ތެރޭގައި އަޅުގަނޑުގެ ވާހަކައެއްގެ މައްޗަށް އުފެއްދި ބިރުވެރި ފިލްމު 'އޭނާ' ހިމެނެ އެވެ. ޓީވީއެމްއަށް ހަދައިދިން ހަ އެޕިސޯޑްގެ ސިލްސިލާ 'ފަހު ފިޔަވަޅު' އަކީ ވެސް އޭނާގެ އެދުމަކަށް ލިއެދިން ވާހަކައެކެވެ.

ފައްތާހު (ވ) އޭނާގެ އެންމެ ފަހު ފިލްމު 'ހައްދު'ގެ ޝޫޓިންގައި: ފައްތާހު ފާހަގަކުރެވެނީ މޮޅު އުފެއްދުންތައް ނެރޭ ޑައިރެކްޓަރެއްގެ ގޮތުގައި

ފައްތާހު ފެނުނީ ބުރަކޮށް މަސައްކަތްކުރާ، އޭނާ ބޭނުން ފެންވަރުގައި ނޫނީ އެއްވެސް އުފެއްދުމެއް ނިންމާނުލައި ޑައިރެކްޓަރުންގެ ތެރޭގަ އެވެ. ފައްތާހުއާ މަސައްކަތެއް ހަވާލުކޮށްފި ނަމަ އޮންނާނެ ޔަގީންކަމަކީ 'ކަމަކަށް ކަމެއް ނުކުރާނެ' ކަމެވެ. އޭނާ ބޭނުންކުރި ތަރިންނަށާއި ޓެކްނިކަލް މީހުންނަށް އެކަން ރަނގަޅަށް އެނގޭނެ އެވެ.

އޭނާގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ހުވަފެން ވަރަށް ގިނަ ތަރިން ދެކެމުން އަ އެވެ. އޭނާގެ ލަވައަކުން ފުރުސަތު ހޯދަން އެތައް ތަރިންނެއް ބޭނުންވި އެވެ. ހަމަ އެންމެ ސަބަބަކަށެވެ: އޭނާގެ ހުށައެޅުމުގައި ތަފާތު ގޮތެއް ހުންނާނެތީ އެވެ.

ނަމަވެސް ފައްތާހުގެ އެ ހުނަރު ދޫކޮށް ކުއްލިއަކަށް ދިރިއުޅުން ބަދަލުކުރީ ކެލައަށެވެ. އެންމެ ފަހު ފިލްމު 'ހައްދު'، 2017ގައި އެޅުވުމަށް ފަހު އެވެ. އޭގެ ފަހުން ފައްތާހު އުޅުނީ އުފަން ރަށުގަ އެވެ. ދެވަނަ ޒަވާޖީ ހަޔާތެއް ވެސް ފެށި އެވެ.

ރަށުގައި އޭނާ ހިންގަމުން އައީ ރެސްޓޯރެންޓެކެެވެ. ރާއްޖޭގެ އެންމެ ރީތި ރަށްރަށުގެ ތެރޭގައި ހިމެނޭ ކެލާގައި ގެސްޓްހައުސް ހިންގަ އެވެ. އެހެންކަމުން އޭނާގެ މައިގަނޑު ކަސްޓަމަރުންނަކީ ޓޫރިސްޓުންނެވެ. ރެސްޓޯރެންޓްގައި ގިނަ ކެއުންތައް ތައްޔާރުކުރަނީ އޭނާ އަމިއްލައަށެވެ.

"އަހަންނަށް އެނގޭ ކައްކަން،" މިއީ މާލެ އައި ފަހަރެއްގައި ކޮފީއަކުން ދިމާވެގެން ފައްތާހު ބުނި އެއް ވާހަކަ އެވެ. 

ފައްތާހު ލައްވާ އިތުރު ފިލްމެއް ހެދުމުގެ ވިސްނުން، މި ފަހުން ވެސް، އަޅުގަނޑު ގެންގުޅުނީމެވެ. މާލެ އައިސް ފިލްމީ މަސައްކަތް ނުކުރުމުގެ އަޒުމުގައި ހުރި ނަމަ ކެލާގައި މުޅި ފިލްމު ނަގާ ގޮތަށް ވާހަކައެއް ލިއެދީފާނަމޭ ވެސް ބުނީމެވެ. އެކަމަކު އޭނާ ބުނީ 'މޫސަ ބޭނުން ނަމަ ޑޮކިއުމެންޓްރީ ހަދައިދީފާނަން" ކަމަށެވެ. އެގޮތުން އޭނާ ހިޔާލު ދިނީ ހއ.ގެ ތާރީހީ ޑޮކިއުމެންޓަރީތައް ހެދުމަށެވެ. އެކަމާ މެދު ވިސްނާނެ ވާހަކަ އަޅުގަނޑު ބުނީމެވެ. ހަމަ އެ ވަގުތު އޭނާގެ އެދުމަކަށް ވީ "މޫސަ ހުންނަން ވާނީ މި ރަށުގައި" ކަމަށެވެ.

"ދެން ވީޑިއޯ ނަގަންވީމާ އެހެން ތަންތަނަށް ދާނީ" ކަމަށް ބުންޏެވެ.

އެފަހަރު ވެސް އޭނާގެ ވާހަކަތައް ހުރީ އެ ހަދާ އެއްޗެއް 'ވަރަށް މޮޅަށް' ގެނެސްދޭނެ ކަމުގެ މައްޗަށެވެ. މީހުންނަށް ކަމުދާނެ ވަރަށް ތަފާތު ޑޮކިއުމެންޓްރީތަކެއް ހެދޭނެ ގިނަ ހާދިސާތަކެއް ހއ. އަތޮޅާ ގުޅިފައިވާ ކަމެވެ.

ފައްތާހު (ކ) އޭނާގެ އެންމެ ފަހު ފިލްމު 'ހައްދު'ގެ ބައެއް ތަރިންނާ އެކު

ސިޔާސީ މަގާމަކަށް ކުރިމަތިލާކަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފައްތާހު އިއުލާންކުރި އެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކެލާ ކައުންސިލްގެ ރައީސްގެ ކެންޑިޑޭޓްގެ ޓިކެޓް ލިބުނީ ވެސް އޭނާއަށެވެ. 'މިހާރު'ގައި އެ ހަބަރު ޖެހުމުން އަޅުގަނޑަށް ގުޅި އެވެ. އަޅުގަނޑު މިހާރު އުޅެނީ 'ދައުރު'ގައި ކަން އޭނާއަށް އެނގެ އެވެ. އެކަމަކު އެ ހަބަރުގައި އޮތް ކުށެއް ރަނގަޅުކޮށްލަން ގުޅާނެ މީހަކު ނޭނގޭތީ އެކަމަށް އެހީތެރިވެދިނުމަށެވެ.

އެއީ ފައްތާހުއާ އަޅުގަނޑު ވާހަކަ ދެއްކި ފަހު ފަހަރެވެ. އޭނާގެ ހުނުންގަނޑުގެ އަޑު އިވުނު ވެސް ފަހު ފަހަރެވެ.

ޓީވީ ޕްރޮގްރާމްތަކުގެ ހުށައެޅުންތެރިޔާ ހުސެއިން ފަރިޔާޒަކީ ފައްތާހުއާ އެންމެ ފަހުން ބައްދަލުވި އެކެކެވެ. އޭނާގެ ހިތްހެޔޮކަމުގެ އުފާ ލިބުނު ނަސީބުވެރިއެއް ވެސް މެ އެވެ.

"ފައްތާހުއަކީ ރައްޓެހިންނަށް ވަރަށް އޯގާތެރި އެހާމެ ކަމޭހިތާ އެކުވެރިއަކަށް ވާތީ އެރަށުގައި ހޭދަކުރި 3 ދުވަހު ފައްތާހު އާއި ވަރަށް ގާތްކޮށް އުޅެވުނެވެ،" ފައްތާހުގެ ކުއްލި ވަކިވެދިއުމާ ގުޅިގެން ރޭ ލިއުނު ފޭސްބުކް ޕޯސްޓެއްގައި ފަރިޔާޒުގެ އިހުސާސްތައް ބަންޑުކޮށްލި އެވެ.

ފައްތާހު (ވ) އޭނާގެ ރަށް ހއ. ކެލާގައި ހިންގާ އަމިއްލަ ރެސްޓޯރެންޓްގައި ޓީވީ ހުށައެޅުންތެރިޔާ ހުސެއިން ފަރިޔާޒްއާ އެކު

"ކޮންމެ ދުވަހަކު އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކޮށް ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކުރެވުނެވެ. އާއިލާގެ ވާހަކަތަކާއި މަންމަގެ ތަފާތު އެކި ވާހަކަތަކެވެ. މުސްތަގުބަލަށް ކުރާ އުންމީދެވެ. ކައުންސިލް އިންތިހާބަށް ނިކުތުމާ ގުޅޭ ވާހަކަތަކެވެ."

މި ދިރިއުޅުމުގައި ދެކޭ ހުރިހާ ހުވަފެނެއް ސީދަލެއް ނުވެ އެވެ. ފައްތާހު އެދުނު ގޮތަށް އަޅުގަނޑަށް އޭނާގެ ރަށުގައި ބައްދަލެއްނުކުރެވުނެވެ. އޭނާގެ ރީތި ކެފޭއަށް ޒިޔާރަތެއް ނުކުރެވުނެވެ. އޭނާގެ އަމިއްލަ ކެއުމެއްގެ ރަހަ ބަލައެއް ނުލެވުނެވެ.

އެކަމަކު ދުވަހަކު ވެސް ފައްތާހުގެ ހަނދާންތައް އަޅުގަނޑުގެ ހަޔާތުން ފިލައިގެން ނުދާނެކަން ކަށަވަރެވެ. އޭނާގެ އުފެއްދުންތަކުން ހިތްހަމަޖެހުނު މީހުންނަށް އެއީ ރާއްޖޭގެ އެންމެ މޮޅު އެއް ޑައިރެކްޓަރެވެ. އޭނާ ލައްވާ ފިލްމާއި ލަވަތައް ހެއްދެވި މީހުންނަށް އެއީ އިތުބާރު ހިފޭ، ޔަގީންކަން އޮތް ފަންނުވެރިއެކެވެ. އޭނާއާ އެކު މަސައްކަތްކުރި ތަރިންނަށް އެއީ މަގުކޮށައިދޭ ތަޖުރިބާކާރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް